Roadha Mihaaru
މިއަހަރު ވެސް ގާ ހުދުވުމުގެ މައްސަލަ ދިމާވާން ފަށައިފި

މި އަހަރު ވެސް ގާ ހުދުވުމުގެ މައްސަލަ ދިމާވާން ފަށައިފި

17 މާޗް 2024

ކަނޑުގެ ހޫނުމިން މައްޗަށް ދިޔުމާ ގުޅިގެން ހިނގާ، ގާ ހުދުވުމުގެ ބޮޑު ހާދިސާއެއް މި އަހަރު ވެސް ހިނގައިފާނެ ކަމުގެ އިންޒާރު މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އިން މިއަދު ދީފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކަނޑުގެ ހޫނުމިން މައްޗަށް ދިޔުމާ ގުޅިގެން ހިނގާ، ގާ ހުދުވުމުގެ ބޮޑު ހާދިސާއެއް މި އަހަރު ވެސް ހިނގައިފާނެ ކަމުގެ އިންޒާރު މޯލްޑިވްސް މެރިން ރިސާޗު އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އިން މިއަދު ދީފި އެވެ.

މިދިޔަ އަހަރު ވެސް ހަމަ މި ދުވަސްވަރު ވަނީ ގާ ހުދުވެފައިވާ ތަންތަން ފެންނަން ފަށައިފަ އެވެ.

ގާ ހުދުވުމުގެ ހާދިސާއެއް ދިމާވާނެ ކަމަށް ލަފާކޮށް ނެރޭ ފޯކާސްޓްގައި ރާއްޖެ މިހާރު އޮތީ "ވޮޗް ލެވަލް"ގަ އެވެ. ކުރިއަށް އޮތް 12 ވަރަކަށް ހަފުތާގެ ތެރޭގައި، ވަރަށް ނުރައްކާތެރި ދަރަޖައަކަށް އަރާނެ ކަމަށް އެމްއެމްއާރްއައި އިން ވަނީ ލަފާކޮށްފަ އެވެ.

ރާއްޖެއަށް އެންމެ ހޫނުގަދަވާ ފެބްރުއަރީ - މޭ ދުވަސްވަރު މި އައި އިންޒާރާ އެކު، އެމްއެމްއާރްއައި އިން ބުނީ ގާ ހުދުވާކަން ފާހަގަވެއްޖެ ނަމަ، އީމެއިލް ނުވަތަ އެ އިދާރާގެ ވެބްސައިޓް މެދުވެރިކޮށް ރިޕޯޓްކުރުމަށް އެދޭ ކަމަށެވެ.

ގާ ހުދުވުމަށް މެދުވެރިވާ އެންމެ ބޮޑު ސަބަބަކީ މޫސުމަށް އަންނަ ބަދަލުތަކާ އެކު، އާދަޔާ ހިލާފަށް ދުނިޔެ ހޫނުވުމެވެ.

މިފަދަ ހާދިސާއަކުން ލިބޭ ގެއްލުން ކުޑަކުރަން އަޅަން ޖެހޭ ފިޔަވަޅުތައް ވެސް އެބަހުއްޓެވެ. އެމްއެމްއާރްއައި އިން ކުރިން ބުނެފައިވާ ގޮތުގައި، ހާއްސަކޮށް ފަޅު ކޮނުމާއި ބިން ހިއްކުމުގެ މަޝްރޫއުތައް ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ހިންގަމުންދިއުމަކީ ގާ ހުދުވުމުގެ ހާދިސާއަކަށް ފަހު ފަރުތައް އަލުން އިއާދަވާން ހުރަސްއަޅައިފާނެ ކަމެކެވެ. އެހެންވެ، އެފަދަ މަޝްރޫއުތައް ހިންގުމުގައި މިކަމަށް ސަމާލުވާންޖެހެ އެވެ.

އެ އިދާރާއިން "މިހާރު" އަށް ކުރިން ދީފައިވާ މައުލޫމާތުތަކުން އެނގޭ ގޮތުގައި، ރާއްޖޭގެ ފަރުތަކުން ފުޅާ ދާއިރާއެއްގައި ގާ ހުދުވުމުގެ ހާދިސާއެއް ފުރަތަމަ ފަހަރަށް 1998ގައި ފާހަގަކުރެވުނު ފަހުން އެފަދަ ހާދިސާތަކުގެ ދޭތެރެ ދަނީ ކައިރިވަމުންނެވެ. އެ އަހަރުގެ ފަހުން ހިނގި އެންމެ ބޮޑު ހާދިސާއަކީ 2016 ގައި އައި ގާ ހުދުވުމެވެ.

ގާ ހުދުވުމުގެ ހާދިސާއެއް އެންމެ ރަނގަޅަށް ދިރާސާކުރެވުނީ އެ ފަހަރެވެ. އެ ދިރާސާއަށް ފަހު އެމްއެމްއާރްއައި އިން ނެރުނު ރިޕޯޓުގައިވާ ގޮތުން، 2016 ގައި 73 ޕަސެންޓް މުރަކަ ހުދުވި އެވެ.