Roadha Mihaaru
ލައިޝާ އަށް "ބޮޑު ޝޮކެއް"، މައާފަށް އެދިއްޖެ

"ހޯދޭތޯ މަންޒިލެއް"ގެ ހަގީގަތް އެނގުމުން ލައިޝާ އަށް ޝޮކެއް، މައާފަށް އެދިއްޖެ

17 ފެބުރުއަރީ 2017

"މޯލްޑިވިއަން އައިޑޮލް" ސީޒަން އެކެއް ކާމިޔާބު ކުރި ލަވަ ކިޔުންތެރިޔާ ލައިޝާ ޖުނައިދުގެ ފުރަތަމަ އަލްބަމްގައި ހިމެނޭ "ހޯދޭތޯ މަންޒިލެއް" އަކީ ކުރީގެ ރާގަކަށް ހަދާފައިވާ ލަވައެއްކަން އެނގުމުން ވަރަށް ބޮޑަށް ހައިރާންވެ، އާންމުންގެ ކިބައިން މައާފަށް ވެސް މިއަދު އެދިއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"މޯލްޑިވިއަން އައިޑޮލް" ސީޒަން އެކެއް ކާމިޔާބު ކުރި ލަވަ ކިޔުންތެރިޔާ ލައިޝާ ޖުނައިދުގެ ފުރަތަމަ އަލްބަމްގައި ހިމެނޭ "ހޯދޭތޯ މަންޒިލެއް" އަކީ ކުރީގެ ރާގަކަށް ހަދާފައިވާ ލަވައެއްކަން އެނގުމުން ވަރަށް ބޮޑަށް ހައިރާންވެ، އާންމުންގެ ކިބައިން މައާފަށް ވެސް މިއަދު އެދިއްޖެ އެވެ.

މޯލްޑިވިއަން އައިޑޮލްގެ އެއް ފަނޑިޔާރު ކަމަށްވާ އިބްރާހިމް ޒައިދު އަލީ (ކުޑައިއްބެ) އާއި އޭނާއާ އެކު ޓޯނިކް ލައިވް ސްޓޫޑިއޯ ހިންގާ ފަޒީލް ޚަލީލު ތައްޔާރުކުރި ރާގަށް އެންމެ ފުރަތަމަ ލަވަކިޔާފައި ވަނީ ފަޒީލްގެ ދަރިފުޅު އައިޝަތު އައިން ފަޒީލް، 2013 ގެ ސްކޫލްތަކުގެ ލަވަ މުބާރާތުގަ އެވެ. އައިންގެ ލަވައަށް ޅެން ހަދައިދިނީ ހުސެން ނާހިދެވެ.

ޕީއެސްއެމުން ތައްޔާރުކުރި ލައިޝާގެ އަލްބަމްގެ ހުރިހާ މަސައްކަތެއް ހަވާލުކުރީ ޓޯނިކް ލައިވް ސްޓޫޑިއޯއާ އެވެ. ޕީއެސްއެމުން އެ އަލްބަމް އެ ސްޓޫޑިއޯއާ ހަވާލުކުރީ ސައްތަ އިން ސައްތަ އާ ރާގުތަކާ އެކު ނެރޭށެވެ.

އެކަމަކު މިދިޔަ މަހުގެ 26 ގައި ރިޒީލްކުރި ލަވަ އަކީ ކުރިން އެ ސްޓޫޑިއޯ އިން ތައްޔާރުކޮށް އާންމުކުރި ރާގެއް ކަމަކަށް ބުނެފައެއް ނުވެ އެވެ. އެހެންކަމުން އެ ރާގުގެ ހަގީގަތެއް ލައިޝާއަށް ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

މުހައްމަދު އަބްދުލްޣަނީ (ތޭރަވާ) ލަވަ ހަދައިދިން "ހޯދޭތޯ މަންޒިލެއް" ގެ ވީޑިއޯ އަށް މިހާތަނަށް 30،000 އަށް ވުރެ ގިނަ ވިއުސް ލިބިފައިވެ އެވެ.

ފޭސްބުކްގައި އާންމުކުރި ބަޔާނެއްގައި ލައިޝާ ބުނީ އެ ލަވަ އޭނާއާ ހަމައަށް ގެންދިޔައީ "އޮރިޖިނަލް މެލޮޑީއެއް" ކަމަށް ބުނެ ކަމަށެވެ. އަދި ލަވަ ރެކޯޑްކޮށް ނިންމާލި އިރު ވެސް، އެއީ ކުރީގެ ރާގަކަށް ހަދާފައި އޮތް ލަވައެއްކަން ނޭނގޭ ކަމަށް ވެސް ބުންޏެވެ.

ލައިޝާގެ ލަވަ އާއި އައިންގެ ލަވަ އެއްކޮށްލައިގެން ހަދާފައިވާ ވީޑިއޯއެއް.

އޭނާ ބުނި ގޮތުގައި "ހޯދޭތޯ މަންޒިލެއް" އަކީ "ކޮޕީކޮށްފައި އޮތް ރާގެއްކަން އެނގުމުން ބޮޑު ޝޮކެއް" ލިބުނެވެ.

"...އަހަންނަކީ ހަމައެކަނި ލަވަ ކިޔުންތެރިއެއް. ލަވަ ކިޔުންތެރިއެއްގެ ޒިންމާ މީގައި އަހަރެން އަދާކޮށްފައި އެ އޮތީ. ލަވައިގެ ކޮންމެ ނޯޓެއް އަހަރެން ކިޔާފައި ވާނީ ކޮމްޕޯޒަރު ބުނި ގޮތަށް،" ޒުވާން ލަވަކިޔުންތެރިޔާ ބުންޏެވެ.

"އަދި މި ލަވައަކީ އޮރިޖިނަލް ލަވައެއްގެ ގޮތުގައި ދޫކޮށްލެވުނީތީ އެކަމަށް މައާފަށް ވެސް އެދެން."

ލައިޝާ ބުނީ ލަވަ ކިއުން ފިޔަވައި އޭގައި އޭނާގެ އެއްވެސް ދައުރެއް ނޯންނާނެ ކަމަށެވެ.

މި ތަޖުރިބާއާ އެކު އޭނާ ދިން ޔަގީންކަމަކީ ކުރިއަށް އޮތް ތަނުގައި "100 ޕަސަންޓް އަމިއްލަ ރާގަކަށް" ނޫނީ ލަވަ ނުކިޔާނެ ކަމެވެ.

"ކުރިއަށް އޮތް ތަނުގައި އަހަރެންގެ ފަރާތުން ފެންނާނީ ހަމަ މުޅިން ވެސް 100 ޕަސެންޓް އަމިއްލަ އުފެއްދުންކަމުގެ ޔަގީންކަން ދެން،" ލައިޝާ ބުންޏެވެ.

"ހޯދޭތޯ މަންޒިލެއް" ލަވަ ހެދުމުގައި ޒިންމާވި ހުރިހާ މީހުން އެ މީހުންގެ ކުށް ގަބޫލްކޮށް މައާފަށް އެދުމަށް ވެސް އޭނާ ވަނީ ގޮވާލައިފަ އެވެ.

މިި މައްސަލާގައި ކުޑައިއްބެމެންގެ ފަރާތުން އަދި އެއްވެސް އެއްޗެކޭ ނުބުނެ އެވެ. އޭނާގެ ފޯނު ނިންވާލާފައި އޮތުމުން ގުޅޭ ގޮތް ވަނީ ނުވެފަ އެވެ.