Roadha Mihaaru
އައިޑޮލްގެ ތިއޭޓަ ރައުންޑް އަންނަ ހަފުތާގައި

މޯލްޑިވިއަން އައިޑޮލް: އަންނަ ހަފުތާގައި އޮންނާނީ ތިއޭޓަ ރައުންޑް

05 ފެބުރުއަރީ 2017

"މޯލްޑިވިއަން އައިޑޮލް" ސީޒަން 2 ގެ އޮޑިޝަން ޝޯތައް ރޭ ނިންމާލައި، އަންނަ ހަފުތާގައި ތިއޭޓަ ރައުންޑްގެ ޝޯ އަށް ބެލުންތެރިން ގެންގޮސް ދޭނެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

"މޯލްޑިވިއަން އައިޑޮލް" ސީޒަން 2 ގެ އޮޑިޝަން ޝޯތައް ރޭ ނިންމާލައި، އަންނަ ހަފުތާގައި ތިއޭޓަ ރައުންޑްގެ ޝޯ އަށް ބެލުންތެރިން ގެންގޮސް ދޭނެ އެވެ.

އޮޑިޝަން އެޕިސޯޑްތައް ނިންމައިލީ ހދ. ކުޅުދުއްފުއްޓާއި ބ. އޭދަފުށީގައި ބޭއްވި އޮޑިޝަނާ އެކުގަ އެވެ.

ރޭގެ އެޕިސޯޑަށް ބަލާ އިރު، ގޯލްޑެން ޓިކެޓް ހާސިލްކޮށް، ތިއޭޓަ ރައުންޑުން ނުވަ ބައިވެރިއަކަށް ވަނީ ފުރުސަތު ލިބިފަ އެވެ.

އެ ބައިވެރިންނަކީ ހަމްދާން، އައުޝަމް، ސައްމާހް، ޝައިބާން، ނަޝްފާން، އަރުޒަމް، މާދު، އައިމަން އަދި ވަހީދެވެ.

މި ބައިވެރިންނަށް ބަލާ އިރު، ކުޅުދުއްފުށިން ގޯލްޑެން ޓިކެޓް ހޯދި އައިމަންއަކީ މިދިޔަ އަހަރު ވެސް "މޯލްޑިވިއަން އައިޑޮލް" ގެ ގޯލްޑެން ޓިކެޓާ އެކު ތިއޭޓަ ރައުންޑް ކަޓައިގެން ދިޔަ ބައިވެރިއެކެވެ.

ކޮނޑު މައްޗަށް ގިޓާ ލައިގެން ރޭ އެންމެ ފަހުން ލަވަ ކިޔައި، ޓިކެޓް ހޯދި ވަހީދަކީ ށ. ކޮމަންޑޫން ކުޅުދުއްފުއްޓަށް ދިޔަ ބައިވެރިއެކެވެ. އޭނާގެ ހުށަހެޅުންވެގެން ދިޔައީ ތިން ޖަޖުންނަށް ވެސް ވަރަށް ސަޅި ހުށަހެޅުމަކަށެވެ.

ރޭ ގޯލްޑެން ޓިކެޓް ހޯދި އައުޝަމް.

މީގެ އިތުރުން އޭދަފުށިން ޓީކެޓް ހޯދި އަރުޒަމަކީ ވެސް އާދަޔާހިލާފު ބައިވެރިއެކެވެ. އުމުރުން 19 އަހަރުގެ މި ޒުވާނާއަކީ ސްކޫލެއްގެ ޓީޗަރެކެވެ. ދެން ޓިކެޓް ހޯދި ބައިވެރިންގެ ތެރެއިން އުމުރުން 16 އަހަރުގެ އައުޝަމްވެގެން ދިޔައީ ޖަޖުންނަށް ވަރަށް "ކިއުޓްވި" ބައިވެރިއަކަށެވެ. އޭނާގެ ހުށަހެޅުން ވެސް ވަރަށް ހިތްގައިމެވެ.

ކުޅުދުއްފުއްޓާއި އޭދަފުށީގެ އޮޑިޝަން އެޕިސޯޑް ނިމިގެން ދިޔަ އިރު، ރޭ އެންމެ ފާހަގަ ކުރެވުނު އެއް ކަމަކީ އެއްވެސް އަންހެން ބައިވެރިއަކަށް ގޯލްޑެން ޓިކެޓް ހާސިލް ނުލިބުމެވެ.

ރޭ ގޯލްޑެން ޓިކެޓް ހޯދި ވަހީދު.

އއ. މަތިވަރީގައި ބާއްވާ ތިއޭޓަ ރައުންޑް ވެގެން ދާނީ ވަރަށް ފޯރި ގަދަ ހުށަހެޅުންތަކެއް ފެނިގެން ދާނެ އެޕިސޯޑްތަކަކަށެވެ. ތިއޭޓަ ރައުންޑުން ހޮވޭ ބައިވެރިންނަކީ ޝޯގެ ގާލާ ރައުންޑުން ފުރުސަތު ލިބިގެން ދާނެ ބައިވެރިންނެވެ.

ރާއްޖޭގެ އެކި ހިސާބުތަކުން ގޯލްޑެން ޓިކެޓް ހޯދި ހުރިހާ ބައިވެރިން އެއްތަންވެގެން ހުށަހަޅައިދޭ، ލަވަތައް އަންނަ ހަފުތާގެ ތެރޭގައި ފެނިގެން ދާނެ އެވެ.

ފްރެންޗައިޒް އުސޫލުން ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، ރިއަލިޓީ ޝޯ "މޯލްޑިވިއަން އައިޑޮލް" ގެ އޮޑިޝަންތައް މި ފަހަރު ބޭއްވީ މާލެ އާއި އައްޑޫ، ލ. ގަން، ބ. އޭދަފުށި އަދި ހދ. ކުޅުދުއްފުށީގަ އެވެ.