Roadha Mihaaru
ގުޅިފަޅުން 127 ހެކްޓަރު ހިއްކައިފި

ގުޅިފަޅުން 127 ހެކްޓަރު ހިއްކައިފި، މަހެއް ތެރޭ ފުރަތަމަ ބައި ނިންމާލެވޭނެ: މިނިސްޓަރު

20 މާޗް 2024

ގުޅިފަޅު ހިއްކުމުގެ މަޝްރޫއު 127 ޕަސެންޓް ނިންމާފައިވާ ކަމަށާއި ކުރިއަށް އޮތް މަސްދުވަސް ތެރޭ މިހާރު ހަވާލުކޮށްފައިވާ ބައި ހިއްކައި ނިމޭނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ގުޅިފަޅު ހިއްކުމުގެ މަޝްރޫއު 127 ޕަސެންޓް ނިންމާފައިވާ ކަމަށާއި ކުރިއަށް އޮތް މަސްދުވަސް ތެރޭ މިހާރު ހަވާލުކޮށްފައިވާ ބައި ހިއްކައި ނިމޭނެ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު މިއަދު ވިދާޅުވެއްޖެ އެވެ.

ގުޅިފަޅު ހިއްކުމުގެ މަސައްކަތް ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކުރީ އޮކްޓޯބަރު 17، 2019 ގަ އެވެ. އެއީ ދެ ބިލިއަން ރުފިޔާ އަށް، 65 ހެކްޓަރު ހިއްކާށެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގުޅިފަޅަށް އިތުރު 85 ހެކްޓަރު އިތުރުކޮށް، ދެ ވަނަ ފިޔަވަހިން 150 ހެކްޓަރު ހިއްކަން ނިންމަވައިފަ އެވެ.

މިނިސްޓްރީން ކުރިއަށް ގެންދާ މަޝްރޫއުތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށް ގުޅިފަޅުގެ 127.9 ހެކްޓަރުގެ ބިން ހިއްކާ ނިންމާފައިވާ ކަމަށެވެ.

ބޮސްކާލިސްއާ ބިން ހިއްކުމަށް މިހާރު ހަވާލުކޮށްފައިވާ ބައި ކުރިއަށް އޮތް މަހެއް ތެރޭ ނިމޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެއަށްފަހު ރައީސް [ޑރ. މުހައްމަދު މުއިއްޒު] އިއުލާން ކުރެއްވި 85 ހެކްޓަރުގެ މަސައްކަތް ކުރާނެ. އެއީ އެއީ މިހާރު ކުރިއަށްދާ ކޮންޓްރެކްޓުގެ ތެރޭ ހިމެނޭ މަސައްކަތެއް ނޫން ވީމާ، މިހާރު ކުރިއަށްދާ ކޮންޓްރެކްޓުގެ މަސައްކަތް ނިމުމަށްފަހު އިތުރަށް ހިއްކަން ޖެހޭ ބައި ހިއްކުމުގެ މަސައްކަތް ފެށުމަށް ވާން ޖެހޭ ތައްޔާރީތައް އަޅުގަނޑުމެން ވަމުން ގެންދާނަން،" އޭނާ ވިދާޅުވި އެވެ.

ގުޅިފަޅުން ހިއްކާ ސަރަހައްދުގައި ބޮޑު ހިލަ ޖެހުމުގެ މަސައްކަތް އަންނަ މަހު ފަށާނެ ކަމަށާއި އެ މަސައްކަތް ހަ މަސް ތެރޭ ނިމޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ބިން ހިއްކައި، ޝޯ ޕްރޮޓެކްޝަން ޖަހާ ނިންމާލުމަށް ފަހު ތިލަމާލެ ބްރިޖު މަސައްކަތަށް މަގު ހެދުމަށް ބޭނުންވާ ބިން މި އަހަރު ތެރޭ އެފްކޮންސްއާ ހަވާލު ކުރާނެ ކަމަށް ވެސް މުއްތޮލިބު ވިދާޅުވި އެވެ.

ގުޅިފަޅު ހިއްކަން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފެށީ ސަރުކާރުން އެތަނުގައި ހަދާ ސަރަހައްދީ ބަނދަރު ނުވަތަ ޕޯޓްގެ މަސައްކަތަށެވެ. އޭގެ އިތުރުން، އެ ތަނުން މާލޭ މީހުންނަށް ވެސް ވަނީ ގޯތި ދީފަ އެވެ.

އޭރު ސަރުކާރުން ވަނީ ހުޅުމާލެ 2 އާއި އަލަށް ހިއްކާ ހުޅުމާލެ 3 އާއި ގުޅިފަޅާއި ގިރާވަރުފަޅުން 9،000 ގޯތި ދޭން ނިންމައިފަ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް ރަޖިސްޓަރީ އަދި ބައެއް މީހުންނަށް ބިންތައް ވެސް އޭރު ހަވާލު ކުރި އެވެ. މެދުކެނޑުމަކަށް ފަހު މިހާރު އަނެއްކާ ވެސް ވަނީ ރަޖިސްޓަރީ ދޫކުރަން ފަށައިފަ އެވެ.