Roadha Mihaaru

ރައީސް ބޭނުންވަނީ އިންޑިއާ އިން ލުއި ގޮތްތަކެއް!

21 މާޗް 2024

ނުކަތާ ވަރުގެ ބޮޑެތި ލޯނުތަކެއް އިންޑިއާ އިން ރާއްޖެ އަށް ނަގާފައިވާއިރު އެ މަނިކުފާނު ބޭނުންފުޅު ވަނީ އެ ގައުމުގެ ސަރުކާރުން ލުއި ގޮތްތަކެއް ކަމަށާއި ދެ ގައުމުގެ ގުޅުން ގޯސްވާ އެއްވެސް ފިޔަވަޅެއް އަދި އެ ފަދަ ވާހަކަފުޅެއް ވެސް ނުދައްކަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

ނުކަތާ ވަރުގެ ބޮޑެތި ލޯނުތަކެއް އިންޑިއާ އިން ރާއްޖެ އަށް ނަގާފައިވާއިރު އެ މަނިކުފާނު ބޭނުންފުޅު ވަނީ އެ ގައުމުގެ ސަރުކާރުން ލުއި ގޮތްތަކެއް ކަމަށާއި ދެ ގައުމުގެ ގުޅުން ގޯސްވާ އެއްވެސް ފިޔަވަޅެއް އަދި އެ ފަދަ ވާހަކަފުޅެއް ވެސް ނުދައްކަވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އިއްޔެ ވިދާޅުވެއްޖެ އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމުގެ ހުވާކުރެއްވި ރައީސް މުއިއްޒު އެހެން ވިދާޅުވީ، އެ މަނިކުފާނުގެ ފުރަތަމަ އިންޓަވިއުގައި ރާއްޖެ އާއި އިންޑިއާގެ ގުޅުމާ ގުޅޭ ގޮތުން "މިހާރު" އިން ސުވާލުތައް ދެންނެވުމުންނެވެ.

"އަޅުގަނޑުމެންނަށް ވާރުތަވެފައި މި އޮތް ހާލަތުގައި މި އޮތީ އިންޑިއާގެ ވަރަށް ބޮޑެތި ލޯނުތަކެއް ނަގާފައި. އެހެންވީމާ އެ ލޯނުތައް ދެއްކޭނެ ލުއި ގޮތްތަކެއް ހޯދަން މަޝްވަރާ ކުރަނީ. ހިނގަމުންދާ މަޝްރޫއުތައް ވެސް ހުއްޓާލުމުގެ ބަދަލުގައި ބާރު ސްޕީޑުގައި ދިއުން. އެހެންވީމާ އަޅުގަނޑަކަށް ނުފެނޭ [ރާއްޖެ އާއި އިންޑިއާގެ ގުޅުމަށް] ހީނަރުކަމެއް އަންނާނެ ތަނެއް،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ރާއްޖެ އަށް އިންޑިއާ އިން ނަގާފައި ވަނީ ރާއްޖޭގެ އިގްތިސާދަށް ނުކަތާ ވަރުގެ ބޮޑެތި ލޯނުތަކެކެވެ. އެހެންވެ، އިންޑިއާ ސަރުކާރާ އެކު މަޝްވަރާ ކުރައްވަނީ ރާއްޖޭގެ އިގުތިސާދުގެ ގާބިލްކަން ހުރި ވަރަކުން އެ ލޯނުތައް އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކެއް ހޯދަން ކަމަށް ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި އިންޑިއާގެ އެކްސްޕޯޓް އެންޑް އިމްޕޯޓު ބޭންކް (އެގްޒިމް ބޭންކު) އިން ނެގި ލޯނުގެ އަދަދު 1.4 ބިލިއަން ޑޮލަރު (22 ބިލިއަން ރުފިޔާ) އަށް އަރަ އެވެ. އެއާ އެކު، އެގްޒިމް ބޭންކުން ނެގި ލޯނުތަކަށް މިދިޔަ އަހަރުގެ ނިޔަލަށް ދައުލަތުން ދައްކަން ޖެހޭ އަދަދު 6.2 ބިލިއަން ރުފިޔާ އަށް ވަނީ އަރައިފަ އެވެ.

ރައީސް މުއިއްޒު ވިދާޅުވީ، އިންޑިއާގެ ލޯނުތައް އަނބުރާ ދެއްކުމުގައި ލުއި ގޮތްތަކެއް ފެންނާނެ ކަމުގެ އުންމީދު އެބައޮތް ކަމަށެވެ.

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލުމަކީ ރައީސްގެ ވައުދެއް ކަމަށް ވެފައި އެ ކަން އެ ގޮތަށް ކުރާތީ ދެ ގައުމުގެ ގުޅުމަށް ބުރޫއަރާފައިވާ ކަމަށް ދެއްކެވޭ ވާހަކަތަކާ ގުޅޭ ގޮތުން ސުވާލު ދެންނެވުމުން ރައީސް ވިދާޅުވީ، އެ މަނިކުފާނުގެ ވިސްނުންފުޅަކީ ދިވެހިން އަމިއްލަ އަށް ކަންކަން ކުރުން ކަމަށެވެ. އެއާ އެމްބިއުލާންސްތައް ތައާރަފު ކުރުމާއި ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބަލަހައްޓަން ފުރަތަމަ ފަހަރަށް އަސްކަރީ ޑްރޯން ގަނެ އަދި ކޯސްޓްގާޑަށް އިތުރު އުޅަނދު ހޯދަނީ ވެސް އެހެންވެ ކަމަށް ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ފާހަގަކުރެއްވި ގޮތުގައި އިންޑިއާ އިން ހަދިޔާކުރި ދެ ހެލިކޮޕްޓަރާއި ޑޯނިއާ މަތިންދާބޯޓު ރާއްޖޭގައި ދުއްވަނީ އެ ގައުމާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ. އެ އަށް އިހުތިރާމު ކުރައްވާ ކަމަށް ވިދާޅުވި އެވެ.

އިންޑިއާ އިން ހަދިޔާ ކޮށްގެން ރާއްޖޭގައި ދުއްވާ ހެލިކޮޕްޓަރު

އިންޑިއާ އިން ހަދިޔާ ކޮށްގެން ރާއްޖޭގައި ދުއްވާ ހެލިކޮޕްޓަރު

"އެކަމަކު، [އިންޑިއާގެ] ސިފައިން ތިބެގެން ނުވާނެ. އެންމެ މުހިންމު ކަމަކީ ސިފައިން ނުތިބުން. ދެން އެންމެ ރަނގަޅު ގޮތަކީ ދިވެހިން އެ ތަކެތި އޮޕަރޭޓްކުރުން. އެ ދޭތެރޭގައި މެދު ސޮލިއުޝަނެއް މި އައީ، ރައީސް ވިދާޅުވި އެވެ.

"ދިވެހިންގެ ބަދަލުގައި އެ މީހުންގެ ވެސް މަދަނީ މީހުން ތިބުން. އެންމެ މުހިންމު ޓާގެޓް ހާސިލްކުރަން އަޅުގަނޑު އެންމެ މުހިންމު އިސްކަމެއް މި ދިނީ. އެއީ [އިންޑިއާގެ] ސިފައިން ފޮނުވާލުން."

ރައީސް މުއިއްޒު ވިދާޅުވީ، ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިންނާ މެދު އެ މަނިކުފާނުގެ ސަރުކާރުން އަމަލުކުރީ އެންމެ އަވަހަށް އަދި އެންމެ ފަސޭހައިން ކަން ކުރެވޭނެ އުސޫލެއް މަޝްވަރާގެ ތެރެއިން ހޯދުމަށް ކަމަށެވެ.

"އަޅުގަނޑުމެންނަށް ފެނުނު ކަން ނޭނގޭ ކުރީގައި ސަރުކާރެއްގައި މީގެ ތެރެއިން އެއް ޕްލެޓްފޯމެއް ކަން ނޭނގޭ އޭރު އޮތީ. އެންމެ ހެލިކޮޕްޓަރެއް ކަން ނޭނގޭ އޭރު އޮތީ. އަށެއްކަ އިންޑިއާ ސިފައިން ކަން ނޭނގޭ އެ ދުއްވަން ތިބީ. އެ މީހުން ފޮނުވާ ނުލެވިގެން ވިސާ ކެންސަލް ކޮށް ވަރަށް ކަންތައްތަކެއް ކުރި އަޑު އެހިން އަޅުގަނޑު. އެކަމަކު އެކަމެއް [އޭރު ތިބި އިންޑިއާ ސިފައިން ބޭލުން] ނުވެއެއް ނޫންތޯ،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ ދުބާއީގައި ބައްދަލުކުރައްވަނީ.

ރައީސް މުއިއްޒާއި އިންޑިއާގެ ބޮޑުވަޒީރު މޯދީ ދުބާއީގައި ބައްދަލުކުރައްވަނީ.

އެ މަނިކުފާނު އެ އިޝާރާތް ކުރައްވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ދުވަސްވަރު ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ފޮނުވާލަން ކުރި މަސައްކަތްތަކަށެވެ. ރައީސް މުއިއްޒު ފާހަގަކުރައްވަނީ އެކަމަކު، އިންޑިއާގެ ސިފައިންގެ ވިސާ ކެންސަލް ކޮށްގެން ވެސް އެ ސަރުކާރަށް އޭރު އެކަން ނުވި ކަމެވެ.

އޭރު ވެސް މިހާރު ވެސް ކުރަން އުޅެނީ އެއް ކަމެއް ކަމަށް ވާއިރު، ރައީސް މުއިއްޒު ދެއްކެވީ މަޝްވަރާ ކޮށްގެން ކާމިޔާބު ހޯދޭނެ ކަމެވެ.

"މަޝްވަރާ ކޮށްގެން ކާމިޔާބު ކުރެވޭނެ ހުރިހާ ކަމެއް ވެސް. އެއީ އަޅުގަނޑު ގަބޫލުކުރާ ގޮތް،" އެ މަނިކުފާނު ވިދާޅުވި އެވެ.

އިންޑިއާގެ މަޝްރޫއުތައް ގިނަ ކުރަންވީ!

ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި، އިންޑިއާ އިން ރާއްޖޭގައި އެކިއެކި މަޝްރޫއުތައް ހިންގުމަކީ އެ މަނިކުފާނަށް މައްސަލައެއް ނޫނެވެ. އަދި އެންމެ ގިނަ މަޝްރޫއުތަކާއި އެންމެ ގިނަ އެހީތައް ވެސް މިހާތަނަށް ރާއްޖެ އަށް ދީފައި ވަނީ އިންޑިއާ އިން ކަން ފާހަގަކުރައްވައި އެކަން އެ ގައުމުގެ ސަރުކާރުގައި ވެސް ދަންނަވާފައިވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެއް ގައުމުން އަނެއް ގައުމަށް ވާ އެހީއަކީ ބޭނުން ނެތް އެއްޗެކޭ ކިޔާފައި އެއްލައިލުމަކީ ވެސް ރީތި ގޮތެއް ނޫން،"--- ރައީސް

"އަޅުގަނޑު ޕްރައިމް މިނިސްޓަ މޯދީ އަށް ވެސް ދެންނެވިން ބައްދަލުވި ދުވަހު، އަޅުގަނޑު އެއްވެސް ގޮތަކަށް ބޭނުމެއް ނޫނޭ އެއްވެސް މަޝްރޫއެއް ހުއްޓާލާކަށް ވެސް. ބޭނުންވަނީ އަދި ކުރިއަށް ވުރެ ވެސް ބާރަށޭ ގެންދަން. ހައި ލެވެލް ކޮމިޓީގެ ވާހަކަ އަޅުގަނޑު ދެއްކީ އޭގެ ތެރެއިން،" ދުބާއީގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ އެކު ބޭއްވި ބައްދަލުވުމަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި އެވެ.

"އަޅުގަނޑު ދެންނެވިން ބްރިޖު މަޝްރޫއުގެ ވެސް ވަގުތުން ނިންމުންތައް ނިންމޭ ވަރުގެ ހައި ލެވެލް ކޮމިޓީއެއް އޮވެގެން ބާރު ސްޕީޑުގައި މަސައްކަތްތައް ދާން. ހަނިމާދޫ އެއާޕޯޓު ވެސް."

ރައީސް މުއިއްޒު އިއްޔެ "މިހާރު" ގެ ނޫސްވެރިންގެ ސުވާލުތައް އަޑުއައްސަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ރައީސް މުއިއްޒު އިއްޔެ "މިހާރު" ގެ ނޫސްވެރިންގެ ސުވާލުތައް އަޑުއައްސަވަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ރައީސް މުއިއްޒު ވިދާޅުވީ، އިންޑިއާ އޮންނާނީ ރާއްޖެއާ އެންމެ ގާތް ގައުމުގެ ގޮތުގައި ކަމަށެވެ. އެކަމާ މެދު އެއްވެސް ސުވާލެއް ނެތް ކަމަށް ވިދާޅުވި އެވެ. ހަމައެކަނި މައްސަލައަކީ ރާއްޖޭގައި އިންޑިއާގެ ސިފައިން ތިބުން ކަމަށް ރާއްޖެ އިން ގަބޫލުކުރާތީ، އިންޑިއާ އިން ވެސް އެކަން ގަބޫލުކޮށް، ސިފައިން ގެންދަން ނިންމީ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"އެއް ގައުމުން އަނެއް ގައުމަށް ވާ އެހީއަކީ ބޭނުން ނެތް އެއްޗެކޭ ކިޔާފައި އެއްލައިލުމަކީ ވެސް ރީތި ގޮތެއް ނޫން،" ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު މި އިންޓަވިއުގައި އިންޑިއާއާ ގުޅޭ ވާހަކަތަކުގައި ތަކުރާރުކޮށް ދެއްކެވީ ދެ ގައުމުގެ ޒަމާންވީ ގުޅުމުގެ ވަރުގަދަ ކަމުގެ ވާހަކަ އެވެ. އެ ގުޅުން ހީނަރުވާ ފަދަ އެއްވެސް ވާހަކައެއް އެ މަނިކުފާނުގެ ފަރާތްޕުޅުން ވެސް އަދި ސަރުކާރުން ވެސް ނުދައްކާ ކަމަށް ވިދާޅުވި އެވެ.

"މި އުޅެނީ އެންމެ މައިގަނޑު އިޝޫއެކޭ. ބޭރު ގައުމެއްގެ ސިފައިން މި ގައުމުގައި ތިބިއިރު އެއީ އިންޑިއާ ސިފައިންނަށް ވުމޭ. އެއީ އެހެން ގައުމެއްގެ ސިފައިން ނަމަވެސް އަޅުގަނޑުމެން އެކަމާ އުޅޭނީ ހަމަ އެ ބާރު މިނުގައޭ. ވަރަށް ސާފުކޮށް އަޅުގަނޑު ދެންނެވިން. މިއީކީ ޒާތީ ކަމެއް ނޫނޭ. މިއީ އަޅުގަނޑުމެންގެ ގައުމީ ސަލާމަތާ ގުޅޭ ކަމެއް ވެގެން މި އުޅެނީ،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވި ގޮތުގައި، ދިވެހިން އަމިއްލަ އަށް ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ބެލެހެއްޓުމަކީ އިންޑިއާއާ ދުރުވުމެއް ނޫނެވެ. އެކަމަކު އެކަން އެ ނޫން ގޮތަކަށް ދައްކަން ބަޔަކު އުޅުމަކީ ވަރަށް ދެރަކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ.