Roadha Mihaaru
އެފްއޭއެމް އިންތިހާބު މަޑުޖައްސާލަން ފީފާއިން އަންގައިފި

އެފްއޭއެމުގެ އިންތިހާބު މަޑުޖައްސާލަން ފީފާއިން އަންގައިފި

22 މާޗް 2024

އަންނަ މަހު ބާއްވަން ތާވަލުކޮށްފައިވާ، އެފްއޭއެމްގެ އިންތިހާބުގެ މަސައްކަތް މަޑުޖައްސާލަން ފީފާއިން އަންގައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

އަންނަ މަހު ބާއްވަން ތާވަލުކޮށްފައިވާ، އެފްއޭއެމްގެ އިންތިހާބުގެ މަސައްކަތް މަޑުޖައްސާލަން ފީފާއިން އަންގައިފި އެވެ.

އެފްއޭއެމްގެ އެކްޓިން ޖެނަރަލް ސެކްރެޓަރީ މުހައްމަދު ޖައުޝަން ޝަރީފް، މިޑީއާ އަށް ފޮނުއްވި މެސެޖުގައި ވިދާޅުވީ ފީފާގެ އެންގުމަށް ތަބާވެ އިންތިހާބުގެ ކަންކަން މަޑުޖައްސާލާފައިވާ ކަމަށެވެ.

އޭނާ ވިދާޅުވީ ފީފާ އަށް ހުށަހެޅިފައިވާ ޝަކުވާތަކާ ގުޅިގެން އެކަންކަން ސާފު ކުރުމަށް ފީފާއިން ބޭނުން ވާތީ އެ އިދާރާ އާއެކު މަޝްވަރާތަކެއް ކުރިއަށްދާ ކަމަށެވެ.

"މި މަޝްވަރާގެ ތެރެއިން ފީފާ އާއި އޭއެފްސީގެ އެދުމުގެ މަތިން މިވަގުތު އޮތް ގޮތަށް އިންތިހާބުގެ ކަންކަން މަޑުޖައްސާލާނަން،" އެފްއޭއެމްގެ މީޑިއާ ގުރޫޕަށް ޖައުޝަން ފޮނުއްވި މެސެޖްގައި ވެ އެވެ.

އެ ކަންބޮޑުވުންތަކަށް ހައްލު ހޯދުމުގައި ފީފާއަށާއި އޭއެފްސީ އަށް އެފްއޭއެމުން ފުރިހަމަ އެއްބާރުލުން ދޭނެ ކަމުގެ ޔަގީންކަން އެފްއޭއެމްގެ މެމްބަރުންނަށާއި ރައްޔިތުންނަށް އަރުވަންއެފްއޭއެމްގެ ސެކްރެޓޭރިއަޓުން އަބަދުވެސް ފުޓްބޯޅައިގެ ރޫހާއި ހިންގުމުގެ އުސޫލުތައް ހިމާޔަތް ކުރާނެ."

މިއީ އެފްއޭއެމްގެ އިންތިހާބާ ގުޅިގެން ފީފާއިން އެންގި ދެވަނަ ދެވަނަ އެންގުމެވެ. ޖެނުއަރީ 31 ގައި ބާއްވަން އެފްއޭއެމުން މަސައްކަތް ކުރި އިންތިހާބު ހުއްޓާލަން ފީފާއިން އެންގީ އިންތިހާބާ ގުޅޭ ބައެއް ކޮމިޓީތައް އެފްއޭއެމުން އުފައްދާފައި ނެތުމުންނެވެ.

ހަތަރު އަހަރު ވީ އިރު ވެސް އެފްއޭއެމުން އެ ކޮމިޓީތައް އުފައްދާފައި ނެތްކަން ހާމަވީ، އޭރު އިންތިހާބަށް ކުރިމަތިލެއްވި އަހްމަދު ތޯރިގްގެ ކެންޑިޑޭސީ ބާތިލުކުރަން އިލެކްޓޯރަލް ކޮމީޓިން ނިންމުމުން، އެ މައްސަލަ އިސްތިއުނާފު ކުރާނެ ކޮމިޓީއެއް އެފްއޭއެމުގައި ނެތުމުންނެވެ.

އެފަހަރު ފީފާއިން އެންގީ އިންތިހާބުގެ މަސައްކަތް ހުއްޓާލުމަށް ފަހު އެ ކޮމިޓީތައް އުފެއްދުމަށެވެ. ފެބްރުއަރީ މަހު އެފްއޭއެމުން ވަނީ ކޮންގްރެސްއެއް ބާއްވައި އެ ކޮމިޓީތައް އުފައްދައިފަ އެވެ.

މިފަހަރު ބާއްވަން މަސައްކަތް ކުރާ އިންތިހާބު މަޑުޖައްސާލަން ފީފާއިން އެންގި ސަބަބުތަކުގެ ތެރޭގައި ވެލެންސިއާ އަށް ކޮންގްރެސް އަށް ދައުވަތު ނުދޭ ކަމަށް އެ ކްލަބުން ބުނާ މައްސަލަ ހިމެނޭ ކަމަށް ޖައުޝަން ވިދާޅުވި އެވެ.

"ކޮންގްރެސް އަށް ދައުވަތު ނުދޭ ކަމަށް ވެލެންސިއާ އިން ބުނާތީ ފީފާއިން އެދިފައި ވަނީ އެކަމުގެ ތަފުސީލަށް. އެކަމަކު އަޅުގަނޑުމެން ވާނެ ވެލެންސިއާ އަށް ވެސް ދައުވަތު ފޮނުވާފަ އަދި އެ ކްލަބުން އަބްދުﷲ އަޒުމީނާއި އިލްމާއު ހުސައިން ކޮންގްރެސްގައި ބައިވެރިވުމަށް ރަޖިސްޓަރީ ވެސް ކޮށްފައި އޮތް،" ޖައުންޝަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ފީފާއިން އެދިފައިވާ ގޮތަށް އެ ތަފުސީލު ފީފާ އަށް ފޮނުވާނެ ކަމަށެވެ. މިހާރު އޮތް ހާލަތު ދެނެގަތުމަށް ފީފާ އާއި އޭއެފްސީގެ ވަފުދެއް ރާއްޖެ އަށް ފޮނުވާނެ ކަމުގެ އިޝާރާތެއް ވެސް ދީފައިވާ ކަމަށް ޖައުޝަން ވިދާޅުވި އެވެ.