Roadha Mihaaru
ކަނޑޫދޫ މިރުހުގެ އަގު އާދަޔާހިލާފަށް ދަށަށް!

ކަނޑޫދޫ މިރުހުގެ އަގު އާދަޔާހިލާފަށް ދަށަށް!

24 މާޗް 2024

ޑިމާންޑް ވަރަށް ބޮޑަށް ދަށްވެ، ކަނޑޫދޫ މިރުހުގެ އަގު ވެއްޓިއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ޑިމާންޑް ވަރަށް ބޮޑަށް ދަށްވެ، ކަނޑޫދޫ މިރުހުގެ އަގު ވެއްޓިއްޖެ އެވެ.

ރޯދަ މަސް ފެށުނުއިރު ކަނޑޫދޫ މިރުސް ކިލޯއެއްގެ އަގު ހުރީ 750ރ. ގަ އެވެ. އެކަމަކު މިދިޔަ ހަފްތާގައި ކަނޑޫދޫ މިރުގެ އަގު 500-400އާ ދެމެދަށް ވެއްޓުމަށް ފަހު އަނެއްކާ ވެސް ވަރަށް ބޮޑަށް ކަނޑޫދޫ މިރުހުގެ އަގު ވަނީ ހެޔޮވެފަ އެވެ.

ލޯކަލް މާރުކޭޓުގެ ބައެއް ވިޔަފާރިވެރިން މިއަދު ބުނީ ކަނޑޫދޫ މިރުސް 100 ގްރާމް މިހާރު ހުރީ 25-30ރ. އާ ދެމެދުގައި ކަމަށެވެ. ކަނޑޫދޫ މިރުސް ބާޒާރުގައި ތިޔާގިވެ، ކިލޯއެއްގެ އަގު އުޅެނީ 280ރ. އަށް ކަމަށް އެ މީހުން ބުންޏެވެ.

ކަނޑޫދޫ ދަނޑެއްގައި މިރުސް ހައްދާފައި.- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ކަނޑޫދޫ ދަނޑެއްގައި މިރުސް ހައްދާފައި.- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މިރުހުގެ ކުޅިކަމާއި އޭގެ ރަހައިގެ ސަބަބުން މަޝްހޫރު ކަނޑޫދޫ މިރުހުގެ އަގު ރޯދަ މަހެއްގައި މިހާ ބޮޑަށް ދަށެއް ނުވެ އެވެ.

ކަނޑޫދޫގެ ރަށުގެ 90 ޕަސެންޓެއްހާ މީހުން ދަނޑުވެރިކަމުގައި އުޅޭއިރު މި ރޯދަ މަސް ފެށުނުއިރު ހަފްތާއަކު 150-100 ވަރަކަށް ކިލޯގެ މިރުސް ދަނޑުވެރިން ކަނޑަ އެވެ.

އެ ރަށު ކައުންސިލުގެ ރައީސް އަހުމަދު ރީހާން، "މިހާރު" އަށް ވިދާޅުވީ ކޮންމެ އަހަރެއްގެ ވެސް ރޯދަ މަހުގެ މެދު ތެރޭގައި ކަނޑޫދޫ މިރުހުގެ ޑިމާންޑް ދަށްވާ ކަމަށެވެ. އަދި އަނެއްކާ ވެސް ޑިމާންޑް އިތުރުވަނީ ފަހު ދިހައެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"އެހެންވީމަ ފަހު ދިހައެއްގައި އަނެއްކާ ވެސް ޑިމާންޑް ބޮޑުވާނެ ކަމަށް މި ބެލެވެނީ. އެކަމަކު އެހެން އަހަރުތަކާ އެއްވަރަށް އަގު މައްޗަށް އަރާނެ ކަމަށް ނުބެލެވޭ." ރީހާން ވިދާޅުވި އެވެ.