Roadha Mihaaru
ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމަށް ދިރާގުގެ އެހީ

ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމަށް ދިރާގުގެ އެހީ

25 މާޗް 2024

ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމަށް ދިރާގުން އެހީދީފި އެވެ.

އައިޝަތު ޖަޒްލީ އައިޝަތު ޖަޒްލީ

ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމަށް ދިރާގުން އެހީދީފި އެވެ.

ދިރާގުން ބުނީ މި އެހީތެރިކަމުގެ ދަށުން، މި ޕްރޮގްރާމްގައި ކިޔަވައިދޭން ބޭނުންވާ މުހިންމު ތައުލީމީ ވަސީލަތްތައް ފޯރުކޮށްދީފައިވާ ކަމަށެވެ. އަދި 2018 ވަނަ އަހަރު އެ ޖަމިއްޔާގެ ވޮކޭޝަނަލް ޓްރެއިނިން ޔުނިޓު އެކުލަވާލީއްސުރެ، އެ ޔުނިޓުން ހިންގާ ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް އެ ކުންފުނިން ބުންޏެވެ.

ކެއާ ސޮސައިޓީގެ މި ޕްރޮގްރާމުގައި އެކި ހުނަރުތައް ތަރައްގީކޮށް، ތަފާތު ނުކުޅެދުންތެރިކަން ހުންނަ ޒުވާނުން ބާރުވެރިކުރުވާ، މުޖުތަމައުގައި އެ ޒުވާނުން ޝާމިލްކުރުމަށް ފުރުސަތުތައް ފަހިކޮށްދޭނެ އެވެ. މި އަހަރުގެ މި ޕްރޮގްރާމް ހާއްސަކޮށްފައި ވަނީ ކޮމްޕިއުޓަރު ބޭނުންކުރުމުގެ ހުނަރާއި ކެއްކުމާއި އާޓްސް އެންޑް ކްރާފްޓް ހުނަރުތައް ތަރައްގީ ކުރުމަށެވެ.

މި ޕްރޮގްރާމުގައި ތަމްރީން ދެނީ އެ ކަމަށް ހާއްސަ ޓީޗަރުންނެވެ. މި ޕްރޮގްރާމުގައި 27 ދަރިވަރުން އަންނަނީ ކިޔަވަމުންނެވެ.

މިދިޔަ އަހަރުގެ ޕްރޮގްރެސް ރިޕޯޓްތަކުން، ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމް މެދުވެރިކޮށް 81 އިންސައްތަ ޕްރޮގްރެސް ރޭޓް ދަރިވަރުންނަށް ހާސިލްކުރެވިފައިވާ ކަމަށް ކެއާ ސޮސައިޓީއިން ބުނެ އެވެ. އަދި މި ޕްރޮގުރާމުން ކުދިންގެ އަމިއްލަ މިނިވަންކަމާއި، މުވާސަލާތީ އަދި އިޖުތިމާއީ ހުނަރުތަކަށް ހެޔޮ ބަދަލެއް އައިސްފައިވާކަމަށް ކެއާ ސޮސައިޓީއިން ބުންޏެވެ.

ޒުވާނުންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުވުމަކީ ދިރާގުގެ ކޯސީއެސްއާރު ޕްރޮގްރާމްގެ މައިގަނޑު އަމާޒެކެވެ. މިފަދަ ޕްރޮގްރާމްތަކަށް ދިރާގުން އަބަދުވެސް އެއްބާރުލުންދީ، އެހީތެރިކަން ފޯރުކޮށްދެ އެވެ.