Roadha Mihaaru
ކެއާ ސޮސައިޓީގެ ވީޓީޔޫ އަށް ދިރާގުގެ އެހީ

ކެއާ ސޮސައިޓީގެ ވީޓީޔޫ އަށް ދިރާގުގެ އެހީ

21 މާޗް 2021

ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ޔުނިޓު (ވީޓީޔޫ) އަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދޭން މިއަދު ނިންމައިފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ކެއާ ސޮސައިޓީގެ ވޮކޭޝަނަލް ޓްރެއިނިން ޔުނިޓު (ވީޓީޔޫ) އަށް ދިރާގުން އެހީތެރިކަން ފޯރުކޮށްދޭން މިއަދު ނިންމައިފި އެވެ.

ޑައުންސިންޑްރޮމް ދުވަހާ ގުޅިގެން ބޭއްވި ވާޗުއަލް ހަފްލާއެއްގައި ދިރާގުގެ ކޯޕަރޭޓް ސާވިސަސްގެ ޑިރެކްޓަރު އާތިފާ އަލީ ވިދާޅުވީ ވީޓީޔޫ އަށް އެހީތެރިކަން ފޯރުކޮށްދެނީ ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ތަފާތު ހުނަރުތައް ދަސްކޮށްދޭތީ ކަމަށެވެ. އަދި ކުރިއަށް އޮތްތާނގައި ވެސް އެ ޕްރޮގްރާމަށް ދިރާގުން އެހީ ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ކެއާ ސޮސައިޓީގެ ވީޓީޔޫ ޕްރޮގްރާމް މި އަހަރު ހާއްސަ ކޮށްފައި ވަނީ ބޭސިކް ކޮމްޕިއުޓާ ސްކިލް ދަސްކޮށްދިނުމަށެވެ. މިހާތަނަށް ޑައުންސިންޑްރޮމް އަދި އެނޫން ވެސް ނުކުޅެދުންތެރިކަން ހުންނަ ހަ ކުއްޖަކު މި ޕްރޮގްރާމުގައި ވަނީ ބައިވެރިވެފަ އެވެ. އިތުރު ކުދިން ބައިވެރި ކުރުވުމަށް ކެއާ ސޮސައިޓީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މި އަހަރުގެ ޕްރޮގްރާމުގައި ބައިވެރިވާ ކުދިންނަށް މައިކްރޮސޮފްޓުގެ އެޕްލިކޭޝަންތައް ދަސްކޮށްދީ ލެޕްޓޮޕް ނުވަތަ ކޮމްޕިއުޓާ ބަލަހައްޓާނެ ގޮތް ދަސްކޮށްދޭނެ ކަމަށް ކެއާ ސޮސައިޓީން ބުންޏެވެ.

ދިރާގުން އަންނަނީ 2018 ވަނަ އަހަރު މި ޕްރޮގްރާމް ފެށުމާއެކު އެ ކުންފުނީގެ އެހީ ފޯރުކޮށްދެމުންނެވެ. މި ޕްރޮގްރާމުގެ ދަށުން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ފެހުމާއި ކްރާފްޓާއި ޑިޒައިނިން ފަދަ ހުނަރުތައް ވަނީ ދަސްކޮށްދީފަ އެވެ.

މި ޕްރޮގްރާމަށް އަބަދުވެސް ދިރާގުން ދޭ އެއްބާރުލުން ފާހަގަކުރައްވައި ކެއާ ސޮސައިޓީގެ އެގްޒެކަޓިވް ޑިރެކްޓަރު ނައުޝަން މުހައިމިން ވަނީ އެ ކުންފުންޏަށް ޝުކުރު އަދާކޮށްފަ އެވެ. އަދި ކުރިއަށް އޮތްތާނގައި ވެސް އެ ކުންފުނީގެ އެހީ ލިބޭނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް އޭނާ ވިދާޅުވި އެވެ.