Roadha Mihaaru
ފައި ޖަހަން އިބްރާހީމަށް އެންސްޕާއިން ވަނީ އެހީ ދީފައި

ފައި ޖަހަން އިބްރާހީމަށް އެންސްޕާ އިން ވަނީ އެހީ ހަމަޖައްސާފައި!

25 މާޗް 2024

އެކްސިޑެންޓެއްގައި ފަޔަށް ލިޔުނު ސީރިއަސް ޒަހަމްތަކުގެ ސަބަބުން ފައި ބުރިކޮށްލަން ޖެހުނު ތ. ހިރިލަންދޫ، އިބްރާހިމް މުހައްމަދަށް ފަޔެއް ޖަހަން އެންސްޕާ އިން ފައިސާގެ އެހީ ހަމަޖައްސާފައިވާ ކަމަށް އެތަނުން ބުނެފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

އެކްސިޑެންޓެއްގައި ފަޔަށް ލިޔުނު ސީރިއަސް ޒަހަމްތަކުގެ ސަބަބުން ފައި ބުރިކޮށްލަން ޖެހުނު ތ. ހިރިލަންދޫ، އިބްރާހިމް މުހައްމަދަށް ފަޔެއް ޖަހަން އެންސްޕާ އިން ފައިސާގެ އެހީ ހަމަޖައްސާފައިވާ ކަމަށް އެތަނުން ބުނެފި އެވެ.

މިދިޔަ އަހަރު އޮކްޓޫބަރު މަހު ހުޅުމާލޭގައި ހިނގި އެކްސިޑެންޓެއްގައި ފަޔަށް ލިޔުބު ސީރިއަސް ޒަހަމްތަކުގެ ސަބަބުން ފައި ބުރިކޮށްލަން ޖެހުނު އިބްރާހިމް މުހައްމަދުގެ ވާހަކަ "މިހާރު" އިން ރިޕޯޓްކުރީ މި މަހުގެ 21 ވަނަ ދުވަހު އެވެ. ނަމަވެސް އޭގެ ކުރިން އެންސްޕާއިން ވަނީ އިބްރާހިމްގެ ފައި ޖެހުމަށް ބޭނުންވާ ފައިސާގެ ބޮޑުބައެއް ދޭ ގޮތަށް ހަމަޖައްސައިދީފަ އެވެ.

އެންސްޕާގެ ސީއީއޯ، ހީނާ ވަލީދު "މިހާރު" އަށް ވިދާޅުވީ އިބްރާހިމް ފަޔެއް ޖެހުމަށް ބޭނުންވާ ކަމަށް އެދި ހުށަހަޅާފައި ވަނީ ޖުމްލަ 69،000ރ. ކަމަށެވެ.

އެކްސިޑެންޓެއްގައި ފައި ބުރިކޮށްލަން ޖެހުމުން އިބްރާހިމް މުހައްމަދުގެ ދިރިއުޅުން ހުއްޓުނަސް އޭނާގެ އަޒުމަކީ އަލުން މަސައްކަތަށް ނުކުމެ އާއިލާ ގޮވައިގެން އުޅުން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

އެކްސިޑެންޓެއްގައި ފައި ބުރިކޮށްލަން ޖެހުމުން އިބްރާހިމް މުހައްމަދުގެ ދިރިއުޅުން ހުއްޓުނަސް އޭނާގެ އަޒުމަކީ އަލުން މަސައްކަތަށް ނުކުމެ އާއިލާ ގޮވައިގެން އުޅުން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު

"އޭގެ ތެރެއިން 65،000ރ. މި މަހުގެ 18ގައި އެޕްރޫވްކޮށްފައި ވަނީ. އެ ފައިސާގެ ބާކީބައި މިއަދު އެޕްރޫވްކޮށްފައި ވާނީ،" ހީނާ ވިދާޅުވި އެވެ.

އިބްރާހިމްގެ އަންހެނުން މަރިޔަމް ނިޝާ ބުނީ ފައި ޖެހުމަށް ހުރިހާ ހަރަދަކާ އެކު ޖުމްލަ 7،000 ޑޮލަރު ބޭނުންވާ ކަމަށެވެ. އަދި ނޫހުގައި އިންޓަވިއު ޖެހުމާ އެކު ގިނަ ބަޔަކު އޭނާ އަށް އެހީވަމުން އަންނަ ކަމަށް ވެސް އޭނާ ބުންޏެވެ.

ދޯންޏެއް ބަލައި ރަށުން މާލެ އައި އިބްރާހިމް ނުކުޅެދޭ ހާލުގައި އެނބުރި ދާން ޖެހުނު އެކްސިޑެންޓު ހިނގި ގޮތެއް ވެސް، އަދި އެ މައްސަލަ ތަހުގީގުކުރި ކަމެއް ވެސް އޭނާއަކަށް ނޭނގެ އެވެ.

މި ކަމުގައި އިންސާފު ނުލިބުނަސް އިބްރާހިމް އިންޓަވިއުގައި ބުނެފައިވަނީ އޭނާ އަކީ ކެޔޮޅެއްގެ ގޮތުގައި މަހަށް ގޮސް އާއިލާ ބަލަހައްޓަމުން އައި މީހެއް ކަމަށާއި ދެން ބޭނުން ވަނީ ފައެއް ޖަހައިގެން އަލުން މަހަށް ގޮސް އަނެއްކާ ވެސް އަމިއްލަ މަސައްކަތުން އުޅެވޭނެ ދުވަހެއް ހޯދަން ކަމަށެވެ.