Roadha Mihaaru
ބީއޭއެމްގެ މައްސަލަ ރިވައިވަލްއިން ވޯލްޑް ފެޑެރޭޝަނަށް

ބީއޭއެމްގެ މައްސަލަ ހިފައިގެން ރިވައިވަލްއިން ވޯލްޑް ފެޑެރޭޝަނަށް

25 މާޗް 2024

ބެޑްމިންޓަން އެސޯސިއޭޝަން (ބީއޭއެމް) ގެ ކޮންގްރެސްގައި ރިވައިވަލް ސްޕޯޓްސް ކްލަބަށް ވޯޓްލުމުގެ ހައްގު ނުދޭން ނިންމި މައްސަލަ، އެ ކްލަބުން ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) ގެ ސަމާލުކަމަށް ގެނެސްފި އެވެ.

ބެޑްމިންޓަން އެސޯސިއޭޝަން (ބީއޭއެމް) ގެ ކޮންގްރެސްގައި ރިވައިވަލް ސްޕޯޓްސް ކްލަބަށް ވޯޓްލުމުގެ ހައްގު ނުދޭން ނިންމި މައްސަލަ، އެ ކްލަބުން ދުނިޔޭގެ ބެޑްމިންޓަން ފެޑެރޭޝަން (ބީޑަބްލިއުއެފް) ގެ ސަމާލުކަމަށް ގެނެސްފި އެވެ.

ބީޑަބްލިއުއެފްގެ ސެކްރެޓަރީ ޖެނަރަލް ތޯމަސް ލެންޑަށް އެޑްރެސްކޮށް، ރިވައިވަލްއިން ފޮނުވި ސިޓީގައި ބުނެފައި ވަނީ ބީއޭއެމުން ކްލަބްތަކަށް ހާއްސަކޮށް މިދިޔަ ދެ އަހަރު ބޭއްވި އެއްވެސް މުބާރާތެއްގައި އެ ކްލަބުން ބައިވެރިވެފައި ނުވާ ކަމަށް ބީއޭއެމުން ބުނާ ކަމަށެވެ.

އެކަމަކު އެ ކްލަބަކީ މި ވޭތުވެދިޔަ ހަތަރު އަހަރު މުބާރާތްތަކުގައި ގަވާއިދުން ބައިވެރިވެފައިވާ ކްލަބެއްކަން ރިވައިވަލްގެ ސިޓީގައި ބުނެފައި ވެއެވެ.

ވޯޓް ނުދިނުމުގެ ހައްގު ނުދީގެން އެ މައްސަލަ ހުށަހެޅުމުން ޖަވާބުގައި ބެޑްމިންޓަން އެސޯސިއޭޝަނުން ފޮނުވި ސިޓީގައި ވަނީ ރިވައިވަލަށް ވޯޓްލުމުގެ ހައްގު ނުދޭން ނިންމީ، ހިންގާގަވާއިދުގެ 32 ވަނަ މާއްދާގެ (ގ) އަދި 12 ވަނަ މާއްދާގެ (ޅ) ގެ ދަށުން މެންބާޝިޕް ފުރިހަމަ ނުވާތީ ކަމަށް ބުނެފައި ވެއެވެ.

އެކަމަކު ރިވައިވަލް އިން ބުނީ ކްލަބަށް ވޯޓްލުމުގެ ހައްގު ނުދޭން ނިންމުމުގައި ހިންގާގަވާއިދުގެ އެ މާއްދާތައް ބީއޭއެމުން މާނަ ކުރަނީ ރަނގަޅު ނޫން ކަމަށެވެ.

ވޯޓް ދިނުމުގެ ހައްގުގެ ޝަރުތާ ގުޅޭ ދެ މާއްދާ

އެ ދެ މާއްދާގެ ތެރެއިން، 32 ގެ (ގ) ގައި ބުނެފައި ވަނީ: ކޮންގްރެސްގައި ވޯޓް ދިނުމުގެ ހައްގު ލިބޭނީ ފަރުދީ މެންބަރުންގެ ތެރެއިން ކުރީ އަހަރުގެ ޖޫން މަހުގެ ކުރިން ރަޖިސްޓްރީ ވެފައިވާ މެންބަރުންނަށް ކަމަށެވެ. އަދި އެސޯސިއޭޓް މެންބަރުން [ކްލަބްތައް] ގެ ތެރެއިން އޭގެ ކުރީ ދެ އަހަރު ދުވަހުގެ ތެރޭގައި އެކްޓިވްކޮށް ހަރަކާތްތެރިވެފައިވާ އެސޯސިއޭޓް މެންބަރުންނަށް ކަމަށް އެ މާއްދާގައި ވެއެވެ.

ދެން 12 ވަނަ މާއްދާގެ (ޅ) ގައި ބުނެފައި ވަނީ ކޮންގްރެސްގައި ވޯޓް ދެވޭނީ ކްލަބްތަކަށް ބާއްވާ މުބާރާތްތަކުގައި ކޮންމެ އަހަރަކު 75 ޕަސަންޓް ބައިވެރިވާ ކްލަބްތަކަށް ކަމަށެވެ.

ރިވައިވަލްގެ ސިޓީގައި ބުނެފައި ވަނީ އެ ކްލަބްގެ ކިބައިގައި އެ ޝަރުތުތައް ހަމަނުވާ ކަމަށް، ބީއޭއެމުން ބުނާ އިރު އެ ކްލަބްގެ މެންބާޝިޕް ބާތިލު ނުކުރާ ކަމަށެވެ. އެހެންވެ ވޯޓް ދިނުމުގެ ހައްގު އެ ކްލަބަށް ނުދޭން އެ އެސޯސިއޭޝަނުން ނިންމި ނިންމުމާ މެދު ސުވާލު އުފެދޭކަން ވެސް އެ ސިޓީގައި ފާހަގަކޮށްފައި ވެއެވެ.

ރިވައިވަލްގެ މެންބާޝިޕް ފީ ބީއޭއެމުން ބަލައިގަނޭ، އެކަމަކު ވޯޓް ދިނުމުގެ ހައްގެއް ނުދޭ

"އަޅުގަނޑުމެން ފާހަގަކުރަން، ބެޑްމިންޓަން އެސޯސިއޭޝަނުން އިންތިޒާމްކުރާ މުބާރާތްތަކުގައި ރިވައިވަލްއިން ބައިވެރިވެފައިވާއިރު، މި ކްލަބްގެ ކުޅުންތެރިން ބައިނަލްއަގްވާމީ މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކޮށްފައިވާކަން. 2023 ގެ އޭޝިއަން ގޭމްސްގެ އިތުރުން 2022 ވަނަ އަހަރުގެ ކޮމަންވެލްތު ގޭމްސްގައި ބައިވެރިވި ފިރިހެން ގައުމީ ޓީމުގެ 50 ޕަސަންޓަކީ ރިވައިވަލް ސްޕޯޓްސްގެ ދަށުން ފުލް ޓައިމް ޓްރެއިނިންގައި ބައިވެރިވި ހީވާގި ކުޅުންތެރިންނެވެ.،" ބީޑަބްލިއުއެފަށް ރިވައިވަލްއިން ސިޓީގައި ބުނެފައި ވެއެވެ.

"މީގެ އިތުރުން ރިވައިވަލް ސްޕޯޓްސްގެ ކުޅުންތެރިން ވަނީ އެންމެ ފަހުން (މިދިޔަ އަހަރު) ބޭއްވި ރާއްޖޭގެ ގައުމީ ބެޑްމިންޓަން މުބާރާތުގެ ފިރިހެން ސިންގަލްސް، ފިރިހެން ޑަބަލްސް އަދި މިކްސްޑް ޑަބަލްސް ޗެމްޕިއަންކަން ހޯދާފައެވެ."

އެސޯސިއޭޓް މެންބަރުން ދައްކަން ޖެހޭ އަހަރީ ފީ، 18،000 ރުފިޔާ ބަރާބަރަށް ދައްކަމުންދާ ކަމަށާއި ޕްރެކްޓިސް ކުރުމަށް ކޯޓް ބްކިން ހެއްދުމާއި އެކަމަށް ދައްކަން ޖެހޭ ފީ ވެސް ދައްކާ ކަމަށް ރިވައިވަލްގެ ސެކްރެޓަރީ ޖެނަރަލް ހުސައިން ރަމީޒު ސޮއިކޮށް ފޮނުވާފައިވާ ސިޓީގައި ވެއެވެ. އަދި އެ ފީތައް ވެސް ބީއޭއެމުން ބަލައިގަންނަ ކަމަށް ސިޓީގައި ބުނެފައި ވެއެވެ.

"އެހެންކަމުން، އެއިން ދޭހަވަނީ، އެ އެސޯސިއޭޝަނުން މި ކްލަބު ހަރަކާތްތެރިވާ ކަމަށް ގަބޫލުކުރާ ކަމެވެ. އަދި މިއަދާ ހަމައަށް ވެސް ކްލަބުގެ މެންބާޝިޕް އުވާލިކަން އަންގާފައި ނުވެ އެވެ.،" ސިޓީގައި ވެއެވެ.

ބެޑްމިންޓަންގެ މިހާރުގެ އެކްސްކޯ އަށް ތާއީދު ނުކުރާ ބައެއް މެންބަރުންނާއި ބައެއް ކްލަބްތައް ބައިވެރިނުކޮށް މިހާރު ލިޑޝިޕަށް ތާއީދު ކުރާ ކްލަބްތަކަށް އެކަނި، ކޮންގްރެސްއިން ފުރުސަތު ދޭން ބީއޭއެމުން އުޅޭ ކަމަށް ރިވައިވަލްއިން ތުހުމަތު ކުރެ އެވެ.

"މިހާރުގެ އެކްސްކޯއަށް ތާއީދުކޮށް ވޯޓު ދޭނެ މެންބަރުންނަށް އެކަނި އޭޖީއެމްގައި ބައިވެރިވުމުގެ ފުރުސަތު ދިނުމަކީ ރައީސް އާއި އެކްސްކޯ ވެރިކަމުގައި ދެމިތިބުމަށް ބޭނުންކުރާ ކޮރަޕްޝަނާއި ބޭއިންސާފު އަމަލުކަން ދައްކުވައިދޭ ކަމެކެވެ." ސިޓީގައި އިތުރަށް ބުނެފައި ވެއެވެ.

އެސޯސިއޭޝަނަށް ކުރެވިފައިވާ ކޮރަޕްޝަންގެ ތުހުމަތުތަކާ އެކު އެ މައްސަލަ އޭސީސީން ބަލަމުންދާތީ، އިންތިހާބު ނުބާއްވަން އޭސީސީ އާއި ސްޕޯޓްސް ކޮމިޝަނާ އެންގިކަން ސިޓީގައި ފާހަގަކޮށްފައި ވެއެވެ. މިދިޔަ ހުކުރު ދުވަހު ބާއްވަން މަސައްކަތް ކުރި އިންތިހާބު މިހާރު ވަނީ ފަސްކޮށްފަ އެވެ.