Roadha Mihaaru
ފުޓްބޯޅަ ކުޅެން ބޭނުންވީ ކަޅުނަސްލުގެ މީހުންނަށްޓަކައި

ވިނީޝިއުސްގެ ލޮލުން ކަރުނަ: ފުޓްބޯޅަ ކުޅެން ބޭނުންވީ ވެސް ކަޅުނަސްލުގެ މީހުންނަށްޓަކައި

26 މާޗް 2024

މެޑްރިޑް (މާޗް 26) – ނަސްލީ ތަފާތުކުރުންތަކުގެ ޝިކާރައަކަށް ވެފައިވާ ވިނީޝިއުސް ޖޫނިއާ އަށް އިއްޔެގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދެއްކުން ވީ އުނދަގޫ ކަމަކަށެވެ.

މެޑްރިޑް (މާޗް 26) – ނަސްލީ ތަފާތުކުރުންތަކުގެ ޝިކާރައަކަށް ވެފައިވާ ވިނީޝިއުސް ޖޫނިއާ އަށް އިއްޔެގެ ޕްރެސް ކޮންފަރެންސްގައި ވާހަކަ ދެއްކުން ވީ އުނދަގޫ ކަމަކަށެވެ.

ނަސްލީ ތަފާތުކުރުންތަކުގެ ސަބަބުން އޭނާ ކުރިމަތިލި އުނދަގޫތަކުގެ ވާހަކަ ދައްކަމުން ދިޔައިރު އޭނާގެ ލޮލުން ކަރުނަ ފާއްދާލި އެވެ. އިއްޔެ ބޭއްވި މި ޕްރެސް ކޮންފަރެންސަކީ ބްރެޒިލާއި ސްޕޭން މިރޭ ކުޅޭ ހާއްސަ މެޗުގެ ޕްރީ މެޗު ޕްރެސް އެވެ.

އޭނާގެ ކްލަބް ރެއާލް މެޑްރިޑްގެ ސެންތިއާގޯ ބާނެބެއުގައި މިރޭ އޮތް މެޗު ހާއްސަ ވަނީ ވެސް ވިނީޝިއުސް އަށެވެ. މި މެޗު ކުޅެން މީގެ އަހަރެއް ކުރިން ނިންމީ ވެސް ފުޓްބޯޅަ ދަނޑުން ވިނީޝިއުސް އަށް ކުރިމަތިވި ނަސްލީ ތަފާތުކުރުންތަކާ ދެކޮޅަށް ތެދުވުމުގެ ގޮތުންނެވެ.

ޕްރެސް ކޮންފަރެންސްގައި ބްރެޒިލްގެ ފޯވާޑް ބުނީ އޭނާ ބޭނުންވީ ފުޓްބޯޅަ ކުޅުން ކަމަށާއި އަދި އެއީ ކަޅު ނަސްލުގެ މީހުންނަށްޓަކައި ކަމަށެވެ.

"އަހަރެން ބޭނުންވަނީ ފުޓްބޯޅަ ކުޅެން އަދި އެއީ ކަޅު ނަސްލުގެ މީހުންނަށް ޓަކައި. ކަޅުނަސްލުގެ މީހުންނަށް ތަފާތު ނުކުރަން އަހަރެން ބޭނުން ވީ،" ވިނީޝިއުސް ބުންޏެވެ.

" މިއީ ވަރަށް ހިތާމަހުރި ކަމެއް. މިއީ މިތަނުގައި ކޮންމެ މެޗެއްގައި، ކޮންމެ ދުވަހަކު ވެސް ދިމާވާ ކަމެއް. ދުނިޔޭގައި ތިބި ހުރިހާ ކަޅު ނަސްލުގެ މީހުން ފަދައިން، އަމާޒުވާ ކޮންމެ ނަސްލީ ތަފާތު ކުރުމަކުން އަހަރެން ވެސް ވަރަށް ދެރަވޭ. އެއީ ހިތާމަވެރި ކަމެއް. މިއީ ހިނގަމުން އަންނަ ކަމެއް. ސްޕޭނުގެ އިތުރުން ދުނިޔޭގެ އެހެން ތަންތަނުގައި ވެސް.

"އެއީ އަހަރެންގެ ބައްޕަ އަށް ވެސް ކުރިމަތިވި ކަމެއް. ކަޅު ނަސްލުގެ މީހެއްގެ ބަދަލުގައި ދޮން މީހަކު އެމީހުން އިހްތިޔާރު ކުރޭ. ކަޅު މީހުން އެއްކިބާކޮށް ދޮން މީހުންނަށް އިސްކަން ދޭ. އަހަރެން އެކަމާ ދެކޮޅަށް ތެދުވަނީ އަހަރެން އިހްތިޔާރުކޮށްފައި ވާތީ. އަހަރެން ހަނގުރާމަ ކުރަނީ އެހެން މީހަކަށް އެކަން ވުމަށް ނޭދޭތީ."

ވިނީޝިއުސް ބުނީ، ދަނޑުތަކުން ކުރިމަތިވާ ނަސްލީ ތަފާތުކުރުންތަކުގެ ސަބަބުން ފުޓްބޯޅަ ކުޅުމުގެ ޝައުގުވެރިކަން ކުޑަ ވަމުންދާ ކަމަށެވެ.

"ވަރަށް ގިނަ ދުވަސްތަކެއް ވަންދެން މިމަންޒަރު ބަލަން ހުރެވިއްޖެ ހިތާމައިގެ އިހުސާސް ކުރެވެނީ، ފުޓްބޯޅަ ކުޅުމުގެ ޝައުގުވެރިކަން ކުޑަވޭ،" އޭނާ ބުންޏެވެ.

ވިނީޝިއުސްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެކަން ކަމަށް އަދަބު ނުދެވުމެވެ. އޭނާ ބުނީ ފީފާ އާއި ޔޫއެފާއިން ކުރާ މަސައްކަތާ ގާތަށް ވެސް ލަލީގާއިން އެކަމާ ދެކޮޅަށް މަސައްކަތް ނުކުރާ ކަމަށެވެ.