Roadha Mihaaru
ގޯތިތަކަށް އަރާފައިވާ ނެޓްވޯކުތައް ބަދަލުކުރަން ފަށައިފި

ގޯތިތަކަށް އަރާފައިވާ ނެޓްވޯކުތައް ބަދަލުކުރަން ފަށައިފި

26 މާޗް 2024

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެންމެ ފަހު ދުވަސްކޮޅު ހުޅުމާލެ 2 އިން ދޫކޮށްފައިވާ ގޯތިތަކަށް އަރާފައިވާ ފެނާއި ނަރުދަމާ ނެޓްވޯކް އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ އެންމެ ފަހު ދުވަސްކޮޅު ހުޅުމާލެ 2 އިން ދޫކޮށްފައިވާ ގޯތިތަކަށް އަރާފައިވާ ފެނާއި ނަރުދަމާ ނެޓްވޯކް އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ.

ކުރީގެ ސަރުކާރުން ފެށި ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތަކުގެ ތެރެއިން 150 އެއްހާ ގޯތި ފެނާއި ނަރުދަމާ ހޮޅިތަކަށް އަރަ އެވެ. އެހެންވެ، ބިމުގެ އިން ވަކިކޮށްފައި އޮތަސް، އެ ތަނުގައި އެއްވެސް މަސައްކަތެއް ނުކުރެވެ އެވެ.

އެކަމަށް އަވަސް ހައްލެއް ހޯދައިދިނުމަށް އެޗްޑީސީ އާއި އެމްޑަބްލިއުއެސްސީ ގުޅިގެން މިއަދު މެންދުރު ވަނީ ފެނާއި ނަރުދަމާ ނެޓްވޯކް އަޅާފައިވާ ތަންތަން ބަދަލުކުރުމުގެ މަސައްކަތް ފަށައިފަ އެވެ.

އެ މަސައްކަތް ފެށުމަށް ފަހު، މީޑިއާއާ ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ، އެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށް ގެންދަވާނެ ކަމަށެވެ.

"މި ތަނަށް ބަލާލި ކަމުގައި ވިޔަސް ސްވަރޭޖް ނެޓްވޯކް މި އޮތީ މި އިންފާރުގެ އެތެރޭގައި. ވޯޓާ ނެޓްވޯކް މި އޮތީ މި ތަނުގައި ފެންނަން،" ފެނާއި ނަރުދަމާ ނެޓްވޯކަށް އަރާ ގޮތަށް ދޫކޮށްފައިވާ ގޯއްޗެއް ދައްކަވަމުން ފަޒުލް ވިދާޅުވި އެވެ.

ގޯތިތަކަށް އަރާ ނެޓްވޯކްތައް އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށުމުގެ ރަސްމިއްޔާތުގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ނޫސްވެރިންނާ ވާހަކަ ދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

އޭނާ ވިދާޅުވީ، ބިންތައް ކޮނެގެން ކުރަން ޖެހޭ މަސައްކަތްތައް މި ވަގުތު ފެށިޔަސް ވަރަށް އަވަހަށް ތާރުގަނޑު ކަނޑައިގެން ކުރަން ޖެހޭ މަސައްކަތް ވެސް ކުރަން ފަށާނެ ކަމަށެވެ.

"ބިންވެރިޔާ ޕްލޮޓްތަކަށް އަރާފައި ހުރި މަގު ނެގުމުގެ މަސައްކަތް ވެސް ފަށާނަން. އެއާ ބެހޭ ތަފްސީލު ވެސް ވަރަށް އަވަހަށް މީޑިއާ އާ ހިއްސާކުރާނަން،" ފަޒުލް ވިދާޅުވި އެވެ.

ގޯއްޗަކަށް އަރާފައި ނެޓްވޯކްތައް ބަދަލުކުރުމަށް ތިން މަސް ދުވަސް ހޭދަވާނެ، -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ގޯއްޗަކަށް އަރާފައި ނެޓްވޯކްތައް ބަދަލުކުރުމަށް ތިން މަސް ދުވަސް ހޭދަވާނެ، -- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ހުޅުމާލެ 2 އިން ގޯތިތައް ދޫކޮށްފައިވާ ސަރަހައްދުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވީ، ގޯތިތައް ދޫކުރަން ޖެހެނީ ނެޓްވޯކްތަކަށް ނާރާ ގޮތަށް ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، މަގުތަކުގެ އަޑީގައި އަޅާފައިވާ ނެޓްވޯކްތަކަށް އަރާ ގޮތަށް ގޯތިތައް ދޫކޮށްފައިވާ މައްސަލަ ހައްލު ކުރަންޖެހެ އެވެ.

"މިކަން އެކަށީގެންވާ ގޮތަށް ރަނގަޅަށް ބެލިގެން ކުރިއަށް ގެންގޮސްފައި ނެތީމާ، މިކަން މި އޮތީ ވަރަށް ބޮޑު މަސައްކަތެއް ކުރަންޖެހޭ ގޮތަށް،" މަތީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ހޮޅިތައް އެހެން ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ތިން މަސް ދުވަހުގެ ތެރޭގައި އެއްކޮށް ނިންމައިލެވޭނެ ކަމަށެވެ.

"ނިމެމުންދާ ވަރަކަށް އެޗްޑީސީ އިން ދެން އޮތް ބައި ކުރިއަށް ގެންދާނެ. އިރާދަކުރެއްވިއްޔާ އާންމު ރައްޔިތުންނަށް ދަތިތަކެއް ކުރިމަތި ނުވާނެ ގޮތަކަށް އަދި މިހާރުގެ ކަންބޮޑުވުންތަކަށް ނިމުމެއް އަންނަ ގޮތަކަށް މި މަސައްކަތްތައް ހަލުވި ސްޕީޑުގައި ނިންމާލާނަން،" މަތީން ވިދާޅުވި އެވެ.

ގޯތިތަކަށް އަރާފައިވާ ނެޓްވޯކްތައް ނެގުމުގެ މަސައްކަތަށް 200 މިލިއަން ރުފިޔާ ހަރަދުވާ ކަމަށް އެޗްޑީސީން ބުނެފައި ވެ އެވެ. އަދި މައްސަލަ ޖެހިފައި ހުރި ސަރަހައްދުތައް ފިޔަވައި އެހެން ހުރިހާ ބިންތަކަށް ހުއްދަ ދިނުމުގެ މަސައްކަތް މިހާރު ވެސް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެފައި ވެ އެވެ.