27 މާޗް 2024
ހަމަ ކުއްލިއަކަށް ހަދީޖާ މުހައްމަދު (ހައްޖަ) އަށް އެ ދުވަހު ހީވީ ލޮލުގައި ފެން ގިނަވާހެންނެވެ. އެ އުނދަގުލުން ސަލާމަތްވާން ވަރަށް ގިނައިން ލޯ އުނގުޅި އެވެ. އިރުކޮޅެއް ފަހުން ތަންތަން ފެނުނީ ވަރަށް ފުސްކޮށެވެ.
ހަމަ ކުއްލިއަކަށް ހަދީޖާ މުހައްމަދު (ހައްޖަ) އަށް އެ ދުވަހު ހީވީ ލޮލުގައި ފެން ގިނަވާހެންނެވެ. އެ އުނދަގުލުން ސަލާމަތްވާން ވަރަށް ގިނައިން ލޯ އުނގުޅި އެވެ. އިރުކޮޅެއް ފަހުން ތަންތަން ފެނުނީ ވަރަށް ފުސްކޮށެވެ.
"އެހެން ހުރެފައި މަޑުމަޑުން ފެނުން ދަށްވަމުން ގޮސް އެއްކޮށް އެ ދުވަހު ގެއްލުނީ," ހައްޖަ ލޯ އަނދިރިވި ދުވަހުގެ ހަނދާންތައް ކިޔައިދެމުން ބުންޏެވެ.
ދެރަވެ ރޮވުނެވެ. މާޔޫސްވި އެވެ. ޑިގްރީއަށް ފަހު ވަޒީފާއަދާކޮށް ރަނގަޅު ދިރިއުޅުމަކަށް ކުރި އުއްމީދު ވެސް ގެއްލުނީއޭ އެ ދުވަހު ހިތަށް އެރި އެވެ. ހައްޖަގެ ފުރަތަމަ ކައިވެނީގައި ދަރިފުޅަށް އޭރު ކިރިޔާ އަހަރެއްވީ އެވެ.
ހައްޖަ އޭނާގެ ދަރިފުޅު ސަލްމާންއާ އެކު: ޑިވައިސެއްގެ އެހީގައި، ދަރިފުޅު ބަލާ ސްކޫލް ދޮށަށް ވެސް ހައްޖަ ދޭ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ލޯބިވާ ދަރިފުޅު ސަލްމާން ވެސް ނުފެނި ދެން އިވޭނީ އަޑެވެ. އަބަދު އުޅެން ޖެހޭނީ އެހެން މީހެއްގެ އެހީގައި ހެއްޔެވެ؟ މިކަހަލަ ހިޔާލުތަކުން މީހާ ވަށާލައި ހުއްޓުން އެރި އެވެ. އެކަމަކު އެ ހިތާމައިން އަރައިގަނެވި ހައްޖަގެ ލޮލަށް ފެނުނު އިރަށް ވުރެން އޭނާ މިހާރު ހިތްވަރުގަދަ އެވެ.
ލޮލަށް ފެނުނުއިރު އަމިއްލަ މީހާއާ މެދު ނުވިސްނި ހުރި ބައިވަރު ކަންތައް ރަނގަޅުކުރަން ދަސްވެއްޖެ ކަމަށް ހައްޖަ ބުންޏެވެ. އެކަނި ކަންކަން ކުރަން އުނދަގުލެއް ވެސް ނޫނެވެ.
ލޮލުގެ ފެނުން ގެއްލުމުން ހައްޖައަށް މާބޮޑަށް ސާފުވީ އޭނާގެ ދިރިއުޅުމުގެ އަމާޒެވެ. ހަމަ ކުއްލިއަކަށް ކޮންމެ ފަދަ ކަމެއް ވެސް ދިމާވެދާނެ އެވެ. އެކަމުގައި އޮތީ އެ މީހަކު އެކަމަކާ ކުރިމަތިލާ ގޮތެވެ.
"ލޮލަށް ނުފެނުނީމަ ވަރަށް ރަނގަޅަށް މީހުންގެ މިޒާޖު ވެސް ދަސްވެއްޖެ. އެއްވެސް ވަރަކަށް މިހާރު ނުވޭ ދެރައެއް. ހިތާއި ސިކުނޑިން ވިސްނައިގެން ކަންކަމުގައި އޮންނަ ރަނގަޅު ގޮތަށް ކުރިއަށް ދާން ބޭނުމީ," ހައްޖަ ކިޔައިދިނެވެ.
ހައްޖަގެ ފެނުން ގެއްލުނު ގޮތް "މިހާރު"އަށް ކިޔައިދެނީ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ގްރޭޑް ނުވައަކުން ފެށިގެން ހައްޖަ ވަރަށް ގަދައަށް ބޮލުގައި ރިއްސި އެވެ. ބައެއް ދުވަސްތަކުގައި ކްލާހުގައި ނީނދެވޭ ވަރު ވެ އެވެ. އޯލެވެލް އަދި އޭލެވެލް ނިންމައި ޑިގްރީ ކޯސް ހެދިއިރު ވެސް މިކަން އޭނާ ތަހައްމަލްކުރަން ޖެހުނެވެ. ކޯސް ފުރިހަމަ ނުކުރެވި އޭނާއަށް ޖެހުނީ މެދުކަނޑާލާށެވެ.
"އަބަދު އެހެން ބޮލުގައި ރިއްސާތީ ވަރަށް އުނދަގޫވި އެއްޗެއްސަށް ބަލަން. ލެޕްޓޮޕާއި ފޯނު ގެންގުޅެން ވެސް ހަމަ އުނދަގޫވެގެން ކޯސް ހުއްޓާލަން ޖެހުނީ."
ލޮލުގެ ފެނުން ދަށްކަމުން އޭރުއްސުރެން އައިނު އެޅި އެވެ.
އެހެން ދިމާވީ ޑޮކްޓަރުން ފުރަތަމަ ބުނި ގޮތުގައި ނާރުގެ މައްސަލައަކުންނެވެ. ފަހުން ޓެސްޓްތައް ހެދުމުން އެނގުނީ ސިކުނޑީގައި ފެން އުފެދޭތީ ވާ ގޮތެއް ކަމަށެވެ.
ހައްޖަ ބުނި ގޮތުގައި އެކަން ރަނގަޅުވެދާނެތީ ރާއްޖެއިން އޮޕަރޭޝަން ކުރަން ރެޑީވި އެވެ. އެކަމަކު ދަރިފުޅު ކުޑަވުމާއި އާއިލީ އެހެން ކަންތައްތަކާ ހެދި ލަސްކޮށްލުމަށް ފަހު އޮޕަރޭޝަން ކުރީ ރާއްޖެ އިން ބޭރުންނެވެ.
"ބޭރަށް ގޮސް އޮޕަރޭޝަން ކުރިތާ މަހެއް ފަހުން ދަމުން ދަމުން ގޮސް އެއްކޮށް ނުފެންނަން ފެށީ. އޮޕަރޭޝަން ކުރިއިރު ވެސް ބުނި ހުރި ވަރަށް ވުރެން ދަށްނުވެ ހުރެދާނެއޭ. އެއަށް ވުރެން ރަނގަޅުވެދާނެ ކަމުގެ ޔަގީންކަމެއް ނުދެވޭނެއޭ. އޭރުދެން ވަރަށް ބޮޑަށް ގޯސްވެފައި ހުރީ," ހައްޖަ ބުންޏެވެ.
އޭނާގެ ލޮލުގެ ނާރުތަކުގެ 60 ޕަސެންޓް ހުރީ ހަލާކުވެފަ އެވެ. އެކަން ރަނގަޅު ކުރެވޭނެ ވަރުގެ ފަރުވާއެއް ދެވޭވަރަށް ކުރިއަރާފައިވާ ތަނެއް ޑޮކްޓަރުން އޭނާއަށް ކިޔައިދީފައިވާ ގޮތުގައި އަދި ނެތެވެ.
ހައްޖަގެ ކައިވެނި ރޫޅުނީ ލޮލުގެ ފެނުން ގެއްލި އެ ދިރިއުޅުމަށް ހޭނެމުން ދަނިކޮށެވެ. ދަރިފުޅުގެ ކަންކަމުގައި އޭނާއަށް އެންމެ ބޮޑަށް އެހީވީ މަންމަ އެވެ.
ގޭތެރޭގައި ކުރާ މަސައްކަތާއި ކައްކާ އެއްޗެހި މީރުކަމުން ހައްޖައަކީ ނުފެންނަ މީހެކޭ ހިއެއް ނުވާނެ އެވެ. ބަދިގޭގެ ސާމާނުތައް ހުންނަނީ އޭނާއަށް ފަސޭހައިން އެނގޭ ގޮތަށް ތަރުތީބުން ބަހައްޓައިފަ އެވެ. ރަހަތައް ވަކިކުރަނީ ވަހުންނެވެ.
"ފުރަތަމަ ބަދިގެއަށް ވަންނަން އުޅުނީމަ މަންމަ ބުނީ ތިކަމެއް ނުވާނެއޭ, ވަޅިއާ ޖެހުނީމަ އަތް ކެނޑޭނެއޭ. އަހަރެން ބުނިން ވަޅި ގެންގުޅޭއިރު އަތް ކެނޑޭނެއޭ ފެންނަ މީހުންގެ ވެސް," ހައްޖަ ބުންޏެވެ.
ހައްޖަ ފޯނާ ކުޅެނީ. ފޯނު ގެންގުޅެނީ ލޯފަން މީހުންނަށް ހާއްސަ އެޕްލިކޭޝަނެއް އަޅައިގެން. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ފަންގިވިންނަން އުޅުނީމަ ވެސް އެކަން ވެދާނެ ކަމަކަށް ގިނަ ބަޔަކު ގަބޫލެއް ނުކުރި އެވެ. އެކަމަކު ފަންގި ވިޔެގެން އާމްދަނީ ހޯދަ އެވެ. ދުވާލަކު ތިން ބޮނޑި ވެސް ވިނުމަކީ ހައްޖައަށް މާބޮޑު ކަމެއް ނޫނެވެ.
"މިއަދު ވެސް ދެ ބޮނޑި ވިޔެ ނިންމާލިން," ހައްޖަ ބުންޏެވެ.
އެކަނި ކުރަން އުނދަގޫ، ބައެއް ކަންކަމުގައި އޭނާގެ މިހާރުގެ ފިރިމީހާގެ އެއްބާރުން ލިބެ އެވެ.
ޑިވައިސެއްގެ އެހީގައި ދަރިފުޅު ބަލައި އެކަނި ސްކޫލް ދޮށަށް ވެސް ދެ އެވެ. ގެ އާއި ސްކޫލާ ދޭތެރޭގައި ހިނގަން މަގުތައް ވެސް ދަސްކުރީ އެވެ. ފިހާރަތަކަށް ވެސް ދެ އެވެ. ކުރިމަތިން އެއްޗެއް ނުރައްކާވާ ނަމަ އެ ޑިވައިސް ވައިބްރޭޓްވާނެ އެވެ.
"ބައެއް މީހުން ބުނޭ ތި ހާލުގައި އުޅެން ޖެހޭތީ ދެރަވޭ ދޯއޭ. މިކަހަލަ ވާހަކަތަކުން މާ ދެރަވޭ, އުނދަގޫވޭ," ހައްޖަ ބުންޏެވެ.
"އަސްލުނުވޭ ދެރައެއް. ކޮންމެ މީހަކަށް ވެސް އޮންނާނެ އެއްގޮތް ނޫނީ އަނެއް ގޮތް. އެއްވެސް އަޅަކަށް ދެރަގޮތެއް މިންވަރެއް ނުކުރައްވާނެ. އަބަދުވެސް ވިސްނަނީ އެހެން. މިއަދާ ދޭތެރެއަކު ނޫން މާދަމާއާ ދޭތެރޭގައި."
މަގުމަތީގައި ޖޯލި ފައްޗާއި އެހެން ވެސް ސާމާނު ބަހައްޓާފައި ހުންނާތީ ބައެއް ފަހަރަށް އުނދަގޫވެ އެވެ. އެ ކަހަލަ ކަންކަމުގައި ލޯފަން މީހުންނާ މެދު އެ ރަށެއްގައި އުޅޭ ބަޔަކު ވިސްނައި އެހީތެރިވެދޭ ނަމަ މިހާރަށް ވުރެން ވެސް ހެޔޮ އަސަރެއް އެ މީހުންގެ ދިރިއުޅުމުން ފެންނާނެ ކަމަށް ހައްޖަ ގަބޫލުކުރެ އެވެ.
ލޮލުގެ ފެނުން އެއްކޮށް ގެއްލުމުން ދިރިއުޅެން ހިތްވަރަކަށް ވި އަދި އެންމެ ބޮޑު އެހީއެއް ވި އެއް ބަޔަކީ ލޮލަށް ނުފެންނަ މީހުންގެ ޖަމިއްޔާ އެވެ. އެ ޖަމިއްޔާ އަށް ވަދެ މެމްބަރުންނާ އުފެދުނު ގުޅުމުން ވަރަށް ގިނަ ކަންކަން ދަސްވި ކަމަށް ހައްޖަ ބުންޏެވެ.
ހައްޖަ ފިރިމީހާއާ އެކު: އޭނާގެ އެއްބާރުލުން ވަރަށް ބޮޑަށް ލިބޭ. -- ފޮޓޯ: ފަޔާޒް މޫސާ | މިހާރު
ނުފެންނަ މީހަކަށް އެކަނި ގޭދޮރު މައްޗަށް ނުނިކުމެވޭނެއޭ މައިންބަފައިންގެ އޮންނަ ބިރާއި އާއްމުން ދެކޭ ގޮތް ހައްޖަ ބުނި ގޮތުގައި ވަރަށް ބޮޑަށް ބަދަލުވެއްޖެ އެވެ. ރަނގަޅަށް ތިބޭ ބައެއް މީހުންނަށް ވުރެން ވެސް މާ ރަނގަޅަށް އުޅެވޭކަން ލޮލަށް ނުފެންނަ ގިނަ ބަޔަކު އެބަ ދައްކަ އެވެ. އެ މީހުންނަށް ބޭނުންވަނީ އެކަމުގައި އެހީތެރިކަމެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ހާއްސަ ވަޒީފާގެ ފުރުސަތުތަކެއް ހޯދަން ދައްޗެވެ. ގިނަ މީހުން ޖެހެނީ އަމިއްލަ ކަމެއް ކޮށްގެން ދިރިއުޅެވޭ ވަރަށް އާމްދަނީ ހޯދާށެވެ. ނުވަތަ ސަރުކާރުން ދޭ އެލަވަންސުން ފަރުވާ އާއި އެހެން ހަރަދުތައް ހަމަޖައްސާށެވެ. ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އެލަވަންސެއް ދިނަސް އެންމެންނަކަށް އުޅެވޭ ވަރު ނުވެ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިދިޔަ އަހަރު އެލަވަންސް ބޮޑުކުރިއިރު ހައްޖަ އެ ކެޓަގަރީގައި ލައްވައެއް ނުލަ އެވެ. އެކަމުގައި އޭނާ ކަމާބެހޭ އިދާރާތަކުގައި ވަރަށް ޝަކުވާކޮށްފި އެވެ.
"އެކަމަކަށް ނާދޭ އެއްވެސް ހައްލެއް އަދިވެސް. އެކަނި ހާލައިގެން ނޫޅެވޭ މީހުންނަށް، އެލަވަންސް ބޮޑުކޮށްދޭ ވާހަކަ ބުނަނީ މެޑިކަލްއެއް ހުށަހަޅައިގެން."
ޑޮކްޓަރުގެ ލިއުމާއެކު ތިން ފަހަރަށް ހުށަހެޅި ނަމަވެސް އެ ކެޓަގަރީއަށް ނުފެތޭ ކަމަށް ކަނޑައަޅައި އަދިވެސް ހަމައެއްނުޖެހެ އެވެ. ދަރިފުޅު ބަލައި ސްކޫލް ދޮށަށް ގޮސްފައި ވެސް އެކަނި ގެއަށް އަންނާތީ ނިންމަނީ "އަމިއްލައަށް އެކަނި އުޅެން އެނގޭ މީހެއްގެ" ގޮތުގައި ކަމަށް ހައްޖަ ބުންޏެވެ.
"ގޭތެރޭގައި ވެސް އެކަނި އުޅެމޭ ބުނީމަ އެ މީހުން ގަބޫލުކުރަނީ އަމިއްލަ ހާލައިގެން އެކަނި އުޅެވޭ ކަމަށް. އެލަވަންސް ބޮޑުނުކުރަނީ އެހެންވެ."
ލޮލަށް ނުފެނުމަކީ ހައްޖަ ބުނި ގޮތުގައި އޭނާގެ ނަސީބުގައި ހުރި ގޮތެވެ. ކުރަން ހުރި ޝަކުވާތައް ދޫކޮށްލައި ދިރިއުޅުމުގައި ކުރިއަށް ދިއުމުގެ ހިތްވަރު ނެރެނީ ލޮލަށް ނުފެނުނަސް ހައްޖަގެ މުއްސަނދި ހިތުންނެވެ.
އަބްދުއްރަހްމާންގެ ގުލްޒާރުގައި ނުފޮޅޭ މަލެއް ނެތް!
ޒަރީރުގެ ތާރީޚީ ހަޒާނާއިން ބައެއް ވާހަކަތައް
ހާފިޒެއް، އިމާމެއް، ދަނޑުވެރިއެއް
ބިޝާ:މޭކަޕް ކުރުމުގެ ދާއިރާއިން ރާއްޖޭގެ އެންމެ އުހަށް
އުފާވެރިކަން މާޒީ އަށް، މިއީ ހިތްދަތި ހަޔާތެއް
ކުދި ދޯނިތަކެއްގައި ވަސީމް ކުރާ ޝައުގުވެރި ދަތުރު
ޝަބާނާ ކުރި ތަޖުރިބާއިން ވަރުގަދަ ވިޔަފާރިއެއް
މި ރަށުގައި މަގޫ ގަހުގައި އަޅަނީ "ފައިސާ"
ނަސީރު: ފެހުމުގައި މި ސަރަހައްދުގެ އެންމެ ވަރުގަދަ ނަން!
ވަހީދުބެ: އުމްރާވެރިންގެ ދިވެހި "މާސްޓަޝެފް"