Roadha Mihaaru
ނިލަންދޫގައި އެއާޕޯޓު އަޅާނެ ބިން ހިއްކަން ހަވާލުކޮށްފި

ނިލަންދޫގައި އެއާޕޯޓު އެޅުމަށް ބިން ހިއްކަން އެމްޓީސީސީއާ ހަވާލުކޮށްފި

27 މާޗް 2024

ފ. ނިލަންދޫގައި އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ފ. ނިލަންދޫގައި އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކަން އެމްޓީސީސީއާ މިއަދު ހަވާލުކޮށްފި އެވެ.

އިންފްރަސްޓްރަކްޗާ މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި، އެ މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބެވެ. އެމްޓީސީސީ އިން ސޮއިކުރެއްވީ ސީއީއޯ އަބްދުﷲ ޒިޔާދެވެ.

ރާއްޖޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކާއި ރިސޯޓެއް އަދި ސިނާއީ ސަރަހައްދަކުން ވިޔަސް 30 މިނެޓުގެ ތެރޭގައި ދެވޭ ދުރުމިނުގައި ޑޮމެސްޓިކް އެއާޕޯޓެއް ގާއިމްކޮށް، ޑޮމެސްޓިކް އެއާޕޯޓު ވިއުގަ ފުޅާކުރުމުގެ ސިޔާސަތުގެ ދަށުން ހަދާ އެއާޕޯޓަށް 42.6 ހެކްޓަރުގެ ބިން ހިއްކާނެ އެވެ. އޭގެ އިތުރުން، 2،098 މީޓަރު ބޮޑު ހިލަ ރިވެޓްމަންޓް ޖަހައި 1،400 މީޓަރުގެ ޖީއޯބޭގް ރިވެޓްމަންޓް ޖަހާނެ ކަމަށް އެމްޓީސީސީން ބުންޏެވެ. އެ މަސައްކަތްތައް ހަވާލުކުރީ 390 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ނިލަންދޫގެ ކައިރީގައި އޮންނަ މަގޫދޫގައި ހަދާ އެއާޕޯޓުގެ މަސައްކަތް ނިމުމަކާ ގާތްވެފައި ވަނިކޮށް، ނިލަންދޫގައި އެއާޕޯޓު އަޅަން ހަވާލުކުރިއިރު، އެ ދާއިރާގެ މަޖިލިސް ގޮނޑިއަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ކޮއްކޯފުޅު ފާތިމަތު ސައުދާ ވާދަކުރައްވަ އެވެ.

ނިލަންދޫގައި އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓަރު ޑރ. މުއްތަލިބު އާއި އެމްޓީސީގެ ސީއީއޯ ޒިޔާދު އަދި އެ ރަށުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ- ފޮޓޯ: އިންފްރަސްޓްރަކްޗާ މިނިސްޓްރީ

ނިލަންދޫގައި އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމުގެ އެއްބަސްވުމުގައި ސޮއިކުރަން މިއަދު ބޭއްވި ރަސްމިއްޔާތުގައި، މިނިސްޓަރު ޑރ. މުއްތަލިބު އާއި އެމްޓީސީގެ ސީއީއޯ ޒިޔާދު އަދި އެ ރަށުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަނީ- ފޮޓޯ: އިންފްރަސްޓްރަކްޗާ މިނިސްޓްރީ

މަގޫދޫ ކައުންސިލުން ވާހަކަ ދެއްކެވި މެމްބަރަކު ވިދާޅުވީ، އެއާޕޯޓު ހެދުމުގައި އަމަލީ ގޮތުން ބައިވެރިވާ އެ ރަށުގެ މުވައްޒަފުން ހަމައެކަނި ފޮތުގައި ސޮއިކޮށް، ގޭގައި މަޑުކޮށްލަން އެމްޓީސީސީން އަންގާފައިވާ ކަމަށެވެ. މިހާރު މަސައްކަތް ހުއްޓާލިތާ ތިން ދުވަސް ވިއަސް، އެކަމާ ގުޅޭގޮތުން އެމްޓީސީސީން އަދި ސަރުކާރުގެ އެހެން އިދާރާއަކުން ވެސް އެއްވެސް ކަމެއް އަންގާފައި ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާ އާބާދީ ކުޑަ އަތޮޅެއްގައި، އެހާ ގިނަ އެއާޕޯޓު އަޅައިގެން ވާނެ ކަމަކަށް ގަބޫލެއް ނުކުރަން. އެއާޕޯޓު ހުއްޓާލަން އުޅޭ އެކި އަޑުތައް އިވެގެން މީގެ 2-3 މަސް ކުރިން ރައީސަށް ސިޓީ ފޮނުވިން. މިހާތަނަށް އައި އިރު ވެސް ޖަވާބެއް ނުލިބޭ،" ކައުންސިލުން ވާހަކަ ދެއްކެވި މެމްބަރު ވިދާޅުވި އެވެ.

ނަމަވެސް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. މުއްތަލިބު "މިހާރު" އަށް މިއަދު ވިދާޅުވީ، މަގޫދޫ އެއާޕޯޓުގެ މަސައްކަތް ހުއްޓާލުމުގެ ނުވަތަ މަޑުޖައްސާލުމުގެ އެއްވެސް އެންގުމެއް ސަރުކާރުން އެމްޓީސީސީ އަށް އަންގާފައި ނުވާނެ ކަމަށެވެ.

"އެމްޓީސީސީގެ އަމިއްލަ ކަމަކާ ގުޅިގެން މަޑުޖައްސާލީ ކަމަށް ވެދާނެ. ސީދާ ސަރުކާރުގެ އެއްވެސް އިންސްޓްރަކްޝަނެއް ނެތް މަގޫދޫ އެއާޕޯޓުގެ މަސައްކަތް މަޑުޖައްސާލާކަށް،" މިނިސްޓަރު ވިދާޅުވި އެވެ.

ލޯންޗެއްގައި މަގޫދޫން ނިލަންދު އަށް ފަސް މިނިޓުން ދެވޭނެ އެވެ. ލަކުޑި ފެރީއެއްގައި ވެސް 20-25 މިނެޓުގެ ތެރޭގައި ދެވޭނެ އެވެ.

އެމްޓީސީސީން އަންގާފައި ވަނީ ތަކެތި ލިބުން ފަދަ ކަންކަމާ ހެދި މަސައްކަތް މަޑުޖެހިފައިވާ ކަމަށެވެ. ނަމަވެސް، އެއާޕޯޓު މަޝްރޫއު ހުއްޓާލަން އަންގާފައި ނުވާ ކަމަށް ވެ އެވެ.