Roadha Mihaaru
ވެލެންސިއާގެ ޖޫނިއާ ޓީމަށް އެފްއޭއެމުން ދަނޑު ނުދިން

އެފްއޭއެމްގެ ދަނޑު ވެލެންސިއާ ޖޫނިއާ ޓީމަށް ނުދިނުމުން ސަރުކާރުން ހެންވޭރު ދަނޑު ދީފި

27 މާޗް 2024

އެފްއޭއެމްގެ ޓާފް ދަނޑު ބޭނުން ކުރުން، ކްލަބް ވެލެންސިއާގެ ޖޫނިއާ ޓީމަށް މަނާ ކުރުމުން، ހެންވޭރު ދަނޑު އެ ޓީމުގެ ޕްރެކްޓިސް ކުރަން ސަރުކާރުން ދީފި އެވެ.

އެފްއޭއެމްގެ ޓާފް ދަނޑު ބޭނުން ކުރުން، ކްލަބް ވެލެންސިއާގެ ޖޫނިއާ ޓީމަށް މަނާ ކުރުމުން، ހެންވޭރު ދަނޑު އެ ޓީމުގެ ޕްރެކްޓިސް ކުރަން ސަރުކާރުން ދީފި އެވެ.

ވެލެންސިއާގެ ލީޑާޝިޕާ މެދު ސުވާލު އުފައްދައި، އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމިޓީން މި މަހު އެ ކްލަބް ސަސްޕެންޑް ކުރި އެވެ.

އޭގެ ކުރިން ވެސް ވެލެންސިއާގެ 16 އަހަރުންދަށުގެ ޓީމުން ވަނީ ޖޫން މަހު ތައިލެންޑްގައި އޮންނަ ޔޫތު މުބާރާތެއްގައި ވާދަ ކުރަން ތައްޔާރުވާން ފަށައިފަވެ.

ފުޓްބޯޅަ އެކަޑަމީތަކާއި ޖޫނިއާ ޓީމުތަކުން ވެސް ޕްރެކްޓިސް ކުރަނީ މާފަންނު ސްޓޭޑިއަމްގެ ހުޅަނގުން އޮންނަ ޓާފް ދެ ދަނޑެވެ. އެއީ އެފްއޭއެމްގެ ބެލުމުގެދަށުގައި އޮންނަ ދެ ދަނޑެވެ.

ވެލެންސިއާގެ ޔޫތު ޓީމުގެ އޮފިޝަލަކު ބުނީ ކްލަބްގެ ޓޮޕް ލީޑާޝިޕާ އެފްއޭއެމްއާ ޖެހުނު މައްސަލައެއްގައި ފިޔަވަޅު އެޅިޔަސް އެކަޑަމީ ޓީމަށް ދަނޑު ބޭނުން ކުރުން މަނާ ކުރާނެކަމަށް ހީ ނުކުރާ ކަމަށެވެ.

"އެފްއޭއެމުން މައްސަލަ އޮތީ ކްލަބްގެ ޓޮޕް މެނޭޖްމެންޓާ އެކަމާ ހެދި އެކަޑަމީ ކުދިންނަށް، މިތިބަ ޖޫނިއާ ކުދިންނަށް ގެއްލުންވާނެ ގޮތަށް ކަންތައް ކޮށްފާނެ ކަމަކަށް ހީ ނުކުރަން،" އެ ކްލަބްގެ އޮފިޝަލް ބުންޏެވެ.

އޭނާ ބުނީ އެ ކްލަބަށް ދަނޑު ދޫކޮށްފައިވާ ޝެޑިއުލާ އެއްގޮތަށް ޖޫނިއާ ޓީމުން ދިޔައީ ދަނޑު ބޭނުން ކުރަމުން ކަމަށެވެ.

"ފަހުން ސިޓީއެއް ފޮނުވާފަ އެންގީ ދަނޑު ބޭނުން ނުކުރެވޭނެ،" އޮފިޝަލް ބުންޏެވެ.

އެފްއޭއެމުގެ ދަނޑު ބޭނުން ކުރަން އެ އެސޯސިއޭޝަނުން ވެލެންސިއާ އަށް މަނާ ކުރި ފަހުން ސްޕޯޓްސް މިނިސްޓްރީގެ ބެލުމުގެދަށުގައި އޮންނަ ހެންވޭރު ދަނޑު އެ ކްލަބުން ބޭނުން ކުރަން ފެށި އެވެ.

"މި ކުދިންނަށް މުހިންމު މުބާރާތެއް ކުރިމަތީގައި އޮތުމުން އިތުރު ވަގުތެއް ބޭކާރުކުރަން އަޅުގަނޑުމެން ބޭނުން ނުވީމަ. ހެންވޭރު ދަނޑު ހޯދަން މިސްޓްރީގައި އެދުނީ،" މިދިޔަ އަހަރު ޖޫން މަހު ތައިލެންޑްގައި އޮތް މުބާރާތުގެ ފައިނަލަށް ދިޔަ ވެލެންސިއާގެ ޔޫތު ޓީމުގެ އޮފިޝަލް ބުންޏެވެ.

ވެލެންސިއާ ސަސްޕެންޑް ކުރި މައްސަލަ، އެ ކްލަބުން ވަނީ އިސްތިއުނާފު ކޮށްފަ އެވެ. ލިޑާޝިޕާ މެދު ސުވާލު އުފައްދައި އެފްއޭއެމުން އެ ކްލަބް ސަސްޕެންޑް ކުރި ނަމަވެސް، އެ ކްލަބްގެ މިހާރުގެ ލީޑާޝިޕް ސްޕޯޓްސް ކޮމިޝަނުން ބަލައިގަނެ އެވެ. އަދި ކޮމިޝަނާ މުހައްމަދު ތޮލާލް ވަނީ ކުރިން އެކަން އެފްއޭއެމަށް ވެސް އަންގައިފަ އެވެ.