Roadha Mihaaru
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ

200 މިލިއަން ވެސް ވީ ބޮޑު އިސްރާފަކަށް، އަދިވެސް އެ ގޮތަށް ފައިސާ ހޭދަކުރަންވީތަ؟!

05 އޮކްޓޯބަރ 2024

ފުޓްބޯޅައިގެ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް މިދިޔަ އަށެއްކަ އަހަރު ދިން ފައިސާގެ އަދަދު، ރާއްޖޭގެ އެންމެ ހަރަކާތްތެރި ބައެއް ކުޅިވަރު އެސޯސިއޭޝަންތަކުގެ 8 އަހަރުގެ ބަޖެޓަށް ވުރެ ވެސް ބޮޑެވެ. އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ފުރަތަމަ ދައުރުގެ ފުރަތަމަ ދެ އަހަރު، ސަރުކާރުގެ ކުންފުނިތަކުން ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކްލަބަކަށް ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް ގާތްގަނޑަކަށް ތިން މިލިއަން ރުފިޔާ ދިނެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ފުޓްބޯޅައިގެ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކަށް މިދިޔަ އަށެއްކަ އަހަރު ދިން ފައިސާގެ އަދަދު، ރާއްޖޭގެ އެންމެ ހަރަކާތްތެރި ބައެއް ކުޅިވަރު އެސޯސިއޭޝަންތަކުގެ 8 އަހަރުގެ ބަޖެޓަށް ވުރެ ވެސް ބޮޑެވެ. އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ ފުރަތަމަ ދައުރުގެ ފުރަތަމަ ދެ އަހަރު، ސަރުކާރުގެ ކުންފުނިތަކުން ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކްލަބަކަށް ކޮންމެ އަހަރަކު ކަހަލަ ގޮތަކަށް ގާތްގަނޑަކަށް ތިން މިލިއަން ރުފިޔާ ދިނެވެ.

އޭނާގެ ފުރަތަމަ ދައުރުގެ ފަހު ދެ އަހަރަށް އެޅުމުގެ ކުރިން ސަރުކާރު ބަދަލުވެ، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި ނިންމީ ސަރުކާރުގެ ކުންފުނިތަކުން ކްލަބްތަކަށް ފައިސާ ނުދިނުމަށެވެ. ދެން އެ ފައިސާ ދޭން ޖާމިނުވީ ސީދާ އެފްއޭއެމުންނެވެ. އެފްއޭއެމާއި އެކުވެރި ގަލްފުގެ ގައުމުތަކުގެ އިދާރާތަކުން ލިބޭ ފައިސާ އިން، ކްލަބްތަކަށް އެ ފައިސާ ދެވޭނެ ކަމަށް ބައްސާމް ވިދާޅުވި އެވެ. އޭނާގެ ދެވަނަ ދައުރު ނިމުނުއިރު، ހުރިހާ ކްލަބަކަށް ހަމައަށް އެ ފައިސާ ފޯރުކޮށްދީފައެއް ނުވެ އެވެ. ކްލަބްތަކަށް ނުދީ ހުރި ފައިސާއަކީ ވެސް 85 މިލިއަނުން ދަރަނިވެރިވެފައިވާ އެފްއޭއެމްގެ ދަރަނީގެ ބައެކެވެ.

އެފްއޭއެމްގެ އިތުރުން ސީދާ ކުރީގެ ސަރުކާރުގައި ސްޕޯޓްސް މިނިސްޓްރީގެ ބަޖެޓުން ވެސް ކްލަބްތަކަށް ފައިސާ ދިނެވެ. އެހެން ކަމުން މިދިޔަ އަށެއްކަ އަހަރު ފުރަތަމަ ޑިވިޝަނުގެ 8 ކްލަބަށް ސަރުކާރާއި އެފްއޭއެމުން ދިން ފައިސާގެ އަދަދު 200 މިލިއަނެއްހާ ރުފިޔާ އަށް އަރާނެ އެވެ. އެ 8 ކްލަބަށް ފައިސާ ދޭން އަހަރަކަށް ހޭދަކުރަނީ 24 މިލިއަން ރުފިޔާ އެވެ.

ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި ކްލަބްތަކަށް ދިން ފައިސާ ވީ ބޮޑު އިސްރާފަކަށެވެ. ކްލަބްތައް ދެމެހެއްޓެނިވި ގޮތަކަށް ހިންގައެއް ނުލެވުނެވެ. އެ ފައިސާ އަށް ކްލަބްތައް ބަރޯސާވީ އެވެ. ގިނަ ކްލަބްތަކުން އަމިއްލަ ފައިމައްޗަށް ތެދުވާން ބޭނުމެއް ނުވި އެވެ. މުޅި ފުޓްބޯޅަ ފުނޑިގެން ދިޔައީ އެވެ.

ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ފުޓްބޯޅައިގެ ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކްލަބަކަށް ތިން މިލިއަން ރުފިޔާ ދިނުމަށް، ކުންފުނިތަކާ އެކު އެއްބަސްވުމުގައ ސޮއިކުރަން މާޗް 2017 ގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އެ އެހީން ވެސް ކްލަބްތައް ހިންގައިގަނެވޭ ގޮތެއް ނުވި --- ފައިލް ފޮޓޯ: އެފްއޭއެމް

ސަރުކާރު ކުންފުނިތައް މެދުވެރިކޮށް ފުޓްބޯޅައިގެ ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކްލަބަކަށް ތިން މިލިއަން ރުފިޔާ ދިނުމަށް، ކުންފުނިތަކާ އެކު އެއްބަސްވުމުގައ ސޮއިކުރަން މާޗް 2017 ގައި ބޭއްވި ރަސްމިއްޔާތުގެ ތެރެއިން: އެ އެހީން ވެސް ކްލަބްތައް ހިންގައިގަނެވޭ ގޮތެއް ނުވި --- ފައިލް ފޮޓޯ: އެފްއޭއެމް

އެފްއޭއެމާއި ރާއްޖޭގެ ފުޓްބޯޅަ އަށް ވެގެންދިޔަ ގޮތް ވަރަށް ގާތުން ބެއްލެވި ގާނޫނީ ދާއިރާގެ ތަޖުރިބާކަރަކު ވިދާޅުވި ގޮތުގައި ރާއްޖޭގެ ފުޓްބޯޅަ އަޑިއަޅާލައިގެން ދިޔަ އެއް ސަބަބަކީ، އެއްވެސް އުސޫލެއް ނެތި ކްލަބްތަކަށް ފައިސާ ދޭން ފެށުމެވެ. އެ ފައިސާ އިން ރާއްޖޭގެ ފުޓްބޯޅަ އަށް ކުރި އެއްވެސް ފައިދާއެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

"ސަރުކާރުގެ ޕޮލިސީއެއް އިމްޕްލިމެންޓް ނުކުރާ ގޮތަކަށް އެއްވެސް ހާލެއްގައި އެއްވެސް ތާކަށް އެއްވެސް ބަޔަކު ފައިސާ ދީގެން ނުވާނެ. ޕްރައިވެޓް ސެކްޓާގެ [ބޮޑެތި] ކުންފުނިތަކުން ސްޕޮންސާއެއް ވެސް ނުދޭނެ އެ މީހުން ބޭނުންވާ ކަމެއް ނުކުރާ ނަމަ،" އޭނާ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ފުޓްބޯޅައިގެ ބާރުވެރިކަން ހޯދަން ވަކި ބަޔަކު ބޭނުންވީ ހަމައެކަނި އެ ފައިސާ ކަމަށެވެ.

އަޅުގަނޑުމެންގެ ޕްރިމިއާ ލީގު، އެސްއޯއީސްތައް ހިމެނޭ ކޮންސޯޓިއަމްއަކުން ރަން ކުރަން ވީ ނޫން ހެއްޔޭ އެ އަށް ކުންފުންޏެއް ހަދާފައި. އެ މީހުންގެ ޝެއާ ލާފައި،"--- މައުރޫފް

ފީފާ އިން އައްޔަން ކުރި ނޯމަލައިޒޭޝަން ކޮމިޓީން މިދިޔަ އޮގަސްޓް މަހު އެފްއޭއެމްގެ ހިންގުމާ ހަވާލުވެ، ކްލަބްތަކާ އެކު ބޭއްވި ބައްދަލުވުމުގައި ވެސް އެންމެ ބޮޑު ޑިމާންޑަކަށް އޮތީ ފައިސާ އެވެ. ދަރަނީގެ ބޮޑު އަނދަވަޅަކަށް އެ އެސޯސިއޭޝަން ވެއްޓިފައި އޮތް އިރު ވެސް ކްލަބްތަކުން ބުނަނީ އަނެއްކާ ވެސް ފައިސާ ދިނުމަށެވެ. އެފްއޭއެމްގެ ކުރީގެ ލީޑަޝިޕުން ދެމުން އައި އެއްޗަކަށް ވާތީ، ނޯމަލައިޒޭޝަން ކޮމިޓީން ވެސް އެކަން ކުރަން ޖެހޭނެ ކަމަށް ބައެއް ކްލަބްތަކުން ދެކެ އެވެ.

އެފްއޭއެމް ކޮންގްރެސްއެއްގައި ބައިވެރިވި ބައެއް ކްލަބްތައް: ފުޓްބޯޅަ ހަލާކުވެގެން ދިޔައިރު ވެސް ކްލަބްތަކުން އަޅައެއް ނުލި --- ފައިލް ފޮޓޯ

އެފްއޭއެމް ކޮންގްރެސްއެއްގައި ބައިވެރިވި ބައެއް ކްލަބްތައް: ފުޓްބޯޅަ ހަލާކުވެގެން ދިޔައިރު ވެސް ކްލަބްތަކުން އަޅައެއް ނުލި --- ފައިލް ފޮޓޯ

ފުޓްބޯޅައިގެ ހަގީގީ މައްސަލަތައް ހުރީ ފުނިޖެހިފަ އެވެ. އެ އިން ކަމަކާ ކަންބޮޑުވެގެން ވާހަކަ ދައްކާނެ ކްލަބެއް ނުވެ އެވެ. ފުޓްބޯޅައާ ބެހޭ ގޮތުން ސޯޝަލް މީޑިއާގައި އާންމުކޮށް ކޮމެންޓް ކުރާ މީހަކު ލިޔެފައި ވަނީ ފުޓްބޯޅަ މި ހާލަތަށް ވެއްޓުމުގެ ޒިންމާ ކްލަބްތަކުން ނަގަން ޖެހޭނެ ކަމަށެވެ.

ނޯމަލައިޒޭޝަން ކޮމިޓީން ބޭއްވި ބައްދަލުވުމުގައި ބައިވެރިވި އޮފިޝަލަކު "މިހާރު" އަށް ކުރިން ވިދާޅުވީ، އެފްއޭއެމް މި ހާލަތުން ނަގާނެ ގޮތުގެ ބިނާކުރުވަނިވި ހިޔާލުތަކެއް ވެސް ކްލަބްތަކުން ހުށަހަޅާފައި ނުވާކަމަށެވެ.

"ކްލަބްތަކުގެ މައިގަނޑު ކޮންސާންއަކީ ހަމަ ފައިސާ،" އޭނާ ވިދާޅުވި އެވެ.

މިދިޔަ މަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާޕާސަން އަހުމަދު ޒުހޫރު ވިދާޅުވީ ކްލަބްތަކުގެ ކަންބޮޑުވުން އޭނާ އަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އެކަމަކު، ކްލަބްތައް ހިންގަން ފައިސާ ދިނުމަކީ އެފްއޭއެމުން ކުރަން ޖެހޭނެ ކަމެއް ނޫން ކަމަށް ކުރިން ސްޕޯޓްސް މިނިސްޓަރުކަން ވެސް ކުރެއްވި ޒުހޫރު ވިދާޅުވި އެވެ.

ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަހުމަދު ޒުހޫރު (ކ) އެ ކޮމިޓީގެ އެހެން މެމްބަރުންނާ އެކު ނޫސްވެރިންގެ ބައްދަލުވުމެއްގައި: އޭނާ ވިދާޅުވީ ކްލަބްތަކަށް ފައިސާ ދިނުމުގެ މެންޑޭޓެއް އެފްއޭއެމަށް ނޯންނަ ކަމަށް. --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ނޯމަލައިޒޭޝަން ކޮމިޓީގެ ޗެއާމަން އަހުމަދު ޒުހޫރު (ކ) އެ ކޮމިޓީގެ އެހެން މެމްބަރުންނާ އެކު ނޫސްވެރިންގެ ބައްދަލުވުމެއްގައި: އޭނާ ވިދާޅުވީ ކްލަބްތަކަށް ފައިސާ ދިނުމުގެ މެންޑޭޓެއް އެފްއޭއެމަށް ނޯންނަ ކަމަށް. --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އެކަމަކު ކްލަބްތަކުގެ އެ ކަންބޮޑުވުމާ ގުޅިގެން ފީފާގެ ލަފާ ވެސް ނޯމަލައިޒޭޝަން ކޮމިޓީން ހޯދި އެވެ. ޒުހޫރު ވިދާޅުވީ އެއީ ފީފާ އިން ވެސް ތަރުހީބު ދޭ ކަމެއް ނޫން ކަމަށެވެ.

"އޭއެފްސީ، ފީފާގައި އަޅުގަނޑުމެން ކޯޑިނޭޓް ކުރަން ތިބޭ ބޭފުޅުން އަޅުގަނޑުމެންނަށް ޖަވާބު ދީފައި ވަނީ ކްލަބްތަކަކީ އެފްއޭއެމުން ހިންގަން ޖެހޭ ބައެއް ނޫނޭ. ކްލަބްތަކުގެ މުސާރަތަކާ މިކަންކަން [ހަމަޖައްސައި ދިނުމަކީ] އެފްއޭއެމުން ކުރަން ޖެހޭ ކަމެއް ނޫން ކަމަށް. އެ ބޭފުޅުން ވިދާޅުވަނީ،" ޒުހޫރު ވިދާޅުވި އެވެ.

ކްލަބްތައް ހިންގަން އެފްއޭއެމުން ފައިސާ ދިނުމަކީ އެ އެސޯސިއޭޝަނުގެ މެންޑޭޓެއް ނޫން ކަމަށް ޒުހޫރު ވިދާޅުވި އެވެ.

އެފްއޭއެމްގެ އެ ނިންމުމާ އެކު، ދެން އަނެއްކާވެސް އެސްއޯއީތަކުން ކޮންމެ ކްލަބަކަށް ކޮންމެ އަހަރަކު ތިން މިލިއަން ރުފިޔާ ދޭން ވީ ހެއްޔެވެ؟ އެ ކުންފުނިތަކުން ބަރާބަރަށް އެ ފައިސާ ދިން ދެ އަހަރުގައި ވެސް ކްލަބްތައް ހިންގުން ހަރުދަނާވި ތަނެއް ނުފެނުނެވެ. އެސްއޯއީތަކުން ހަމައެކަނި ފުޓްބޯޅަ ކްލަބްތަކަށް ފައިސާ ދިނުމަކީ އެހެން ކުޅިވަރުތަކުގެ ކަންބޮޑުވުމެކެވެ. އެސޯސިއޭޝަނެއްގެ ވެރިޔަކު ވަނީ އެ ކަންބޮޑުވުން، އޮލިމްޕިކް ކޮމިޓީގެ ކޮންގްރެސްއެއްގައި ވެސް އޭރު ފެންމަތިކޮށްފަ އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ކުޅިވަރަށް ސުޕޮންސާ ދޭން ތިބި ކުންފުނިތަކުން ފުޓްބޯޅަ ކްލަބްތަކަށް އެކަނި ފައިސާ ދިނުމުން އެހެން ކުޅިވަރު އެސޯސިއޭޝަންތައް ބާކީ ވަނީ އެވެ. އެހެން ކުޅިވަރަކަށް ސުޕޮންސާގެ އެހީއެއް ދޭނެ ބަޖެޓެއް، ކުންފުނިތަކުން ސުޕޮންސާޝިޕްގެ ބަޖެޓުން ބާކީއެއް ނުވެ އެވެ.

ސަރުކާރުގެ ކުންފުންޏަކުން ކޮންމެ ކްލަބަކަށް އަހަރަކު ތިން މިލިއަން ރުފިޔާ ދިނުމަކީ ކުންފުނިތައް އޭރު ހިންގަވަން ތިއްބެވި ބޭފުޅުން ބޭނުންވި ގޮތެއް ނޫނެވެ.

"އެއީ ފީޒަބަލް ކަމެއް ނޫން ދެއްތޯ. އަޅުގަނޑު ދެންނެވިން ކުރެވޭނެ ކަމެއް ނޫނެ. ސަސްޓެއިންއެއް ނުކުރެވޭނެއޭ. އެކަމަކު ރައީސް ބޭނުންފުޅުވީމާ ކުންފުނިތަކުގެ ވެރިންނަށް ވެސް ނޯންނާނެ ކުރެވޭނެ ކަމެއް،" ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ފުރަތަމަ ޑިވިޝަނުގެ ކޮންމެ ކްލަބަކަށް ދިން ތިން މިލިއަން ރުފިޔާގެ ޕެކޭޖާ ބެހޭގޮތުން އޭރު ކުންފުންޏެއްގެ އިސް މަގާމެއް އަދާކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ.

ދެމެހެއްޓެނެވި އިންވެސްޓްމެންޓަކަށް ދިއުން ނޫން ގޮތެއް ނެތް

ފުޓްބޯޅައިގެ ބިޒްނަސް މެނޭޖްމެންޓް ދާއިރާ އިން ބާސެލޯނާގެ ޔޯހާން ކްރައިފް އިންސްޓިޔުޓުން މާސްޓާސް ޑިގްރީ ހާސިލު ކުރައްވާފައިވާ ކުރީގެ ކޯޗު މައުރޫފް އަހްމަދު (މާއްޓޭ) ވިދާޅުވީ، ދެމެހެއްޓެނިވި އިންވެސްޓްމެންޓެއް ނެތި ކްލަބްތަކަށް ފައިސާ ދިނުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށެވެ. ކްލަބްތަކަށް އެ ފައިސާ ދޭން 2016 ގައި އިއުލާން ކުރުމުން ވެސް އެ ވާހަކަ އޭނާ ދެއްކެވި އެވެ.

ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ކުރެއްވި މައުރޫފް ވިދާޅުވިގޮތުގައި، ކްލަބްތަކަށް ފައިސާ ދިނުމަކީ ގޯސް ކަމެއް ނޫނެވެ. ނަމަވެސް މައްސަލައަކީ އެ ފައިސާ ދިނުމަށް އޭރު ބޭނުންކުރި މޮޑެލް ކަމަށް އޭނާ ވިދާޅުވި އެވެ.

ފުރަތަމަ ޑިވިޝަނުގެ ކްލަބަކަށް ފައިސާ ދިނުމަށް، ކުންފުންޏަކާ އެކު 2017 ގައި ހެދި އެއްބަސްވުމުގައި ސޮއި ކުރަން ބޭއްވި ރަސްމިއްޔަތުގެ ތެރެއިން: އެއީ ފީޒަބަލް ކަމެއް ނޫން ކަމަށް ތަޖުރިބާކާރުން ބުނޭ --- ފައިލް ފޮޓޯ: އެފްއޭއެމް

ފުރަތަމަ ޑިވިޝަނުގެ ކްލަބަކަށް ފައިސާ ދިނުމަށް، ކުންފުންޏަކާ އެކު 2017 ގައި ހެދި އެއްބަސްވުމުގައި ސޮއި ކުރަން ބޭއްވި ރަސްމިއްޔަތުގެ ތެރެއިން: އެއީ ފީޒަބަލް ކަމެއް ނޫން ކަމަށް ތަޖުރިބާކާރުން ބުނޭ --- ފައިލް ފޮޓޯ: އެފްއޭއެމް

"ކްލަބްތަކަށް އޭރު [ކުންފުނިތަކުން ފައިސާ] ދެމުން ދިޔަ ދުވަސްވަރުގައި ދެއްތޯ އަޅުގަނޑު އެ ވާހަކަ ދެއްކީ. އެއީ ސަސްޓެއިނަބަލް މޮޑެލްއެއް ނޫނޭ [ކިޔާފައި]،" މައުރޫފް ވިދާޅުވި އެވެ.

"އެކަން ދެއްތޯ ފެނިގެން މިދިޔައީ، ސަރުކާރުން އެ ހުއްޓާލީމާ ކްލަބްތައް ވެއްޓިގެން ދިޔައީ."

ކްލަބްތައް ފައިސާ ފޯރުކޮށްދިނުމަށް ދެމެހެއްޓެނިވި ގޮތަކަށް ކަން ކުރެވޭނެ އެކި މޮޑެލްތައް ހުންނާނެ ކަމަށް ރާއްޖޭގެ އުފެދުނު ކާމިޔާބު އެއް ކޯޗު މައުރޫފް ވިދާޅުވި އެވެ.

އެކަމުގައި އަނެއްކާވެސް ކުންފުނިތައް ބައިވެރިކުރާ ނަމަ އަމަލު ކުރެވިދާނެ "ދެމެހެއްޓެނިވ" ގޮތެއް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ޕްރިމިއާ ލީގު، އެސްއޯއީސްތައް ހިމެނޭ ކޮންސޯޓިއަމްއަކުން ރަން ކުރަން ވީ ނޫން ހެއްޔޭ އެ އަށް ކުންފުންޏެއް ހަދާފައި. އެ މީހުންގެ ޝެއާ ލާފައި،" ފުޓްބޯޅަ މާކެޓިންގެ ރޮނގުން ވެސް މާސްޓާސް ފުރިހަމަ ކުރި މައުރޫފް ވިދާޅުވި އެވެ.

ކޮންސޯޓިއަމް ކުންފުންޏަށް ވިޔަފާރި ކުރުމުގެ ފުރުސަތު ފަހިކޮށްދީ، އެ ވިޔަފާރިގެ ފައިދާ އިން ކޮންމެ އަހަރަކު ވެސް ވަކި އަދަދަކަށް ކްލަބްތަކަށް ފައިސާ ދެވިދާނެ ކަމަށް މައުރޫފް ވިދާޅުވި އެވެ.

ކުރީގެ ކޯޗު މައުރޫފް އަހްމަދު (މާއްޓޭ) ފުޓްބޯޅައިގެ ބިޒްނަސް މެނޭކްމެންޓްގެ ދާއިރާއިން ކިޔެވި މާއްޓޭ ވިދާޅުވީ ކްލަބްތައް ހިންގަން ދެމެހެއްޓެނިވި މޮޑެލްއެއް ހޯދުން މަޖުބޫރުކަމަށް

ކުރީގެ ކޯޗު މައުރޫފް އަހްމަދު (މާއްޓޭ) ފުޓްބޯޅައިގެ ބިޒްނަސް މެނޭކްމެންޓްގެ ދާއިރާއިން ކިޔެވި މާއްޓޭ ވިދާޅުވީ ކްލަބްތައް ހިންގަން ދެމެހެއްޓެނިވި މޮޑެލްއެއް ހޯދުން މަޖުބޫރުކަމަށް

"ކޮންސޯޓިއަމް ކުންފުނި އުފައްދާފައި ހުރިހާ އެސްއޯއީތަކުން އެ އަށް ކެޕިޓަލްއެއް ކޮންޓްރަބިއުޓް ކުރެވިދާނެ. އެ ކެޕިޓަލް އިން އެ މީހުން [ކޮންސޯޓިއަމް ކުންފުނިން] ވިޔާފާރި ކުރާ މޮޑެލްއަކަށް ވެސް ދެވިދާނެ،" ހިޔާލެއްގެ ގޮތުގައި މައުރޫފް ވިދާޅުވި އެވެ.

ވިޔާފާރީގެ އެސެޓެއްގެ ގޮތުގައި ފުޓްބޯޅައިގެ ވަސީލަތްތައް އެ ކުންފުނީގެ މިލުކުވެރިކަމުގެ ދަށަށް ބަދަލު ކުރުމަކީ ވެސް ކުރެވިދާނެ ކަމެއް ކަމަށް މައުރޫފް ވިދާޅުވި އެވެ.

ފުޓްބޯޅައިގެ ތަޖުރިބާކާރު ވިދާޅުވީ އެފަދަ ނިންމުމަކާ ހަމައަށް ދާން ޖެހޭނީ ގިނަ ބައެއްގެ މަޝްވަރާއާއެކު ކަމަށެވެ.

"އޭރުން ފަހަރެއްގައި މާ ރަނގަޅު ހިޔާލެއް ވެސް ނެރެވިދާނެ،" މައުރޫފް ވިދާޅުވި އެވެ.

އެކަމަކު ރާއްޖޭގެ ފުޓްބޯޅަ ދެމެހެއްޓެނިވި މޮޑެލްއަކަށް ދާން މަޖުބޫރު ކަމަށް އޭނާ ވިދާޅުވި އެވެ. ކޮންމެ ފަހަރަކު ސަރުކާރު ބަދަލުވެގެން ނޫނީ އެފްއޭއެމްގެ ލީޑަޝިޕް ބަދަލުވެގެން އޭގެ އަސަރު ކްލަބްތަކަށް ނުކުރާނެ ގޮތަށް، ކްލަބްތަކުގެ ހިންގުން ބަދަލުކުރަން ޖެހޭ ކަމަށް މައުރޫފު ވިދާޅުވި އެވެ.

ޔަގީންވާ ކަމަކީ، ސަރުކާރުގެ ކުންފުނިތަކުން ނޫނީ އެފްއޭއެމުން ހިތު ހުރި ވަރެއް ފުޓުބޯޅައިގެ ކްލަބްތަކަށް ހޭދަކުރުމަކީ ކުރެވިގެން ވާނެ ކަމެއް ނޫން ކަމެވެ. އެ ވަގުތަކު ވެރިކަމުގައި ހުންނަވާ ރައީސަކު ބޭނުންފުޅުވާ އަދަދެއް ހަމައެކަނި ވަކި އެސޯސިއޭޝަނެއްގެ ދަށުގައިވާ ކްލަބްތަކަށް އެއްވެސް އުސޫލެއް ނެތި ދޭން ވެއްޖެ ނަމަ އަނެއްކާވެސް މާޒީ އިޔާދަވުން ނޫން ކަމެއް ނުވާނެ އެވެ. ސަރުކާރު ނުވަތަ ސަރުކާރުގެ ކުންފުނިތަކުން ނުވަތަ އެފްއޭއެމުން ވިޔަސް ފައިސާ ދޭ ނަމަ ދޭންވީ ލިޔެފައިވާ ހަރުދަނާ ނިޒާމެއްގެ ތެރެއިންނެވެ.