Roadha Mihaaru
ސައުދީން މިސް ޔުނިވާސް މުބާރާތުގައި ވާދަކުރަނީ

ސައުދީން މިސް ޔުނިވާސް މުބާރާތުގައި ވާދަކުރަނީ

27 މާޗް 2024

ރީތީގެ މުބާރާތް، މިސް ޔުނިވާސްގައި ސައުދި އަރަބިއްޔާ އިން މި އަހަރު ބައިވެރިވާން ނިންމައިފި އެވެ.

ރީތީގެ މުބާރާތް، މިސް ޔުނިވާސްގައި ސައުދި އަރަބިއްޔާ އިން މި އަހަރު ބައިވެރިވާން ނިންމައިފި އެވެ.

މިއީ މި މުބާރާތުގައި ސައުދީން ވާދަކުރާ ފުރަތަމަ ފަހަރެވެ. އެ މުބާރާތް ބާއްވަނީ އަންނަ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހު މެކްސިކޯގަ އެވެ.

ސައުދީގެ ފަރާތުން އެ މުބާރާތުގައި ވާދަކުރަނީ އެ ގައުމުގެ މޮޑެލްއެއް ކަމަށްވާ 27 އަހަރުގެ ރޫމީ އަލްގަހްތާނީ އެވެ. އޭނާ ވަނީ މިސް ޔުނިވާސް މުބާރާތުގައި ވާދަކުރާކަން އިންސްޓަގްރާމް ޕޯސްޓެއް މެދުވެރިކޮށް އިއުލާންކޮށްފަ އެވެ.

"މިސް ޔުނިވާސް 2024ގެ މުބާރާތުގައި ބައިވެރިވުމަކީ އަހަންނަށް ލިބޭ ފަހުރެއް. މިއީ ސައުދީ އަރަބިއްޔާގެ ފަރާތުން މި މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރު،" ސައުދީގެ ވެރިރަށް ރިޔާޟަށް އުފަން ރޫމީ ބުންޏެވެ.

ރޫމީ ވަނީ މިސް ސައުދީ އަރަބިއްޔާގެ ޓައިޓަލް ވެސް މިދިޔަ އަހަރު ކާމިޔާބުކޮށްފަ އެވެ. އޭގެ ކުރިން ވެސް ރީތީގެ އެކި މުބާރާތްތަކުގައި އޭނާ ބައިވެރިވި އެވެ. އޭގެ ތެރޭގައި މެލޭޝިއާގައި ބޭއްވި މިސް އޭޝިއާ އާއި މިސް އަރަބް ޕީސް އަދި މިސް ޔޫރަޕް މުބާރާތް ހިމެނެ އެވެ.

އޭނާ ވަނީ ޑެންޓިސްޓްރީގެ ދާއިރާއިން ބެޗެލާސް ޑިގްރީ ހަދައިފަ އެވެ. އަދި އަރަބި ބަހުގެ އިތުރުން އިނގިރޭސި ބަހާއި ފްރެންޗަށް އޭނާ ވަރަށް ފަރިތަ އެވެ.

ގަލްފުގެ ގައުމަކުން މިސް ޔުނިވާސްގެ މުބާރާތުގައި ފުރަތަމަ ފަހަރަށް ބައިވެރިވީ މިދިޔަ އަހަރު އެވެ. އެއީ ބަހުރެއިންގެ ފަރާތުން ވާދަކުރި އެ ގައުމުގެ މޮޑެލް ލުޖެއިން ޔައުގޫބެވެ.

ސައުދީގެ ރަސްގެފާނުގެ ދަރިކަލުން އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން އަލް ސައުދުގެ "ވިޝަން 30" ސިޔާސަތުގެ ދަށުން އެ ގައުމަށް އިޖުތިމާއީ އަދި އިގުތިސާދީ ގޮތުން ބޮޑެތި ބަދަލުތަކެއް އަންނަނީ ގެންނަމުންނެވެ. އަދި ކުރިއާ ހިލާފަށް އެ ގައުމުގައި މުނިފޫހިފިލުވުމުގެ ހަރަކާތްތައް ހިންގުމަށް މިހާރު ވަނީ ވަރަށް ބޮޑަށް މިނިވަންކަން ދީފަ އެވެ.