Roadha Mihaaru
ސައޫދީން މިސް ޔުނިވާސްގައި ބައިވެރިވާ ވާހަކަ ދޮގުކޮށްފި

ސައޫދީން މިސް ޔުނިވާސްގައި ބައިވެރިވާ ވާހަކަ ދޮގުކޮށްފި

12 އެޕްރީލް 2024

ދުނިޔޭގެ ރީތީގެ މުބާރާތް، މިސް ޔުނިވާސްގައި ސައޫދީ އަރަބިއްޔާއިން ބައިވެރިވާ ކަމަށް ބުނާ ވާހަކަ އެ މުބާރާތް ބާއްވާ މިސް ޔުނިވާސް އޮގަނައިޒޭޝަނުން ދޮގުކޮށްފި އެވެ.

ދުނިޔޭގެ ރީތީގެ މުބާރާތް، މިސް ޔުނިވާސްގައި ސައޫދީ އަރަބިއްޔާއިން ބައިވެރިވާ ކަމަށް ބުނާ ވާހަކަ އެ މުބާރާތް ބާއްވާ މިސް ޔުނިވާސް އޮގަނައިޒޭޝަނުން ދޮގުކޮށްފި އެވެ.

ސައޫދީން ފުރަތަމަ ފަހަރަށް މި މުބާރާތުގައި ވާދަކުރާ ކަމަށް ބުނެ ސައޫދީގެ މޮޑެލް އެއް ކަމަށްވާ ރޫމީ އަލް ގަހްތާނީ، 27، އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި މިދިޔަ މަހު ހާމަކުރުމާ އެކު ދުނިޔޭގެ ސަމާލުކަމަށް އެކަން ވަނީ އައިސްފަ އެވެ. ގަހުތާނީގެ ޕޯސްޓާ ހަވާލާދީ ދުނިޔޭގެ ބޮޑެތި މީޑިއާތަކުން މި ވާހަކަ ރިޕޯޓްކުރި އިރު ވެސް މިއީ ދޮގެއް ކަމަކަށް މިސް ޔުނިވާސް އިން ބުނެފައެއް ނުވެ އެވެ.

އެކަމަކު އިއްޔެ ނެރުނު ބަޔާނެއްގައި މިސް ޔުނިވާސް އިން ބުނީ މުބާރާތަށް މީހަކު ހޮވުމަށް ސައޫދީގައި އަދި ސިލެކްޝަން ޕްރޮސެސް ކުރިއަށް ނުގެންދާ ކަމަށާއި މުބާރާތުގައި އެ ގައުމުން ވާދަކުރާ ކަމަށް ބުނާ އެއްވެސް ވާހަކައަކީ އަދި ދޮގެއް ކަމަށެވެ.

"ސައޫދީ އަރަބިއްޔާ އަކީ މި އަހަރު ވާދަކުރާ ގައުމެއްގެ ގޮތުގައި އަދި ޔަގީނެއް ނުވެ އެވެ. އަދި ކުރަމުން މި ގެންދަނީ މުބާރާތަށް ޝަރުތު ހަމަވާ ބައިވެރިން ކަނޑައެޅުމަށް ބަލަންޖެހޭ އެތައް ކަމެއް ބަލައި ކަށަވަރުކުރުމުގެ ބުރަ މަސައްކަތް ކުރަމުންނެވެ.،" ބަޔާނުގައިވެ އެވެ. "މި ހުރިހާ ކަމެއް މުބާރާތުގެ އެޕްރޫވަލް ކޮމިޓީން ކަށަވަރުކުރުމުގެ ކުރިން މި ޝަރަފްވެރި މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ސައޫދީ އަރަބިއްޔާއަކަށް ނޯންނާނެ އެވެ."

ސައޫދީގެ މަޝްހޫރު މޮޑެލް ރޫމީ އަލް ގަހްތާނީ މިދިޔަ މަހު ފަހުކޮޅު ސޯޝަލް މީޑިއާގައި ބުނީ މިސް ޔުނިވާސްގައި ބައިވެރިވުމަކީ އޭނާއަށް ލިބޭ ބޮޑު ޝަރަފެއް ކަމަށެވެ. މިއީ ސައޫދީން މުބާރާތުގައި ވާދަކުރާ ފުރަތަމަ ފަހަރު ކަމަށް ވެސް އޭނާ ބުނެފައިވެ އެވެ. އޭނާގެ މި ވާހަކަތައް މިސް ޔުނިވާސް އިން ދޮގުކުރުމުން އަދިވެސް އޭނާގެ ސޯޝަލް މީޑިއާ އެކައުންޓްތަކުގައި އެ ޕޯސްޓްތައް ހުރި ގޮތަށް އެބަ ހުއްޓެވެ.

"މުބާރާތަށް ހޮވިއްޖެ ކަމަށް ރޫމީ އަލް ގަހްތާނީ އިއުލާނުކުރީ ކީއްވެ ކަމެއް ނޭނގެ. އޭނާ މުބާރާތުގައި ބައިވެރިވާން ބޭނުން ނަމަ އެހެން ކެންޑިޑޭޓުންނެކޭ އެއްގޮތަށް އޭނާ ވެސް ޖެހޭނީ ސައޫދީގެ ރީތީގެ މުބާރާތުގައި ވާދަކޮށް އެ ހުރިހާ މަރުހަލާއެއް ފުރިހަމަކުރަން،" މިސް ޔުނިވާސްގެ ތަރުޖަމާނު، ސީއެންއެން އަށް ވިދާޅުވި އެވެ.

މި އަހަރުގެ މިސް ޔުނިވާސް މުބާރާތް ސެޕްޓެމްބަރު އޮންނާނީ މެކްސިކޯގަ އެވެ. މުބާރާތުގައި 100 އަށް ވުރެ ގިނަ ގައުމުން ބައިވެރިވެ އެވެ.