Roadha Mihaaru
ތުހުމަތު ކުރާނެ އެއްވެސް ކަމެއް ނުކުރަން: ފައްޔާޒު

ހިޔާނާތުގައި ތުހުމަތެއް ކުރެވިދާނެ އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ ކަމަށް: ފައްޔާޒު

27 މާޗް 2024

އާރުޑީސީގެ ހިޔާނާތުގެ ތުހުމަތެއް ކުރެވިދާނެ އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ ކަމަށް، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

އާރުޑީސީގެ ހިޔާނާތުގެ ތުހުމަތެއް ކުރެވިދާނެ އެއްވެސް ކަމެއް ކޮށްފައެއް ނޯންނާނެ ކަމަށް، ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް މިރޭ ވިދާޅުވެއްޖެ އެވެ.

އޭސީސީއާ ގުޅިގެން ހިންގާ ތަހުގީގާ ގުޅޭގޮތުން ސުވާލުކުރަން، އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ވެސް ހުންނެވި ފައްޔާޒު، މާދަމާ މެންދުރު ފަހު 3:00 ގައި ފުލުސް އޮފީހަށް ހާޒިރުވާން މިއަދު ވަނީ އަންގައިފަ އެވެ.

ފުލުހުންގެ ޗިޓުގައި ބުނީ، އޭނާ ހާޒިރުކުރަނީ އާރުޑީސީން ކޮށްފައިވާ މުއާމަލާތްތަކުގެ ތެރެއިން މާލީ މަންފާ ލިބިފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، އެކަމާ މެދު ސުވާލުކުރަން ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ފައްޔާޒު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އާރުޑީސީން ހިޔާނާތެއް ވެއްޖެ ކަމަށް ބުނެ، ބަލަނީ އެއްވެސް ހަގީގަތެއް އެކުލެވޭ މައްސަލައެއް ނޫން ކަމަށެވެ. އޭނާގެ މައްޗަށް ތުހުމަތެއް ކުރެވިދާނެ ފަދަ އެއްވެސް ކަމެއް ކޮށްފައި ނޯންނާނެ ކަން ސާބިތުކަމާ އެކު ދަންނަވާ ކަމަށް ވެސް ފައްޔާޒުގެ ޕޯސްޓުގައިވެ އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގައިދިޔަ ކަންތައްތަކަށް އިޝާރާތްކުރައްވައި ފައްޔާޒު ވިދާޅުވީ އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާ ފެށުނީ ކަމަށެވެ.

"ސިޔާސީ ސަބަބަކަށްޓަކައި ހިންގާ ތަހުގީގަކަށް ވިޔަސް މި ތަހުގީގަށް އަޅުގަނޑުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ. ސިޔާސީ ކެމްޕޭނުތައް ހިންގުމުގައި ގައުމީ މުއައްސަސާތައް ބޭނުންކުރުން ހުއްޓާލުމަށް މި ސަރުކާރަށް ގޮވާލަން،" އޭނާ ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހިންގި އާރުޑީސީގެ ހިޔާނާތާ ގުޅޭ މައުލޫމާތު ދިނުމަށް، މި މަހުގެ 3 ވަނަ ދުވަހު ބޭއްވި ނިއުސް ކޮންފަރެންސްގައި، ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ބުނީ ސެޕްޓެމްބަރު 2022 ގައި އެ މައްސަލަ ހުށަހެޅުމާ އެކު، ޓެކްނިކަލް ކަންތައްތައް ކުރަން ފެށި ކަމަށެވެ. މިހާތަނަށް ކުރި މަސައްކަތުގައި އާރުޑީސީގެ ހިޔާނާތުގައި ސަރުކާރުގެ ގިނަ މުވައްޒަފުންގެ ބައިވެރިވުން އޮތްކަމަށް ތުހުމަތު ކުރެވުނަސް ތިން މީހެއްގެ ބައިވެރިވުން އޮތްކަން ޔަގީން ކުރެވިފައިވާ ކަމަށް އޭރު ބުންޏެވެ.

އެ ތިން މީހުންގެ އަމިއްލަ އެކައުންޓަށް ކުންފުނީގެ 14 މިލިއަން ރުފިޔާ ދައުރުކޮށްފައި ވެ އެވެ. އޭގެ ތެރެއިން އެކެއްގެ އެކައުންޓަށް 11 މިލިއަން އަދި އިތުރު ދެ މީހެއްގެ އެކައުންޓަށް، އެ އިން ކޮންމެ މީހެއްގެ އެކައުންޓަށް އެއް މިލިއަން ރުފިޔާ ޖަމާވެފައިވާ ކަމަށް އެ ޑިޕާޓްމަންޓުން ބުންޏެވެ.

ހެޑް އޮފް ކްރައިމް އިންވެސްޓިގޭޝަންގެ ކޮމާންޑް ޕޮލިސް ސުޕްރިންޓެންޑެންޓް އަހުމަދު ނާފިޒް ވިދާޅުވީ މިކަމުގައި ތުހުމަތު ކުރެވޭ އާރުޑީސީގެ މުވައްޒަފުންގެ އެކައުންޓުތަކުން، އޭރުގެ ސަރުކާރުގައި ބައިވެރިވުން އޮތް އިސްވެރިންތަކެއްގެ އެކައުންޓުތަކަށް ވެސް އެ ފައިސާ ވަދެފައިވާތީ އެ ކަން ވެސް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ނާފިޒު ވިދާޅުވީ އާރުޑީސީއާ ގުޅުން ހުރި އެހެން ކުންފުންޏެއްގެ އެކައުންޓަށް 392،000ރ. ވަދެފައިވާ ކަމަށެވެ. އެ ފައިސާގެ ތެރެއިން 162،000ރ. އެ ކުންފުންޏާ ގުޅުން އޮންނަ ފަރާތެއްގެ އެކައުންޓަށް ވަދެފައިވާ ކަން އޭނާ ހާމަކުރެއްވި އެވެ.