އައްޑޫގެ ޓޫރިޒަމް ތަރައްގީ ކުރުމަށްޓަކައި 6،000 އެނދު އިތުރު ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރު ވެފައިވާ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
31 މާޗް 2024
އައްޑޫގެ ޓޫރިޒަމް ތަރައްގީ ކުރުމަށްޓަކައި 6،000 އެނދު އިތުރު ކުރުމުގެ މަސައްކަތް ފެށުމަށް ތައްޔާރު ވެފައިވާ ކަމަށް ރައީސް، ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.
އައްޑޫގެ ޓޫރިޒަމް އިތުރު ހަރުފަތަކަށް ގެންދިއުމަށްޓަކައި މި ސަރުކާރުން ވަނީ "އައްޑޫ އައްސޭރި ޓޫރިޒަމް ޑިވެލޮޕްމެންޓް ޕްލޭން" އެއް މިދިޔަ މަހު އެކުލަވާލައިފަ އެވެ.
އަންނަ މަހުގެ 21 ގައި ބާއްވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބުގައި ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި އައްޑޫ ހުޅުދޫ ދާއިރާ އަށް ވާދަ ކުރައްވާ މުހައްމަދު ޝާހިދު (ޝާޑު)ގެ ކެމްޕެއިން ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، އައްޑޫ 6،000 ބެޑްގެ މަޝްރޫއު އަކީ އަބަދު ދައްކާ ވާހަކަ އަކަށް ހެދުމުގެ ބަދަލުގައި އެއާޕޯޓުގެ މަސައްކަތާ އެކު އަމަލީ ގޮތުން އެކަން ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.
"އައްސޭރި ޓޫރިޒަމްގެ 6،000 ބެޑްގެ މަޝްރޫއު ވެސް ދާދި އަވަހަށް އަޅުގަނޑުމެން ފެށުމަށް މިހާރު ވަނީ ތައްޔާރުވެފައި، އެއާޕޯޓުގެ މަސައްކަތާ އެކީ،" ރައީސް ވިދާޅުވި އެވެ.
ސީ ޕްލޭން ޓާމިނަލްގެ މަސައްކަތް ވެސް ކުރުމާއި ނުކުރުމުގެ މެދުގައި ބޭއްވުމުގެ ބަދަލުގައި މަސައްކަތް ކުރަނީ ހުރިހާ ކަމެއް އެއްފަހަރާ ފަށައި އައްޑު އަށް ތަރައްގީ ގެނައުމުގެ މަސައްކަތް ކުރުމަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
އިންތިހާބަށް ފަހު ރައީސް މުއިއްޒު އައްޑުއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅުގައި އައްޑޫގެ މޭޔަރު އަލީ ނިޒާރު އާ ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: ރައީސް އޮފީސް
އައްޑޫ، ހުޅުމީދޫ ބްރިޖުގެ މަސައްކަތަށް އަލިއަޅުއްވާލައްވައި ރައީސް ވިދާޅުވީ އެއީ އައްޑޫގެ ތަރައްގީ، އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން އެތައް ހަރުފަތެއް މައްޗަށް ގެންގޮސްދޭނެ "ފާލަން" ކަމަށެވެ.
އެ ބްރިޖުގެ ސަބަބުން މުޅި އައްޑު އަށާއި ދެކުނަށް އެތައް ގުނައެއް މައްޗަށް ތަރައްގީ ލިބޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ރައީސް ފާހަގަކުރެއްވި ގޮތުގައި އައްޑޫ ބްރިޖުގެ ފީޒިބިލިޓީގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. ދެން އޮތީ އެ ސާވޭގެ މައްޗަށް އެކިއެކި ހިސާބުތައް ޖެހުމަށް ފަހު އަމަލީ މަސައްކަތާ ދިމާލަށް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"އަޅުގަނޑު ވައުދުވި ގޮތަށް 2024، މި އަހަރު ނިމުމުގެ ކުރީގައި އެ ބުރިޖުގެ މަސައްކަތް ފަށާނެ. އަމަލީ ގޮތުން ފެންނާނެ،" ރައީސް ވިދާޅުވި އެވެ.
ރައީސް މުއިއްޒު ރޭ ވިދާޅުވީ، މިއީ ހުޅުދޫ ދާއިރާ އަދި ހާއްސަކޮށް އައްޑޫގެ ތަރައްގީއަށްޓަކައި އެންމެން އެކަތިގަނޑަކަށް ވެގެން މަސައްކަތް ކުރަންވީ ފަހަރު ކަމަށެވެ.
"އައްޑޫ އައްސޭރި ޓޫރިޒަމް ޑިވެލޮޕްމެންޓް ޕްލޭން" ގެ ދަށުން ސަރުކާރުން ރިޔާސީ އިންތިހާބުގައި ވެފައިވާ ވައުދާ އެއްގޮތަށް އައްޑޫގައި 6،000 އެނދު ތަރައްގީ ކުރާނެ އެވެ. އަދި އެއާ އެކު 10،000 ވަޒީފާގެ ފުރުސަތު އުފެދިގެންދާނެ ކަމަށް ވެސް ޕްލޭންގައި ލަފާކޮށްފައިވެ އެވެ.
އޭގެ އިތުުރުން އެ އަތޮޅުގައި ކުރިން ހިންގަމުން ދިޔަ އަދި މިހާރު އޮޕަރޭޝަން ހުއްޓިފައި އޮތް ޝަންގްރިލާ ވިލިނގިލި ރިސޯޓު އަލުން ހިދުމަތް ދޭން ފެށުމަށް ވަނީ ނިންމައިފަ އެވެ. އެ ޕްލޭންގައިވާ ގޮތުން މި އަހަރުގެ ތެރޭގައި އެ ރިސޯޓުގެ ހިދުމަތް އަލުން އަނބުރާ ދޭން ފަށާނެ އެވެ.
ޓޫރިޒަމް ތަރައްގީ ކުރުމުގެ އެ ޕްލޭންގައި އައްޑޫގައި ކަލްޗަރަލް ވިލެޖެއް ހެދުމާއި ވެލްނެސް ޒޯނާއި މެރިން ޕްރޮޓެކްޓެޑް އޭރިއާތައް ފާހަގަކޮށް އެފަދަ ސަރަހައްދުތަކުން ޓޫރިޒަމްގެ ނަފާ ހޯދޭނެ ގޮތްތައް ކިޔައިދީފައިވެ އެވެ. އަދި އައްޑޫގައި ހޮސްޕިޓަލިޓީ ސްކޫލެއް ހެދުމަށް ވެސް ވަނީ ޕްލޭން ކޮށްފަ އެވެ.
ފޯކަސްގައި އޮތީ ނަތީޖާ ނެރުން އެކަނި: ރައީސް
"މާލެއާ އެއްފެންވަރަށް އައްޑުތަރައްގީކުރަން ބޭނުން"
ލަންޑަންގައި އައްޑޫ ޕްރޮމޯޓް ކުރަން ހަތްލައްކަ ރުފިޔާ!
އަންނަ އަހަރު އައްޑޫގައި ޓޫރިޒަމް ސިމްޕޯޒިއަމެއް
ޝަންގްރިއްލާ ރިސޯޓު ހުޅުވޭނެ ތާރީހެއް ކަނޑައަޅަނީ
އަބްދުއްރަހީމް މަޖިލިހުގެ ރައީސްކަމަށް، ދިނީ ޔަގީންކަން
ލ. އަތޮޅަށް ހަތަރު ރިސޯޓު، ގަން-ފޮނަދޫ ސިޓީއަކަށް!
ލ. އަތޮޅުގެ ތާރީހު ބަދަލުކޮށްލެއްވީ ރައީސް: އަދުރޭ
"ޕާޓީ ބަދަލުކުރުމުގެ ފުރުސަތު ދައުރުގެ ކުރިން ލިބޭ"
ސުޕަމެޖޯރިޓީ ދައްކާލައި، ކާމިޔާބީ ފާހަގަކޮށްފި