Roadha Mihaaru
"މާލެއާ އެއްފެންވަރަށް އައްޑުތަރައްގީކުރަން ބޭނުން"

މާލެއާ އެއް ފެންވަރަށް އައްޑޫ ތަރައްގީކުރަން ބޭނުން: ރައީސް

12 އެޕްރީލް 2024

ސަރުކާރުން ބޭނުންވަނީ އައްޑުއަކީ މާލެއާ އެއް ފެންވަރަށް ތަރައްގީވެފައިވާ ސިޓީއަކަށް ހެދުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު އައްޑޫ ހިތަދޫން މާއިދާ މުހައްމަދު ރަޝާދު

ސަރުކާރުން ބޭނުންވަނީ އައްޑުއަކީ މާލެއާ އެއް ފެންވަރަށް ތަރައްގީވެފައިވާ ސިޓީއަކަށް ހެދުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.

އައްޑޫގެ އެކި ދާއިރާތަކަށް ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓުންނާ އެކު ބޭއްވި ޖަގަހަ ޖަލްސާގައި ރައީސް ވިދާޅުވީ ހަމައެކަނި މާލޭ ތަރައްގީ ކޮށްފައި ބޭއްވުމުގެ ބަދަލުގައި އެމަނިިކުފާނު ބޭނުންފުޅު ވަނީ އައްޑޫއަކީ ވެސް އެ ފެންވަރަށް ތަރައްގީވެފައިވާ ސިޓީއަކަށް ހެދުން ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި މި ސަރަހައްދަށް ދެމެހެއްޓެނިވި ތަރައްގީ ގެނެވޭނީ ދެކުނުގެ ހަތަރު އަތޮޅު އިންޓަގްރޭޓެޑް ޒޯނެއްގެ ގޮތުގަައި ތަރައްގީކޮށްގެންނެވެ. އަދި ރާއްޖޭގެ އެންމެ އުތުރުގެ ހަތަރު އަތޮޅުގައި ވެސް އެފަދަ ޒޯނެއް ގާއިމުކޮށް، ސަރުކާރުން އަމާޒު ހިފާފައި ހުރީ މެދު ރާއްޖޭތެރޭގެ ހަތް ސަރަހައްދެއް ތަރައްގީ ކުރުމަށް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"މިކަހަލަ ގޮތަކަށް ތަރައްގީކޮށްގެން ނޫން ގޮތަކަށް ދެމެހެއްޓެނިވި ތަރައްގީއެއް ނުގެނެވޭނެ."

ރައީސް ވިދާޅުވީ އެ ކަމަކީ ސަރުކާރުތަކުން މީގެ ކުރިން ވެސް ދައްކަމުން އައި ވާހަކައެއް ނަމަވެސް އެކަމަށް އަމަލީ ސިފަ ގެނެސްދެވިފައި ނުވާ ކަަމަށެވެ. ރާއްޖޭގެ އެންމެ ދެކުނުން މައި ހަބެއްގެ ގޮތުގައި އައްޑޫ ތަރައްގީ ކުރާއިރު އައްޑޫގެ ރައްޔިތުންގެ ތަރައްގީގެ އުއްމީދުތަކުގައި މި ސަރުކާރުން ހަގީގީ ކުލަ ޖައްސާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

އައްޑޫގައި ޕީޕީއެމް/ ޕީއެންސީން ބާއްވާ ޖަލްސާގައި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ--

އައްޑޫގައި ޕީޕީއެމް/ ޕީއެންސީން ބާއްވާ ޖަލްސާގައި ސަރުކާރުގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވަނީ--

ރައީސް ވިދާޅުވީ އާންމު ގޮތެއްގައި ސަރުކާރުތަކުން ދައުރުގެ ކުރީކޮޅު ބޮޑެތި މަޝްރޫއުތައް ނުފަށާ ކަމަށާއި އެކަމަކު މި ސަރުކާރުގެ ވިސްނުން ހުރީ ދައުރުގެ ފަހުކޮޅަށް ކަންކަން ކުރަން ބެހެއްޓުމުގެ ބަދަލުގައި ވީ އެންމެ އަވަހަކަށް މަސައްކަތް ފެށުން ކަމަށެވެ.

"ފަސް އަހަރުގެ ޓާމެއް ހަވާލުކޮށްފައި އޮންނައިރު ދައުރު ނިމެން ގާތްވީމަ މަސައްކަތް ފެށީމަ އެއީ އިހުލާސްތެރިކަމެއް ނޫން. އަޅުގަނޑު ދެންނެވިން ވެރިކަމަކީ އަމާނާތެކޭ، ބޮޑު ޒިންމާއެކޭ، އެއީ މަސްއޫލިއްޔަތެކޭ،" ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވި ގޮތުގައި ހަފްތާ 14 ގައި ބޮޑެތި މަޝްރޫއުތައް ހިމަނައިގެން ސަރުކާރުން މަސައްކަތް ފެށީ ބަދަލެއް ގެނައުމަށެވެ. އެ މަސައްކަތުގެ ދަށުން ހިތަދޫ-ހުޅުމީދޫ ބްރިޖުގެ މަސައްކަތް މިދިޔަ މަހުގެ ތެރޭގައި މިސްރުގެ ކުންފުންޏަކާ ހަވާލުކޮށްފައިވާއިރު އެތަނުގެ ކަނޑު އަޑީގެ ސާވޭ ހަދައި، ޑިޒައިނިން މަސައްކަތުގެ ތިން ބައިކުޅަ އެއް ބައި މިހާރު ނިމިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"މިއަހަރު ނިމުމުގެ ކުރިން އެތަނުގެ އަމަލީ މަސައްކަތް ފަށާނަން. އަޅުގަނޑު ބޭނުމީ ބްރިޖު ނިންމަން، 2028 ގައި ކުރާކަށް ނުބާއްވާނަން،"

ހިތަދޫގައި ބާއްވާ ޖަލްސާގައި ގިނަ އަދަދެއްގެ ޕީޕީއެމް/ ޕީއެންސީ ސަޕޯޓަރުން ވަނީ ބައިވެރިވެފައި.

ހިތަދޫގައި ބާއްވާ ޖަލްސާގައި ގިނަ އަދަދެއްގެ ޕީޕީއެމް/ ޕީއެންސީ ސަޕޯޓަރުން ވަނީ ބައިވެރިވެފައި.

ރައީސް ވިދާޅުވީ އެ ބްރިޖަކީ ތިރީހަކަށް މީހުން ސައިކަލު ދުއްވަން ހަދާ ބްރިޖެއް ކަމަށް ބުނެ ވާދަވެރި ފަރާތްތަކުން މަލާމާތްކުރި ނަމަވެސް އެ ބްރިޖުގެ ސަބަބުން ސިޓީއަށް ކުރިއެރުން ލިބޭނެ ކަމަށެވެ.

އެކަމަކު ރައީސް ވިދާޅުވީ ސަރުކާރުން އެފަދަ މަޝްރޫއުތައް ކުރިއަށް ގެންދަން ބޭނުން ވިޔަސް އެކަންކަން ހުއްޓުވުމުގެ ބާރު މަޖިލީހަށް ވެސް އޮންނަ ކަމަށެވެ. ފާއިތުވި ހަތަރު މަހުގެ ތެރޭގައި ސަރުކާރަށް މަޖިލީހުގެ ތެރެއިން ދަތި ކޮށްފައިވާ ކަމަށާއި އެ ފުރުސަތު ކުރިއަށް އޮތް އިންތިހާބުން ނުދެއްވުމަށް ރައީސް އެދިވަޑައިގަތެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނަކީ ރަނުން ރަނަށް ވައުދުތައް ފުއްދަވާނެ ބޭފުޅެއް ކަމަށެވެ.

ރައީސް ވިދާޅުވި ގޮތުގައި ހަންކެނޑެ މަޝްރޫއު ވެސް މިހާރު އޮތީ އަމަލީ މަސައްކަތް ފެށޭ ހިސާބުގަ އެވެ. އަދި ކުރީ ސަރުކާރުން މަގުތައް ހަދާފައި އޮތްގޮތަށް ފާޑުވިދާޅުވެ އެމަނިކުފާނު ވަނީ، މަގުތަކުގައި ސިމެންތި ފަށެއް އަޅައިގެން ދަށް ފެންވަރެއްގައި ހަދާފައި އޮތް މަގުތަކުގައި ތާރު އަޅުއްވާނެ ކަމަށް ވިދާޅިވެފަ އެވެ. އެ މަސައްކަތް އާރުޑީސީއާ ހަވާލުކޮށްގެން ފައްޓަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އިތުބާރުކުރައްވާ، އެންމެ ސިކުންތެއް ވެސް، އެންމެ މިނެޓެއް ވެސް ބޭކާރު ނުކޮށްލާނަން."

ރައީސް ވަނީ ކުރިއަށް އޮތް މަޖިލިސް އިންތިހާބުގައި ޕީއެންސީގެ ކެންޑިޑޭޓުންނަށް ތާއީދު ކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ. މިއީ ސިޔާސީ ވޯޓަކަށް ހެދުމުގެ ބަދަލުގައި މި ވޯޓަކީ ސިޓީ އިސްކޮށް، ދެއްވާ ވޯޓަކަށް ހެދުމަށް އެމަނިކުފާނު ތަކުރާރުކޮށް އެދިވަޑައިގަތެވެ.