Roadha Mihaaru
ކޮންމެ ދުވަހަކު ދަތުރު ހަދާފައި ވަޒީފާއަށް

ކޮންމެ ދުވަހަކު ދަތުރު ހަދާފައި ވަޒީފާއަށް ދާ ޒުވާނުން

04 އެޕްރީލް 2024

ތައުލީމީ މީހުން ގިނަ ރަށެކެވެ. އޭގެ އެއް ހެއްކަކީ ސަރުކާރު އޮފީސްތަކުގެ މަސައްކަތު ފަދަ ދަށް ރޭންކުގެ ވަޒީފާއަށް ހުޅުވާލާއިރު ވެސް ޑިގްރީއަށް ކިޔަވާފައި ތިބި މީހުން ކުރިމަތިލުމެވެ. ނަމަވެސް، އެއާ އެއްވަރަށް މި ރަށުގައި ވަޒީފާ އުފެދިގެން ނުދާތީ، ބައެއް މީހުން ރަށް ދޫކޮށް މާލެއަށް ނުވަތަ ކައިރި އެހެން ހިސާބުތަކަށް ވަނީ އާއިލާއާއެކު ހިޖުރަކޮށްފަ އެވެ.

އާސިމާ ނިޒާރު ތ. ކިނބިދޫން އާސިމާ ނިޒާރު

ތައުލީމީ މީހުން ގިނަ ރަށެކެވެ. އޭގެ އެއް ހެއްކަކީ ސަރުކާރު އޮފީސްތަކުގެ މަސައްކަތު ފަދަ ދަށް ރޭންކުގެ ވަޒީފާއަށް ހުޅުވާލާއިރު ވެސް ޑިގްރީއަށް ކިޔަވާފައި ތިބި މީހުން ކުރިމަތިލުމެވެ. ނަމަވެސް، އެއާ އެއްވަރަށް މި ރަށުގައި ވަޒީފާ އުފެދިގެން ނުދާތީ، ބައެއް މީހުން ރަށް ދޫކޮށް މާލެއަށް ނުވަތަ ކައިރި އެހެން ހިސާބުތަކަށް ވަނީ އާއިލާއާއެކު ހިޖުރަކޮށްފަ އެވެ.

އެކަމަކު، ބަދަލު ނުވެ ތިބި މީހުން މިހާރު ވެސް އަންނަނީ ވަޒީފާއަށް ކޮންމެ ދުވަހަކު ތ. ކިނބިދޫން ލޯންޗުގައި ހައެއްކަ މިނެޓުގެ ދަތުރު ހަދާފައި، މި އަތޮޅުގައި ވެރިކަން ކުރާ ވޭމަންޑުއަށް ދަމުންނެވެ.

އޭގެ ތެރެއިން އެކަކަކީ، އެ ރަށުގައި ހުންނަ ޖެންޑާ މިނިސްޓްރީގެ ގޮފީގައި ކޭސް ވޯކަރަކަށް މަސައްކަތްކުރާ ހައްވާ ނާދިޔާ އެވެ.

އޭނާ ބުނިގޮތުގައި، މީގެ ދެ އަހަރު ކުރިން ޖެންޑާގެ ވަޒީފާއަށް ގުޅުނުއިރު، އޭނާއާއެކު ލޯންޗުގައި ދަތުކުރަން ތިން މީހުން ތިބި ކަމަށެވެ. އޭގެ އިތުރުން، ޝިފްޓް ޑިއުޓީގައި މަސައްކަތްކުރާތީ އެހެން ލޯންޗެއްގައި ދަތުރުކުރާ ތިން ނަރުހަކާއެކު، ހައެއްކަ މީހުން ތިއްބެވެ.

ނަމަވެސް، އެކި މީހުން އެކި ތަންތަނަށް ބަދަލުވާން ފެށުމުން، މިހާރު ނާދިޔާއާއެކު ކަނޑުދަތުރުކޮށްފައި ވޭމަންޑުއަށް ވަޒީފާއަށް ދަނީ ބީއެމްއެލް ވޭމަންޑޫ ބްރާންޗުގައި މަސައްކަތް ކުރާ ފިރިހެނެއް އެކަންޏެވެ. ކޮންމެ ދުވަހަކު 30 މިނެޓުގެ ދޯނި ދަތުރަކުން ފަށައި، ލޯންޗަށް ބަދަލުވެ، އޭނާ އެ ދަތުރުކުރާތާ 15 ވަރަކަށް އަހަރުވެއްޖެ އެވެ.

ވަޒީފާ އަދާކުރަން ކިނބިދޫން، ވޭމަންޑުއަށް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ވަޒީފާ އަދާކުރަން ކިނބިދޫން، ވޭމަންޑުއަށް.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ނާދިޔާ ބުނީ ޖެންޑާގައި މަސައްކަތްކުރާތީ ނުރަސްމީ ވަގުތަކަށް ވިޔަސް، ކިތައްމެ ވިއްސާރަވިޔަސް އަދި ދަންވަރު ވިޔަސް އިމަޖެންސީ ހާލަތްތަކުގައި ވޭމަންޑުއަށް ދަތުރުކުރަންޖެހޭ ކަމަށެވެ. އޭގެ ތެރެއިން ވެސް އެންމެ ދަތިވަނީ ރޭގަނޑު ދަތުރުކޮށްދޭނެ ލޯންޗު ހޯދާށެވެ.

"ދުވާލު 250ރ. އަށް ކޮށްދޭ ދަތުރުތައް ރޭގަނޑު މި ކޮށްދެނީ އޭގެ ޑަބަލް އިތުރަށް، 500ރ. އެކަމަކު، ރޭގަނޑު ވެސް އެބަ ޖެހޭ ދާން މަޖުބޫރު ކޭސްތަކުގައި. އެންމެ ބޮޑު ގޮންޖެހުމަކީ ރޭގަނޑު ދަތުރު ނުލިބުން. ވިއްސާރަވެ، ބައެއް ދުވަސް ދުވަސް އެބަ ދޭ ވިއްސާރަވެ، ވައިގަދަވެގެން ދަތުރުނުކުރެވޭ ދުވަސް ދުވަސްވެސް. އެހެން ވިޔަސް އޮފީހަކަށް ނީނދޭ އެއްވެސް އެކްސްކިއުޒެއް. ދަތުރުކުރަން އެބަޖެހޭ." ނާދިޔާ ބުންޏެވެ.

މީގެ ކުރިން ތިން މީހުން ތިބިއިރު ދަތުރުކުރީ ތަންކޮޅެއް ބޮޑު ލޯންޗަކަށް މަހަކު 7،500ރ. ދައްކައިގެންނެވެ. އެއީ ހަފުތާގެ ފަސް ދުވަހު ހެނދުނު 8:00 ގައި ވޭމަންޑުއަށް ގެންގޮސް އަދި އަނބުރާ 4:00 ގައި މި ރަށަށް ގެނެސްދޭ ގޮތަށެވެ. އޭގެ އިތުރުން، އެހެނިހެން ދުވަސްތަކާއި ވަގުތުތަކުގައި ކުރާ ކޮންމެ ދަތުރަކަށް 250ރ. އެވެ.

އެކަމަކު، ދަތުރުކުރަން ދެ މީހުން ތިބުމުން މަހަކު 5،500ރ. ދީފައި ޑިންގީއެއް ވަނީ ކުއްޔަށް ނަގައިފަ އެވެ.

މާލިއްޔަތު ގަވައިދުވާ ގޮތުން ރަށުގައި ބޭރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަހަކު 300ރ. ގެ އެލަވަންސެއް ދޭންޖެހެ އެވެ. ނަމަވެސް، ނާދިޔާ ބުނީ އޭނާގެ އަމިއްލަ ޖީބުން ދަތުރުތަކަށް މިހާރު ވެސް 3،500ރ. ހަރަދުކުރާ ކަމަށެވެ.

އެ މީހުން މިހާރު ދަތުރުކުރަނީ ހިޔާނުކޮށް އޮންނަ ޑިންގީއެއްގަ އެވެ. އެހެންވެ، ވިއްސާރަވެ، ކަނޑުގަދަ ދުވަސް ދުވަހު ކޯޓު ލައިގެން ތިއްބަސް، ޖަހާ ރާޅާއި ވެހޭ ވާރޭއާއެކު ތެމޭ ދުވަސްތައް ވެސް މަދެއް ނޫނެވެ.

"ފުދޭ ވަރަކަށް އުނދަގޫވޭ އެ ކަހަލަ ކަންތައްތަކުގައި... މިދިޔަ އަހަރުގެ ފަހުކޮޅާ ހަމައަށް ވެސް އުޅުނު ކުދިން. އެކަމަކު ފުދޭވަރަކަށް ތަކްލީފަކަށް ވާތީ އަދި އެކިއެކި ސަބަބުތަކާ ހެދި ކުދިން މަދުވަމުން އަދި އެ ރަށަށް ދަތުރުކުރި ބައެއް މީހުން އެ ރަށަށް ހިޖުރަކޮށް އެގޮތްމިގޮތް ވެގެން މި ދިޔައީ." ނާދިޔާ ބުންޏެވެ.

ކިނބިދޫގެ މަގެއް. ވަޒީފާ އަދާކުރަން މި އަތޮޅުގެ އެހެން ރަށްތަކުގައި ވެސް މި ރަށުގެ ގިނަ މީހުން އުޅޭ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ކިނބިދޫގެ މަގެއް. ވަޒީފާ އަދާކުރަން މި އަތޮޅުގެ އެހެން ރަށްތަކުގައި ވެސް މި ރަށުގެ ގިނަ މީހުން އުޅޭ.-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ކޮންމެ ދުވަހަކު އޮފީހަށް ދާން ކަނޑުދަތުރު ނުކޮށް، ވޭމަންޑުއަށް ދިރިއުޅުން ބަދަލުކުރުމަކީ ވެސް ނާދިޔާއަށް ކުރެވިދާނެ ކަމެކެވެ. އެކަމަކު، މައިންބަފައިން ބަލަމުން އަދި އޭނާގެ ސްކޫލަށް ދާ އުމުރުގެ ދެ ކުދިންނާއެކު އެހެން ތަނަކަށް ބަދަލުވުމަކީ އުނދަގުލެއް ކަމަށް އޭނާ ގަބޫލުކުރެ އެވެ.

"އެ އެންމެން ބަދަލުކުރަން ތަންކޮޅެއް އުނދަގޫ ކަމަކަށް ވާނީ. އެއަށްވުރެ މާ ހިތްހަމަޖެހޭ ކޮންމެ ދުވަހަކު އޮފީސް ނިންމާފައި ރަށަށް އަންނަން. އޭރުން ހަމައެކަނި އުނދަގޫވާނީ އަޅުގަނޑަށް އެކަނި. އެކަމަކު، އާއިލާ އެއްކޮށް ބަދަލުކޮށްފިއްޔާ އެ އެންމެން އުނދަގޫ ތަހައްމަލުކުރާނެތާ." އޭނާ ބުންޏެވެ.

ނާދިޔާ ބުނީ ސްކޫލުގެ މުހިއްމު ބައްދަލުވުމެއް އޮންނަ ނަމަ އެ ވަގުތު މަސައްކަތުން ބްރޭކެއް ނެގުމަށްފަހު، ވޭމަންޑޫން މި ރަށަށް ވަކިން ދަތުރެއް ނަގައި، މީޓިން ނިންމާލުމަށްފަހު އަނބުރާ އޮފީހަށް ދަނީ ކަމަށެވެ. ބޮޑު ހަރަކާތެއް ނުވަތަ ގިނަ ވަގުތު ނަގާ ހަރަކާތެއް ނަމަ ޖެހޭނީ ސަލާމް ބުނާށެވެ.

އުފަން ރަށުގައި ވަޒީފާ އަދާކުރަމުން ގޮސް، ވޭމަންޑޫގެ ޖެންޑާ ބްރާންޗަށް ބަދަލުވީ ވެސް، ތިން ކުދިންގެ މަންމަ ބުނާގޮތުން، އޭނާގެ ޑްރީމް ޖޮބަށް ވާތީ އެވެ. އޭގެ އިތުރަށް، ދަތުރުކުރުމަކީ ވަރަށް ކުރާ ހިތްވާ ކަމަކަށް ވަތީ، އެ މަސައްކަތުން ލިބޭ ހިތްހަމަޖެހުން ވަރަށް ބޮޑެވެ.

"ތެދަށް ބުނަންޏާ އެހާ އުނދަގުލެއް ނޫން ޑްރީމް ޖޮބެއް ވީމަ. މަސައްކަތްކުރަނީ ވަރަށް ކުރާ ހިތުން." ނާދިޔާ ބުންޏެވެ.

އަތޮޅުގެ އެންމެ ތައުލީމީ ރަށް

މި އަތޮޅުގައި މީހުން ދިރިއުޅޭ 13 ރަށުގެ ތެރެއިން، ތައުލީމީ މީހުން އެންމެ ގިނައިން އުޅޭ ތަން ކަމަށް، އަތޮޅުގެ އެހެން ރަށްރަށުގެ މީހުން ވެސް ގަބޫލުކުރަނީ މި ރަށް ކަމަށެވެ. އެހެން ރަށްރަށުގެ އިސް ވަޒީފާތަކުގައި ވެސް ތިބީ މި ރަށުން ތައުލީމީ ބިންގާ އެޅި މީހުންނެވެ.

ގާނޫނީ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށް، މި ރަށު ކައުންސިލްގެ ރައީސްކަން ކުރައްވާ އަލީ ހުސެއިން ވެސް ވިދާޅުވީ މަތީ ތައުލީމް ހާސިލްކުރަމުންދާ ވަރަކަށް ވަޒީފާގެ ފުރުސަތުތައް އުފެދިގެން ނުދިއުމަކީ ވަރަށް ބޮޑު ގޮންޖެހުމެއް ކަމަށެވެ. އޭގެ ސަބަބުން، ގާބިލް އެތައް ބަޔަކު މާލެއަށް ހިޖުރަކުރަމުން ދާ ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު، ކިނބިދޫ-ވޭމަންޑޫ ގުޅާލުމުން ވަޒީފާގެ ފުރުސަތުތައް ތަނަވަސްކުރެވޭނެ ކަމަށް އަލީ ހުސެއިން ގަބޫލުކުރައްވަ އެވެ.

"ތައުލީމީ ޒުވާނުން ވީމަ މާލެ ގޮސްގެން ވަޒީފާ ލިބެނީ. އެކަމަކު، މިހާރު ވެސް އެންމެ އާދައިގެ ވަޒީފާތަކަށް ވެސް ޑިގްރީ މީހުން ކުރިމަތިލާ. އެހެންވެ، ބައެއް ފަހަރު އެބަޖެހޭ ލެވެލް ދަށްކުރަން." އޭނާ ވިދާޅުވި އެވެ.

ކައުންސިލުން ބުނީ ވަޒީފާގެ ފުރުސަތުތަކާއި އާމްދަނީ ލިބޭނެ މަގުތައް ކޮށައިދިނުމަށް ރަށު ލެވެލްގައި ކުރެވިދާނެ ވިޔަފާރިތައް ބަލަމުން އަންނަ ކަމަށެވެ. ދަނޑުވެރިކަމަކީ އެއް މަސައްކަތެއް ވިޔަސް، އާބަދީގައި 1،400 މީހުން ދިރިއުޅޭ ރަށުގައި އެކަމަށް އެކަށީގެންވާ ވަރަށް ބިމެއް ނެތް ކަމަށް އަލީ ހުސެއިން ވިދާޅުވި އެވެ. އޭގެ އިތުރުން، މަސް ބަންދުކޮށް ރާއްޖެއިން ބޭރަށް އެކްސްޕޯޓު ކުރެވޭނެ ގޮތްތައް މިހާރު ވެސް އެ ތަނުން އަންނަނީ ކުރަމުންނެވެ.