Roadha Mihaaru
މާލެ ދިއްލުމުގެ ކުރީ ސަފުގައި ސްޓެލްކޯގެ މުވައްޒަފުން

ސްޓެލްކޯގެ ބޮޑު ހިއްސާއަކާ އެކު، މާލެ ދިއްލައި ހިތްގައިމުކަން

08 އެޕްރީލް 2024

ސްޓެލްކޯގެ ވަރަށް ބޮޑު ހިއްސާއަކާ އެކު، މި ފަހަރުގެ ފިތުރު އީދަށް ގިޑިގެތަކާއި ކުލަބޮކިތަކުން މުޅި މާލެ ދިއްލާލަން ތައްޔާރުވެއްޖެ އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ސްޓެލްކޯގެ ވަރަށް ބޮޑު ހިއްސާއަކާ އެކު، މި ފަހަރުގެ ފިތުރު އީދަށް ގިޑިގެތަކާއި ކުލަބޮކިތަކުން މުޅި މާލެ ދިއްލާލަން ތައްޔާރުވެއްޖެ އެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން ފަހުމީ މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުލަގަދަކޮށް މި އަހަރު މާލޭގައި ފިތުރު އީދު ފާހަގަކުރުމަށް ސަރުކާރުން ތައްޔާރުވަމުން ދަނީ ގެއްލިފައިވާ ރޫހާއި އުފާވެރިކަން އާލާކުރުމަށް ކަމަށެވެ.

މި މަސައްކަތުގައި އިސްކޮށް އުޅެނީ ސްޓެލްކޯގެ މުވައްޒަފުންނެވެ.

މުޅި ރާއްޖޭގައި ކުލަ ގަދަކޮށް މިއަހަރުގެ ފިތުރު އީދު ފާހަގަކުރުމަށް ބޮކިފައްޗާއި ގިޑިގެތަކުން ދިއްލާލުމުގެ މަސައްކަތް ކުރަމުން އެބަ ގެންދެ އެވެ. މިހާރު ވެސް ބައެއް ރަށްރަށުގައި އެ މަސައްކަތް ނިންމާލައި ރޭގަނޑު ދިއްލާލަމުން އެބަދެ އެވެ.

ހާއްސަކޮށް މާލޭގެ ޖުމްހޫރީ މައިދާނުގައި އެކިއެކި ޑިޒައިންތަކުގެ ބޮކިފަތިތަކާއި ގިޑިގެތަކުން ޒީނަތްތެރިކޮށް، ދިއްލުމުގައި އިސްކޮށް އުޅެނީ ސްޓެލްކޯގެ މުވައްޒަފުންނެވެ.

އެ މަސައްކަތާ ގުޅޭ ގޮތުން ފަހުމީ ވިދާޅުވީ "އީދު އަލި" މި ހަރަކާތަކީ ދީނީ އަދި ގައުމީ ބޮޑު މަސައްކަތެއް ކަމަށެވެ.

ފަހުމީ ވިދާޅުވި ގޮތުގައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން މިއަހަރު އީދަށް ރަށްތައް ދިއްލާލުމަށް ކުރަމުން އަންނަ މަސައްކަތަކީ އީދުގެ އުފާވެރިކަމުގެ ތެރެއިން އެއްބައިވަންތަކަމާއި އެކުވެރިކަން ކަހަލަ އިސްލާމީ ރިވެތި ސިފަތައް އާލާކުރުމަށް ކުރެވޭ މަސައްކަތެކެވެ.

ފިތުރު އީދަށް އެކި ކުލަލައިގެ ބޮކިތަކުން ހުޅުމާލެ ސެންޓްރަލް ޕާކް ދިއްލާފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ފިތުރު އީދަށް އެކި ކުލަލައިގެ ބޮކިތަކުން ހުޅުމާލެ ސެންޓްރަލް ޕާކް ދިއްލާފައި.-- ފޮޓޯ: ނިޝާން އަލީ | މިހާރު

އޭނާ ވިދާޅުވީ، އީދު ފާހަގަކުރުމުގައި މިހާރު ގެއްލިގެން ގޮސްފައިވާ އުފާވެރި އަދި ކުލަގަދަ ރޫހު އާލާކޮށް، އެކި އުމުރުގެ މީހުންނަށް ހިތްފަސޭހަ އީދެއް ތަޖުރިބާކުރުމުގެ ފުރުސަތު ދިނުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި މިއީ އަންނަން އޮތް ޖީލުތަކަށް އީދުގެ އުފާވެރި މުނާސަބަތު ގައުމީ ރޫހެއްގައި ފާހަގަކުރުމަށް ލިބޭނެ ހިތްވަރަކަށް ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މި ފަންނުވެރި، ކަވި މަސައްކަތް ރާވައި، މުޅި ގައުމަށް މީގެ އުފާވެރިކަން ގެނެސްދިނުމަށް ކުރެވޭ މަސައްކަތުގައި ލީޑާޝިޕް ނަގައި، މި މަސައްކަތް ރާވާ ހިންގަން ލިބުމަކީ ސްޓެލްކޯގެ މުވައްޒަފުންނަށާއި މުޅި ކުންފުންޏަށްވެސް ލިބޭ ފަހުރެއް،" ފަހުމީ ވިދާޅުވި އެވެ.

ސިޓީތަކާއި ރަށްތައް ދިއްލާލުން ފެއްޓުމުގެ ގޮތުން މިރޭ 9:30 ގައި ޖުމްހޫރީ މައިދާނުގައި ހާއްސަ ރަސްމިއްޔާތެއް ވެސް ބާއްވަން ވަނީ ނިންމައިފަ އެވެ.

އީދު ދުވަސް ފާހަގަކުރުމަށްޓަކައި ކޮންމެ އަތޮޅެއްގެ ވެރިކަން ކުރާ ރަށްތައް ދިއްލުމަކީ ރައީސް މުއިއްޒުގެ އިސް ނެންގެވުމަށް ކުރާ ކަމެކެވެ. އެ މަނިކުފާނު ވިދާޅުވެފައި ވަނީ ސަރުކާރަށް ކުޅަދާނަ ވާ ވަރަކުން އީދު ދުވަސްތަކަށް އެހެން ރަށްތައް ވެސް މި ގޮތަށް ދިއްލާނެ ކަމަށެވެ.

ޖުމްހޫރީ މައިދާން ސަރަހައްދާއި މާލޭގެ އެކި މަގުތަކުގައި ވެސް ބޮކިފަތި ހަރުކޮށްފައިވެ އެވެ. އަދި ތަފާތު އެކި ކުލަކުލައިގެ ބޮކިތަކުންނާއި އެކި ޑިޒައިންތަކަށް ހަދާފައިވާ ތަފާތު އެއްޗެހިން ހުޅުމާލެ ވެސް މިހާރު ވަނީ ދިއްލާލައިފަ އެވެ.

މިއަހަރު މާލޭގައި ކުލަގަދަކޮށް އީދު ފާހަގަކުރުމަށް ތައްޔާރުވަމުން އަންނައިރު، ކުލަ ޖެހުމާއި ކޯޑި ނެރުމާއި މާލި ނެރުމާއި އީދު ޝޯއެއްގެ އިތުރުން ހަވާ އެރުވުމުގެ ހަރަކާތް ވެސް ބާއްވަން ވަނީ ނިންމައިފަ އެވެ.