Roadha Mihaaru
އެމްބާޕޭ ހުއްޓުވައި ބާސާ އިން ޕީއެސްޖީ ބަލިކޮށްފި

އެމްބާޕޭ ހުއްޓުވައި ބާސާ އިން ޕީއެސްޖީ ބަލިކޮށްފި

11 އެޕްރީލް 2024

އޭޕްރީލް 11 (ޕެރިސް) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރަށުން ބޭރުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅެ 3-2 އިން މޮޅުވެގެން ބާސެލޯނާ ހިތްހަމަ ޖެހުމެއް ހޯދައިފި އެވެ.

އޭޕްރީލް 11 (ޕެރިސް) - ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރަށުން ބޭރުގައި ޕީއެސްޖީއާ ދެކޮޅަށް ކުޅެ 3-2 އިން މޮޅުވެގެން ބާސެލޯނާ ހިތްހަމަ ޖެހުމެއް ހޯދައިފި އެވެ.

އަންނަ ސީޒަންގައި ބާސާގެ ވާދަވެރި ރެއާލް މެޑްރިޑަށް ބަދަލު ވާނެ ކަމަށް ބެލެވާ އެމްބާޕޭ އަށް މެޗުގައި މާ އެދެވޭ ކުޅުމެއް ދެއްކިފައި ނުވާއިރު، މެޗުގައި ވިދާލީ ބާސާގެ ވިންގާ ރަފީނިއާ އެވެ.

ޕީއެސްޖީގެ ކީޕަރު ޖިއާންލުއިޖީ ޑޮންނަރުއްމާ އަށް ހެދުނުު ގޯހެއްގެ ފައިދާ ނަގައި ރަފީނިއާ ބާސާ އަށް ރޭގެ މެޗުގެ ފުރަތަމަ ހާފު ނިމެނިކޮށް ފުރަތަމަ ފަހަރަށް ލީޑު ނަގައިދިނެވެ. ދެވަނަ ހާފު ފެށިގެން ކުރީކޮޅު އުސްމާން ޑެމްބެލޭ އާއި ވިޓީނިއާ ގާތްގާތުގައި ޖެހި ގޯލުތަކުން ޕީއެސްޖީން ފަހަތުން އަރައި ކުރި ހޯދި ނަމަވެސް ލީޑު ހިފަހައްޓާލެވުނީ އިރުކޮޅަކަށެވެ.

ބާސާގެ ކޯޗު ޒަވީ ހެނާންޑޭޒް، އެ ޓީމުގެ މިޑްފީލްޑަރު ޕެޑްރީ ކުޅެން ނެރުމާ އެކު ހާލަތު ބަދަލުވި އެވެ. ޕީއެސްޖީގެ ޑިފެންސް ފަހަތަށް ޕެޑްރީ ކުޅުނު ބޯޅަ ހޯދައި ބާސާ އަށް ދެވަނަ ގޯލު ޖަހައިދިނީ ވެސް ރަފީނިއާ އެވެ. ބާސާ މޮޅުވި ގޯލު ޖަހައިދިނީ ޑިފެންޑަރު އަންޑްރެސް ކްރިސްޓެންސެން އެވެ.

ބާސާގައި ތަޖުރިބާކާރު ކުޅުންތެރިން ކަމަށްވާ ރޮބާޓް ލެވަންޑޯސްކީ އާއި އިލްކާއި ގުންޑޮއާން ފަދަ ކުޅުންތެރިން ހިމެނުނު ނަމަވެސް ޒުވާން ގިނަ ކުޅުންތެރިން ވެސް ހިމެނުނެވެ. އުމުރުން 16 އަހަރުގެ ލަމީން ޔަމާލް އާއި 17 އަހަރުގެ ޕައު ކިއުބާސީ ވެފައި ވަނީ މުބާރާތުގެ ކުއާޓާގައި ކުޅުނު އެންމެ ހަގު ކުޅުންތެރިންނަށެވެ.

"ހުރިހާ އެންމެންގެ ފަރާތުން ވެސް ފުރިހަމަ ކޮމިޓްމެންޓް ލިބޭ ކްލަބަށް. އަލަށް އުފެދެމުން މި އަންނަ ބާސާ ގޮވައިގެން މި ދެވެނީ ރަނގަޅު މިސްރާބަކަށް ކަމުގެ އުފާވެރި އިހުސާސް ކުރެވޭ،" ބާސާގެ ކުޅުންތެރިންނާ މެދު ފަހުރުވެރި ވާކަމަށް ބުނަމުން ޒަވީ ބުންޏެވެ.

ޕީއެސްޖީއާ ދެކޮޅަށް ކުޅޭ ދެވަނަ ލެގުގައި އަންނަ ހަފްތާ އަމިއްލަ ދަނޑުގައި ބާސެލޯނާ ނުކުންނާނެ އެވެ.

ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ އެތުލެޓިކޯ މެޑްރިޑް ވަނީ 2-1 އިން ބޮރޫޝިއާ ޑޯޓްމަންޑްގެ މައްޗަށް ކުރި ހޯދައިފަ އެވެ. ފުރަތަމަ ހާފުގައި ރޮޑްރިގޯ ޑި ޕޯލް އާއި ސެމިއުލް ލިނޯ ފުރަތަމަ ހާފުގެ ކުރީކޮޅު އެތުލެޓިކޯގެ ގޯލުތައް ޖަހައިދިން އިރު، މެޗު ނިމެން ކައިރި ވެފައި ވަނިކޮށް ޑޯޓްމަންޑަށް ގޯލު ޖަހައިދިނީ ސެބަސްޓިއެން އަލެއާ އެވެ.