Roadha Mihaaru
އެމްބާޕޭގެ ހެޓްރިކާ އެކު ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

އެމްބާޕޭގެ ހެޓްރިކާ އެކު ޕީއެސްޖީން ބާސެލޯނާ ބަލިކޮށްފި

17 ފެބުރުއަރީ 2021

ބާސެލޯނާ (ފެބްރުއަރީ 17) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ކީލިއަން އެމްބާޕޭގެ ހެޓްރިކާ އެކު ޕީއެސްޖީން ފަހަތުން އަރައި 4-1 އިން ބާސެލޯނާ ބަލިކޮށްފި އެވެ.

ބާސެލޯނާ (ފެބްރުއަރީ 17) - ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ ކީލިއަން އެމްބާޕޭގެ ހެޓްރިކާ އެކު ޕީއެސްޖީން ފަހަތުން އަރައި 4-1 އިން ބާސެލޯނާ ބަލިކޮށްފި އެވެ.

މި ނަތީޖާއާ އެކު ޕީއެސްޖީން ވަނީ މުބާރާތުގެ ކުއާޓާ ފައިނަލުގެ ޖާގައަކާ ގާތަށް ޖެހިލައިފަ އެވެ. އަންނަ މަހު 10 ވަނަ ދުވަހު ޕީއެސްޖީ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗުން ބޮޑު ތަފާތަކުން ބަލިވެގެން ނޫނީ ޕީއެސްޖީ މުބާރާތުން ނުކަޓާނެ އެވެ. ޕީއެސްޖީގެ އުއްމީދަކީ ރޭގެ މެޗުގައި އަނިޔާގެ ސަބަބުން ނުކުޅެވުނު ނޭމާ ދެ ވަނަ ލެގަށް ފިޓްވުމެވެ.

ރޭގެ މެޗުގެ 27 ވަނަ މިނިޓްގައި ބާސެލޯނާ އަށް ލީޑުނަގައިިދިނީ ކެޕްޓަން ލިއޮނަލް މެސީ އެވެ. މިއީ އޭރިއާތެރެއިން ޕީއެސްޖީގެ ކުޅުންތެރިން ބާސެލޯނާގެ ފްރެންކީ ޑި ޔޯން އަށް ފައުލުކުރިކަމަށް ބުނެ ރެފްރީ ދިން ޕެނަލްޓީ އެކެވެ. ބާސެލޯނާ އިން ލީޑުނެގިތާ ފަސް މިނިޓް ތެރޭ އެމްބާޕޭ ވަނީ ޕީއެސްޖީ އަށް އެއްވަރުކޮށްދީފަ އެވެ. އޭރިއާތެރެއިން ލިބުނު ފުރުސަތުން އެމްބާޕޭ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޕީއެސްޖީ އަށް ލީޑުނަގައިދޭން މޮއިސް ކީން އާއި ލެވިން ކުރްޒާވާ ފޮނުވާލި ބޯޅަތައް ބާސެލޯނާގެ ކީޕަރު ޓާ ސްޓެގެން ވަނީ މަތަކޮށްފަ އެވެ.

ޕީއެސްޖީ އަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގައިދިން ގޯލު ޖެހީ މެޗުގެ 65 ވަަނަ މިނިޓްގައި އެމްބާޕޭ އެވެ. އެ ގޯލު ބަަލައިގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) މެދުވެރިކޮށް އޮފްސައިޑްތޯ ބެލުމަށް ފަހު އެވެ. އޭގެ ފަސް މިނިޓް ފަހުން ކީން އޭރިއާތެރެއިން ބޮލުން ފޮނުވާލި ބޯޅަ އަކުން ޕީއެސްޖީގެ ތިން ވަނަ ގޯލު ކާމިޔާބުކުރި އެވެ. އެމްބާޕޭ އޭނާގެ ހެޓްރިކް ފުރިހަމަކުރީ މެޗު ނިމެން ފަސް މިނިޓަށް ވެފައި ހުއްޓަ އެވެ. ކައުންޓަ އެޓޭކުގައި ހޫލިއަން ޑްރެކްސްލާ ދިން ބޯޅަ އެމްބާޕޭ ވަނީ ގޯލުގެ ދުރު ކަނަށް އަމާޒުކޮށްލައިފަ އެވެ.

ޕީއެސްޖީ އަކީ ބާސެލޯނާ ދަނޑުގައި ވާދަވެރި މެޗަކުން މޮޅުވި ފްރާންސްގެ ދެ ވަނަ ޓީމެވެ. މީގެ ކުރިން އެ ދަނޑުގައި މޮޅުވި ފްރާންސް ޓީމަކީ 1985 ވަނަ އަހަރު މެޓްޒް އެވެ. އެ މެޗު ވެސް ނިމުނީ 4-1 އިންނެވެ. ޕީއެސްޖީގެ ކޯޗު މައުރީސިއޯ ޕޮޗެޓީނޯ ވަނީ ރޭގެ މެޗުގައި އެމްބާޕޭ ދެއްކި ކުޅުމަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.

"މޮޅެތި ކުޅުންތެރިން ފުޓްބޯޅައިގައި ތަފާތު ދައްކާނީ މި ކަަހަލަ ބޮޑެތި މެޗުތަކުގައި. އަހަރެމެންނަށް މި މެޗުގެ މާ ކުރިން ވެސް އެނގޭ އެމްބާޕޭ އަކީ ކޮން ލެވަލެއްގެ ކުޅުންތެރިއެއްކަން. އޭނާ މި މެޗުގައި ހުރީ އާދަޔާހިލާފު ލެވަލެއްގައި،" މިދިޔަ ޑިސެމްބަރު މަހު ޕީއެސްޖީއާ ހަވާލުވި ޕޮޗެޓީނޯ ބުންޏެވެ.

ބާސެލޯނާގެ ކޯޗު ރޮނާލްޑް ކޫމަން ބުނީ މިއީ ބަލައިގަންނަން އުނދަގޫ ނަތީޖާއެއް ކަމަށާއި އެކަމަކު ކުރަން ހުރި މަސައްކަތް ހުއްޓާލެވެން ނެތް ކަމަށެވެ. ބާސެލޯނާގައި މިހާރު އަރަމުން އަންނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދިން ވަރަަކަށް ކްލަބްގެ މުސްތަގުބަލަށް ރަނގަޅުވާނެ ކަމަށާއި ދެ ވަނަ ލެގަށް ވެސް ނުކުންނާނީ ފަހު ވަގުތާ ޖެހެން ދެން މަސައްކަތްކުރުމަށް ކަމަށް ކޫމަން ބުންޏެވެ.