Roadha Mihaaru
ލިވަޕޫލަށް ގޯލެއް ނުޖެހި އެޓަލާންޓާ އަތްދަށުވެއްޖެ

ލިވަޕޫލް ކުޅެކުޅެ ވެސް ގޯލެއް ނުޖެހި އެޓަލާންޓާ އަތްދަށުވެއްޖެ

13 އެޕްރީލް 2024

ލިވަޕޫލް (އޭޕްރީލް 12) - ޔޫއެފާ ޔޫރޮޕާ ލީގުގައި ރޭ ލިވަޕޫލް އަމިއްލަ ދަނޑޫގައި އިޓަލީގެ އެޓަލާންޓާ އަތުން 3-0 އިން ބަލިވެއްޖެ އެވެ.

ލިވަޕޫލް (އޭޕްރީލް 12) - ޔޫއެފާ ޔޫރޮޕާ ލީގުގައި ރޭ ލިވަޕޫލް އަމިއްލަ ދަނޑޫގައި އިޓަލީގެ އެޓަލާންޓާ އަތުން 3-0 އިން ބަލިވެއްޖެ އެވެ.

ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ ލިވަޕޫލުން މުޅި މެޗު ޑޮމިނޭޓްކޮށްގެން ގިނަ ފުރުސަތުތަކެއް ހޯދި ނަމަވެސް ނިންމާލުންތައް ދިޔައީ އެންމެން އުންމީދު ގޮތަކަށް ނޫނެވެ. އެޓަލާންޓާގެ ޑިފެންސާ އެކު އެޓޭކް ވެސް ފެނުނީ މާ ވަރުގަދަ ކޮށެވެ.

ފުރަތަމަ ހާފުގައި ޖިއާންލުލާ ސްކަމާކާ އެޓަލާންޓާ އަށް ލީޑު ނަގައިދިން އިރު، ދެވަނަ ހާފުގައި ލީޑު ފުޅާ ކޮށްދިނީ ވެސް އޭނާ އެވެ. އަދި ތިންވަނަ ލަނޑު ޖަހައިދިނީ މާރިއޯ ޕަސަލިޗް އެވެ. ޕަސަލިޗްގެ ގޯލުގެ ކުރިން ލިވަޕޫލްގެ މުހައްމަދު ސަލާހު ގޯލަށް ބޯޅަ ފޮނުވާލި ނަމަވެސް ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ.

މިއީ އަހަރަކަށް ފަހު ލިވަޕޫލް އަމިއްލަ ދަނޑުގައި ބަލިވި ފުރަތަމަ ފަހަރެވެ. އެންމެ ފަހުން ބަލިވެފައި ވަނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ޗެމްޕިއަންސް ލީގުގެ ގަދަ 16 ގައި ރެއާލް މެޑްރިޑް އަތުންނެވެ.

އަންނަ ސީޒަންގައި ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް ޓީމު ދޫކޮށްލަން ނިންމާފައި ވާއިރު ލިވަޕޫލުން ވަނީ އެފްއޭ ކަޕުން ކަޓައިފަ އެވެ. ނަމަވެސް މި ސީޒަންގެ ލީގް ކަޕް ތަށި އެޓީމުން ވަނީ އުފުލާލައިފަ އެވެ. އަދި އިނގިރޭސި ޕްރިމިއާ ލީގުގައި އެޓީމު އޮތީ ދެވަނައިގަ އެވެ.

"މިއީ ވަރަށް ގޯސް ކޮށް ކުޅެވުނު މެޗެއް، އެހެންވެ އަހަރެމެން ބަލިވީ. އެމީހުން ދެންމެ ދެންމެ ސެމީ އަށް ކޮލިފައި ވީ ހެން ވެސް ހީވޭ، އެކަމަކު އަހަރެމެން އަދި އެމީހުނާ ދެކޮޅަށް ކުޅެގެން ހާލަތު އަނބުރާލެވޭނެ." މެޗަށް ފަހު ކޯޗު ކްލޮޕް ބުންޏެވެ.

ލިވަޕޫލް ޔޫރޮޕާ ލީގުގެ ފައިނަލަށް ދަތުރު ކޮށްފި ނަމަ އެޓީމާ އެކު ކްލޮޕްގެ ވަދާއީ މެޗު ކުޅޭނީ އަންނަ މަހުގެ 29 ވަނަ ދުވަހުގެ ރޭ އަޔަލެންޑުގެ ޑަބްލިން ސްޓޭޑިއަމްގަ އެވެ.

ލެވަކޫސަންގެ ކޯޗު ޒަބީ އޮލޮންސޯ މެޗަށް ފަހު ކުޅުންތެރިންނަށް މަރުހަބާ ކިޔަނީ.-- ފޮޓޯ: އޭއެފްޕީ

ލެވަކޫސަންގެ ކޯޗު ޒަބީ އޮލޮންސޯ މެޗަށް ފަހު ކުޅުންތެރިންނަށް މަރުހަބާ ކިޔަނީ.-- ފޮޓޯ: އޭއެފްޕީ

ޖަރުމަންގެ ބެޔާ ލެވަކޫސަން ވަނީ އަމިއްލަ ދަނޑުގައި ރޭ މެޗު ނިމެން ގާތްވެފައި ވަނިކޮށް ޖޯނަސް ހޮފްމަން އާއި ވިކްޓާ ބޮނިފޭސްގެ ގޯލުތަކުން 2-0 އިން މިދިޔަ އަހަރުގެ ޔޫރޮޕާ ކޮންފަރެންސް ލީގު ކާޟިޔާބު ކުރި ވެސްޓް ހޭމް ޔުނައިޓެޑް ބަލިކޮށްފަ އެވެ.

މިއާ އެކު، މި ސީޒަންގައި ޖަރުމަން ލީގާއި ޖަރުމަން ކަޕް ވެސް ކާމިޔާބު ކުރާނެ ކަމަށް ބެލެވޭ ލެވަކޫސަން ވަނީ ބަލި ނުވެ 42 މެޗު ހަމަކޮށްފަ އެވެ.

އޭސީ މިލާނާއި ރޯމާ ބައްދަލުކުރި މެޗު ނިމުނީ 1-0 އިން ރޯމާ މޮޅުވެގެންނެވެ. ރަށުން ބޭރުގައި ކުޅުނު މި މެޗުގައި ރޯމާގެ ހަމައެކަނި ގޯލު ޖަހައިދިނީ ޑިފެންޑަރު ޖިއާންލޫކާ މަންޗިނީ އެވެ.

ބެންފީކާ ވަނީ އަމިއްލަ ދަނޑުގައި ރޭ ފްރާންސްގެ މާސޭ 2-1 އިން ބަލިކޮށްފަ އެވެ. ކުރިން މެންޗެސްޓާ ޔުނައިޓެޑަށް ކުޅުނު ރަފާ ސިލްވާ އާއި އެންހެލް ޑި މާރިއާގެ ގޯލުތަކުން ބެންފީކާ ލީޑު ހޯދި އިރު، މާސޭގެ ހަމައެކަނި ގޯލު ޖަހައިދިނީ ޕިއޭ އެމެރިކް އޮބާމެޔަންގް އެވެ.

ކޮންފަރެންސް ލީގުގެ ކުއާޓާގައި، އެސްޓަން ވިލާ ވަނީ 2-1 އިން ފުރަތަމަ ލެގުގައި ފްރާންސްގެ ލިލް ބަލިކޮށްފަ އެވެ. ކްލަބް ބުރޫޖުން 1-0 އިން ޕާއޯކް ބަލިކުރިއިރު އޮލިމްޕިއާކޯސް ވަނީ 3-2 އިން ފެނަބާޗޭގެ މައްޗަށް ކުރި ހޯދައިފަ އެވެ. ފިއޮރެންޓީނާ އާއި ޗެކް ރިޕަބްލިކްގެ ވިކްޓޯރިއާ ޕެލްޒެން ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރު ވެގެންނެވެ.