Roadha Mihaaru
އެޓަލާންޓާ ތަށިނަގައި ލެވަކޫސަން ހަމަބިމަށް ތިރިކޮށްފި

އެޓަލާންޓާ ތަށި ނަގައި ލެވަކޫސަން ހަމަބިމަށް ތިރިކޮށްފި

23 މެއި 2024

ޑުބްލިން (މެއި 23) - ރެއާ ހަމައަށް މި ސީޒަނުގައި މެޗަކުން ބަލި ނުވެ އެންމެ މަތީގައި އުޅުނު ބެޔާ ލެވަކޫސަން ހަމަބިމަށް ތިރިކޮށް އެޓަލާންޓާ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

ޑުބްލިން (މެއި 23) - ރެއާ ހަމައަށް މި ސީޒަނުގައި މެޗަކުން ބަލި ނުވެ އެންމެ މަތީގައި އުޅުނު ބެޔާ ލެވަކޫސަން ހަމަބިމަށް ތިރިކޮށް އެޓަލާންޓާ ޔޫރޮޕާ ލީގުގެ ޗެމްޕިއަންކަން ހޯދައިފި އެވެ.

މެޗުގެ ހީރޯ އަކީ އެވަޓަންގެ ކުރީގެ ފޯވާޑް އަޑެމޯލާ ލުކްމަން އެވެ. ހެޓްރިކް ހެދި ލުކްމަން، 26، ރޭ ދެއްކީ އޭނާގެ ކެރިއާގައި ވެސް ކުޅުނު އެންމެ މޮޅު މެޗެވެ.

ކުރީގެ އެއްވަނަ މިޑްފީލްޑަރު ޒަބީ އެލޮންސޯގެ ލެވަކޫސަނުން، ރޭ ގެ މެޗާ ހަމައަށް މެޗަކުން ބަލި ނުވެ 361 ދުވަސް ހޭދަ ކުރި އެވެ. ބަލި ނުވެ 51 މެޗު ފުރިހަމަ ކުރި އެވެ. ރޭ ގެ ފައިނަލް މެޗަށް ނުކުތުމުގެ ކުރިން، ލެވަކޫސަން އެންމެ ފަހުން މެޗަކުން ބަލިވީ މިދިޔަ އަހަރުގެ މެއި މަހު ބުންޑެސްލީގާގެ ވީއެފްއެލް ބުކްމަން އަތުން 3-0 ންނެވެ.

ރޭ ގެ މެޗަށް ފަހު، އެލޮންސޯ ވާހަކަ ދެއްކީ، ބާސްކެޓްބޯޅައިގައި އުފެއްދި އެންމެ ކާމިޔާބު އެތުލީޓް މައިކަލް ޖޯޑަން ބުނެފައިވާ ވާހަކައަކާ އެއް ރާގެއްގަ އެވެ. ޖޯޑަން ބުނެފައި ވެއެވެ. "އަހަރެން ދުވަހަކު ވެސް މެޗަކުން ބައްޔެއް ނުވޭ. އެކަމަކު އަހަންނަށް ވަގުތު ނިމިގެން ދިޔައީ."

"ކުޅުންތެރިން ކުރި މަސައްކަތުގެ ގޮތުން މިއީ ބަލިވުމެއް ނޫން. އެއީ ފުޓުބޯޅައިގެ ކަމެއް. އެހެން ވާނެ، އެއީ ފުޓްބޯޅަ އަކީ. މިއަދު އެއީ ވާން އޮތް ކަމެއް ނޫން. އެ ޓީމު މާ ރަނގަޅަށް ކުޅުނު،" ސީނިއާ ކޯޗެއްގެ ގޮތުގައި ފުރަތަމަ ފުލް ސީޒަން ފުރިހަމަކޮށް ނިންމާ އެލޮންސޯ ބުންޏެވެ.

ޑުބްލިންގެ އެވީވާ ސްޓޭޑިއަމްގައި ކުޅުނު ފައިނަލް މެޗާ ހަމައަށް ތަޖުރިބާކާރު ކޯޗު ޖިއަން ޕިއެރޯ ގަސްޕެރިނީގެ އެޓަލާންޓާ ދަތުރު ކުރީ ކުއާޓާ ފައިނަލުގައި ލިވަޕޫލް އަދި ސެމީގައި މާސޭ ބަލި ކުރުމަށް ފަހު އެވެ. މި ކާމިޔާބާ އެކު އެޓަލާންޓާ ވަނީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގަށް ކޮލިފައި ވެފަ އެވެ.

ލެވަކޫސަން އެންމެ ފަހުން ކުޅުނު ގިނަ މެޗުތައް އެއްވަރުވަމުން ގޮސް، ސީޒަންގެ އެންމެ މުހިންމު އެއް މެޗަށް އައިސް ބަލިވީ އެވެ. ބުންޑެސް ލީގާގެ ޗެމްޕިއަން ޓީމަށް ޖަރުމަން ކަޕްގެ ފައިނަލް މެޗު ވެސް އަދި އެބައޮތެވެ. އަންނަ ހޮނިހިރު ދުވަހު ކުޅޭ މެޗުގައި ނުކުންނާނީ ކައިޒާސްލައުޓަނާ ދެކޮޅަށެވެ.