Roadha Mihaaru
މުލީ އެއާޕޯޓް ޖުލައި 26ގައި ހުޅުވަން އަމާޒު ހިފައިފި

މުލީ އެއާޕޯޓް ޖުލައި 26 ގައި ހުޅުވަން އަމާޒު ހިފައިފި

13 އެޕްރީލް 2024

މީގެ ތިން އަހަރު ކުރިން އެމްޓީސީސީއާ ހަވާލުކުރި މ. މުލީ އެއާޕޯޓު މި އަހަރުގެ ޖުލައި 26 ގައި ހުޅުވޭ ވަރަށް ނިންމަން އެ ކުންފުނިން އަމާޒު ހިފައިފި އެވެ.

މީގެ ތިން އަހަރު ކުރިން އެމްޓީސީސީއާ ހަވާލުކުރި މ. މުލީ އެއާޕޯޓު މި އަހަރުގެ ޖުލައި 26 ގައި ހުޅުވޭ ވަރަށް ނިންމަން އެ ކުންފުނިން އަމާޒު ހިފައިފި އެވެ.

އެ އެެއާޕޯޓުގެ މަސައަކްތް 212 މިލިއަން ރުފިޔާ އަށް ކުރީގެ ސަރުކާރުން ފެބްރުއަރީ 28، 2021 ގައި ހަވާލުކުރީ އެއް އަހަރުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ނަމަވެސް އެމްޓީސީސީން ވާހަކަ ދެއްކެވި އިސް ވެރިއަކު މިއަދު ވިދާޅުވީ، އެ މަސައްކަތް މަޑުޖެހުނީ ބަޖެޓުގެ މައްސަލަތަކާ ހެދި ކަމަށެވެ.

"އެކަމަކު މި އަހަރުގެ ޖުލައި 26 ގައި ބޯޓު ޖެއްސޭވަރު ކުރުމަށްޓަކައި އަޅުގަނޑުމެން މިހާރު މަސައްކަތް މި ފެށީ. އަލުން މަސައްކަތް ފެށިތާ ވާނީ މަހެއްހާ ދުވަސް. އަމާޒަކީ ޖުލައި 26 ގައި މި އެއާޕޯޓު ހުޅުވުން،" އޭނާ ވިދާޅުވި އެވެ.

އެމްޓީސީސީން ނިންމާފައި ވަނީ މަސައްކަތް ނިންމައި ޖުލައި 26 ގެ ކުރިން ސަރުކާރާ އެ ތަން ހަވާލު ކުރާށެވެ.

މުލީ އެއާޕޯޓުގެ ޓާމިނަލް: ދެން އޮތީ ޓާމިނަލްގެ ފިނިޝިން މަސައްކަތްތައް

މުލީ އެއާޕޯޓުގެ ޓާމިނަލް: ދެން އޮތީ ޓާމިނަލްގެ ފިނިޝިން މަސައްކަތްތައް

މުލީ އެއާޕޯޓް ހެދުމުގެ އެއްބަސްވުމުގައި ސޮއިކުރި ދުވަހު އޭރުގެ އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފައި ވަނީ އެ ތަނުގައި 1،200 މީޓަރުގެ ރަންވޭއެއް ހަދާނެ އެވެ. ޓާމިނަލް އިމާރާތް ހެދުމާއި އެއާޕޯޓަށް ބޭނުންވާ އެހެން ވަސީލަތްތައް ގާއިމުކުރުން ވެސް އެ މަޝްރޫއުގައި ހިމެނި އެވެ.

އެމްޓީސީސީގެ އޮފިޝަލް ވިދާޅުވީ، މިހާރު ބާކީ ކުރަން ޖެހޭ މަސައްކަތަކީ އެއާޕޯޓަށް ބޭނުންވާ ބިމުގެ ތެރެއިން ނުހިއްކައި ބާކީ އޮތް ސަރަހައްދު ހިއްކުމާއި ޓާމިނަލްގެ ފިނިޝިން ކަންކަމެވެ.

"އެކަން ވެސް ބާރު ސްޕީޑުގައި ދެން ކުރިއަށް ގެންދެވޭނެ،" އޭނާ ވިދާޅުވި އެވެ.

މުލީ އެއާޕޯޓުގެ ޓާމިނަލް އިމާރާތުގެ މައިގަނޑު މަސައްކަތްތައް މިހާރު ވަނީ ނިމިފަ އެވެ.

މ. އަތޮޅުގައި މިހާރު ވެސް ތިން ރިސޯޓެއް އޮޕަރޭޓް ކުރާއިރު، މުލީ އެއާޕޯޓާ އެކު ބޮޑު ކުރިއެރުމެއް އެ އަތޮޅަށް އަންނާނެ ކަމަށް ސަރުކާރުން ބުންޏެވެ. މުއްޔާއި ނާލާފުށި ކޯޒްވޭއަކުން ގުޅައިލުމުގެ މަސައްކަތް ވެސް އެމްޓީސީސީއާ ވަނީ ހަވާލުކޮށްފަ އެވެ. އޭރުން މ. އަތޮޅަކީ އާބަން ސެންޓަރަކަށް ވުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ ކަމަށް ބެލެވެ އެވެ.