Roadha Mihaaru
ކުއާލަ ލަމްޕޫރު އެއާޕޯޓްގައި ބަޑިޖެހުމުގެ ހާދިސާއެއް

ކުއާލަ ލަމްޕޫރު އެއާޕޯޓްގައި ބަޑިޖަހައި މީހަކު ޒަހަމްވެއްޖެ

14 އެޕްރީލް 2024

މެލޭޝިއާގެ ކުއާލަ ލަމްޕޫރު އެއާޕޯޓްގައި މީހަކު އޭނާގެ އަނބިމީހާ އުމްރާއަށް ގޮސް އައި ވަގުތު އޭނާގެ ގަޔަށް ބަޑިޖަހަން އުޅުމުގެ ތެރޭގައި އަނބިމީހާގެ ބޮޑީގާޑު ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.

މެލޭޝިއާގެ ކުއާލަ ލަމްޕޫރު އެއާޕޯޓްގައި މީހަކު އޭނާގެ އަނބިމީހާ އުމްރާއަށް ގޮސް އައި ވަގުތު އޭނާގެ ގަޔަށް ބަޑިޖަހަން އުޅުމުގެ ތެރޭގައި އަނބިމީހާގެ ބޮޑީގާޑު ވަރަށް ބޮޑަށް ޒަހަމްވެއްޖެ އެވެ.

މެލޭޝިއާގައި މަދުން ނޫނީ ނުހިނގާ ފަދަ މި ހާދިސާގައި ޒަހަމްވި މީހާގެ ހާލު ވަރަށް ސީރިއަސް ކަމަށް އެ ގައުމުގެ ކަމާބެހޭ އިދާރާތަކުން ބުންޏެވެ.

ފުލުުހުން ބުނީ މި ހާދިސާ ތަހުގީގުކުރަމުން އަންނައިރު މިއީ އާއިލީ މައްސަލައެއްގެ ތެރެއިން ހިންގި އަމަލެއް ކަމަށް މިހާތަނަށް ބެލެވިފައިވާ ކަމަށެވެ. ހަމަލާ ދިން މީހާ މަޑުކޮށްގެން ހުރީ އޭނާގެ އަނބިމީހާ ބޯޓުން ފައިބައިގެން އެރައިވަލް ހޯލަށް އަންނަންދެން ކަމަށާއި އެތަނުން ހަމަލާ ދިނުމަށް ފަހު ފިލައިގެން ދިޔައީ ކަމަށް ފުލުހުން ބުންޏެވެ.

"އޭނާ ދެ ފަހަރު ބަޑި ޖެހި. ހަމަލާ އަމާޒުވީ އަންހެން މީހާގެ ބޮޑީ ގާޑަކަށް ހުރި މެލޭޝިއާ މީހަކަށް. އޭނާގެ ބަނޑަށް އަމާޒުވި ހަމަލާގެ ސަބަބުން ވަނީ ވަރަށް ބޮޑަށް ޒަހަމްވެފައި،" ސެލަންގޯ ފުލުުހުންގެ ވެރިޔާ ހުސައިން އުމަރު ޚާން ވިދާޅުވި އެވެ.

ކްރިމިނަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ބުނީ ހަމަލާ ދިން މިހާގެ އަމާޒަކީ ޓްރެވަލް އެޖެންސީއެއް ހިންގާ އޭނާގެ އަނބިމީހާ ކަމަށެވެ. މި ތުހުމަތުުކުރެވޭ 38 އަހަރުގެ މީހާ އަކީ މީގެ ކުރިން ވެސް އަނބިމީހާ އަށް ބިރު ދެއްކި މައްސަލައެއްގައި ސުވާލުކޮށްފައިވާ މީހެއް ކަމަށް ވެސް ފުލުހުން ބުންޏެވެ.

ބަޑީގެ ހަމަލާތައް މެލޭޝިއާގައި ވަރަށް މަދެވެ. ބަޑި ގެންގުޅުމުގައި ހަރުކަށި ގަވައިދުތަކެއް ގެންގުޅޭ މެލޭޝިއާގައި މީގެ ގަވައިދުތަކާ ހިލާފްވެއްޖެ ނަމަ 40 އަހަރުގެ ޖަލު ހުކުމެއް އަންނާނެ އެވެ. -- އޭއެފްޕީ