Roadha Mihaaru
ޕަރިނީތީ އާއި ދިލްޖީތުގެ އާ ފިލްމަށް ބޮޑު ތަރުހީބެއް

ޕަރިނީތީ އާއި ދިލްޖީތުގެ އާ ފިލްމަށް ބޮޑު ތަރުހީބެއް

16 އެޕްރީލް 2024

ނެޓްފްލިކްސް އިން މިދިޔަ ހުކުރު ދުވަހު ސްޓްރީމް ކުރަން ފެށި ޕަރިނީތީ ޗޯޕްރާ އާއި ދިލްޖީތު ދޮސާނީގެ އާ ފިލްމު "އަމަރް ސިންގް ޗަމްކީލާ" އަށް ގިނަ ބައެއްގެ ތަރުހީބު ލިބިއްޖެ އެވެ.

ނެޓްފްލިކްސް އިން މިދިޔަ ހުކުރު ދުވަހު ސްޓްރީމް ކުރަން ފެށި ޕަރިނީތީ ޗޯޕްރާ އާއި ދިލްޖީތު ދޮސާނީގެ އާ ފިލްމު "އަމަރް ސިންގް ޗަމްކީލާ" އަށް ގިނަ ބައެއްގެ ތަރުހީބު ލިބިއްޖެ އެވެ.

"އަމަރް ސިންގް ޗަމްކީލާ" އަކީ ޕަންޖާބުގެ ކުރީގެ ލަވަކިޔުންތެރިއެއް ކަމަށްވާ އަމަރް ސިންގް ޗަމްކީލާގެ ހަޔާތަށް ހަދާފައިވާ ބަޔޮޕިކް ފިލްމެކެވެ. ޗަމްކީލާ ބޮޑަށް މަޝްހޫރުވީ އޭނާގެ ލަވަތަކުގައި ބޭނުންކުރި މުޖުތަމައުގެ އާންމު މިންގަނޑާ ހިލާފު އިބާރާތްތަކުގެ ސަބަބުންނެވެ. ނަމަވެސް، އޭނާގެ ލަވަތަކުގައި ވަނީ އޭރު މުޖުތަމައު ގަބޫލުކުރަން ބޭނުންވާ ކިތައްމެ ހަގީގަތެއް ހިމަނައިފަ އެވެ. އޭގެ ތެރޭގައި މަސްތުވާތަކެތި ބޭނުންކުރުމާއި ރާބުއިމާއި ނަހަމަގުޅުންތަކާއި އިޖުތިމާއީ އެކިއެކި މައްސަލަތައް ހިމެނެ އެވެ.

އެހެންވެ، އާންމުންގެ ގިނަ ބައެއްގެ ނަފުރަތު ވެސް އޭނާ އަށް އަމާޒުވި އެވެ. ހަމަ އެވަރަށް ގިނަ ބައެއްގެ ލޯބި ވެސް އޭނާ އަށް ލިބުނެވެ.

ޗަމްކީލާ އާއި އޭނާގެ ދެވަނަ އަނބިމީހާ އަމަރްޖޮތު ޕަންޖާބުގެ އަވަށެއްގައި ޝޯއެއް ދިނުމަށް ދިޔަތަނުން ބަޔަކު ވަނީ ބަޑިޖަހައި އެެ ދެމީހުން މަރާލައިފަ އެވެ. އެއީ 1988 ވަނަ އަހަރު އެވެ. އަދިއަދަށް ވެސް އެ ދެމީހުން ގަޔަށް ބަޑިޖެހީ ކޮން ބައެއް ކަމެއް ފުލުހުންގެ ތަހުގީގަށް ހޯދިފައެއް ނުވެ އެވެ.

މި ފިލްމުގައި ޗަމްކީލާގެ ރޯލު ކުޅެނީ އިންޑިއާގެ ލަވަކިޔުންތެރިޔާ އަދި އެކްޓަރު ދިލްޖީތު އެވެ. އަދި އޭނާގެ އަންހެނުން އަމަރްޖޮތުގެ ރޯލު ކުޅެނީ ޕަރިނީތީ އެވެ.

"އަމަރް ސިންގް ޗަމްކީލާ" އަށް އާންމުންނާއި ކްރިޓިކުންގެ ތައުރީފު ވަނީ އޮއްސާލައިފަ އެވެ.

މި ފިލްމު ޑައިރެކްޓުކުރީ "ތަމާޝާ" އާއި "ޖަބް ވީ މެޓް" ކަހަލަ ހިޓު ފިލްމުތައް ގެނެސްދިން އިމްތިއާޒް އަލީ އެވެ. މިފަހުން އިމްތިއާޒް ގެނެސްދިން ގިނަ ފިލްމުތަކަށް މާ ބޮޑު ތަރުހީބެއް ނުލިބުނު ނަމަވެސް، މި ފިލްމަށް ފަހު ބައެއް މީހުން ސޯޝަލް މީޑިއާގައި ބުނެފައި ވަނީ "ކުރީގެ އިމްތިއާޒް އަނބުރާ އަތުވެއްޖެ" ކަމަށެވެ.

ނެޓްފްލިކްސްގައި ވަރަށް ގިނަ ގައުމުތަކުގެ ޓޮޕް ޓެން ވަންގައި މި ފިލްމު އަންނަނީ ޓްރެންޑްވަމުންނެވެ.

މި ފިލްމަށް މިއުޒިކް ތައްޔާރުކޮށްދީފައި ވަނީ އިންޑިއާގެ ކުޅަދާނަ މިއުޒީޝަން އޭ އާރް ރަހްމާން އެވެ. މިއުޒިކް އަކީ މި ފިލްމުގެ އެންމެ މުހިންމު އެއް ބައި ކަމަށް ވާއިރު، ގިނަ ބައެއް ތައުރީފު ވަނީ އެކަމަށް ވެސް ލިބިފަ އެވެ.