Roadha Mihaaru
މެސީއަށް ދެން ދޭނެ އިސްކަމެއް ނެތް: ހޮންކޮން އެފްއޭ

މެސީ އަށް ދެން ދޭނެ އެއްވެސް އިސްކަމެއް ނެތް: ހޮންކޮން އެފްއޭ

16 އެޕްރީލް 2024

ހޮންކޮން (އޭޕްރީލް 16) – ލިއޮނެލް މެސީ އާއި އޭނާގެ ކްލަބް އިންޓަ މަޔަމީ އަށް ދެން ދޭނެ އިސްކަމެއް ނެތް ކަމަށް ހޮންކޮން އެފްއޭގެ ރައީސް ޕުއީ ކުވާން ކޭ ވިދާޅުވެއްޖެ އެވެ.

ހޮންކޮން (އޭޕްރީލް 16) – ލިއޮނެލް މެސީ އާއި އޭނާގެ ކްލަބް އިންޓަ މަޔަމީ އަށް ދެން ދޭނެ އިސްކަމެއް ނެތް ކަމަށް ހޮންކޮން އެފްއޭގެ ރައީސް ޕުއީ ކުވާން ކޭ ވިދާޅުވެއްޖެ އެވެ.

މިދިޔަ ޖެނުއަރީ މަހު، އެމެރިކާގެ ޕްރީ ސީޒަންގައި ހޮންކޮން އަށް ކުޅެން އައިސް މަޔާމީ ކުޅުނު މެޗުގައި މެސީ ކުޅެފައެއް ނުވެ އެވެ. އެކަމަކު އެ މެޗުގެ ޓިކެޓް ވިއްކަން ބާޒާރަށް ނެރުނުތާ އެއް ގަޑިއިރު ތެރޭ ހުސްވީ މެސީ އެ މެޗުގައި ކުޅޭނެ ކަމަށް އިސްތިހާރު ކޮށްގެންނެވެ.

މަޔާމީގެ ކޯޗު ޖަރާޑް މާޓިނޯ ބުނީ އެ މެޗުގައި މެސީ ކުޅެފައި ނުވަނީ އަނިޔާގެ ސަބަބުން ކަމަށެވެ. އެކަމަކު ހޮންކޮންގައި މެޗު ނުކުޅެ، ޖަޕާނަށް ގޮސް ކުޅުނު މެޗުގައި މެސީ ކުޅުނެވެ.

މެސީ ނުކުޅުނު މައްސަލާގައި ހޮންކޮންގެ ސަރުކާރާއި އާންމުންގެ ފަރާތުން މެޗު އިންތިޒާމު ކުރި ފަރާތްތަކާއި އެ ގައުމުގެ އެފްއޭ އަށް ވެސް ޕްރެޝަރު ކުރިމަތި ކުރި އެވެ.

މެސީ އަށް އަލުން އިސްކަން ނުދޭނެކަމަށް، ކުވާން ކޭ ވިދާޅުވީ އަންނަ އަހަރު ޖެނުއަރީ މަހު ކްރިސްޓިއާނޯ ރޮނާލްޑޯގެ އައް ނަސްރުގެ މެޗެއް ހޮންކޮންގައި ކުޅުމަށް މަސައްކަތް ކުރަމުންދާކަން ހާމަކުރުމަށް ފަހު އެވެ.

"އަމިއްލަ ގޮތުން އެއްޗެއް ބުނަންޏާ މި ވަގުތު މެސީގެ ވާހަކަ ދެއްކުން އެހާ ރަނގަޅެއް ނޫން. އޭނާ އާއި އެ ކްލަބަށް ވެސް އަހަރެމެން މިހާރު އިސްކަމެއް ނުދެން،" ކުވާން ކޭ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ރޮނާލްޑޯ އާއެކު ނަސްރުން ބައެއް އެހެން ސިޓީތަކުގައި ވެސް އެގްޒިބިޝަން މެޗު ކުޅޭނެ ކަމަށެވެ.

ހޮންކޮންގައި މެޗު ނުކުޅެވުނު މައްސަލާގައި، މެސީ ފަހުން މައާފަށް ވެސް އެދުނެވެ.