Roadha Mihaaru
ސަރުކާރަށް އެކަށީގެންވާ އަދަދެއްގެ ގޮނޑި ލިބޭނެ:ޔާމީން

ސަރުކާރަށް އެކަށީގެންވާ އަދަދަކަށް ގޮނޑި ލިބޭނެ: ޔާމީން

21 އެޕްރީލް 2024

މިއަދު ކުރިއަށް ގެންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް އެކަށީގެންވާ އަދަދެއްގެ ގޮނޑި ލިބޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މީގެ އިރުކޮޅެއް ކުރިން ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

މިއަދު ކުރިއަށް ގެންދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް އެކަށީގެންވާ އަދަދެއްގެ ގޮނޑި ލިބޭނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން މީގެ އިރުކޮޅެއް ކުރިން ވިދާޅުވެއްޖެ އެވެ.

އިންތިހާބުގައި ވޯޓު ލެއްވުމަށް ފަހު، މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކާ ދެކޮޅަށް ވާހަކަފުޅު ދައްކަވާ ޔާމީނާ ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގައި ވިދާޅުވީ، ވޯޓުލާން ނުކުންނަ މީހުންގެ އަދަދު މަތިވެއްޖެ ނަމަ އެއީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށެވެ.

ޔާމީން ވިދާޅުވި ގޮތުގައި ސަރުކާރެއް ހިންގާ ބަޔަކަށް ފައިދާވާ ކަންތައްތަކެއް ހުންނާނެ އެވެ. އޭގެ ތެރޭގައި މަޝްރޫއުތައް ފެށުމާއި އާ ވަޒީފާތައް އުފެއްދުން ހިމެނޭ ކަމަށް ވިދާޅުވި އެވެ.

"އެހެންވީމާ އިންތިޒާރު ކުރެވޭ ސަރުކާރަށް އެކަށީގެންވާ އަދަދެއްގެ ގޮނޑި ލިބޭނެ ކަމަށް،" އެ މަނިކުފާނު ވިދާޅުވި އެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވޯޓުލައްވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީން ވޯޓުލައްވަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ޔާމީން ވިދާޅުވީ މި އިންތިހާބު ބާއްވަނީ ރޯދަމަހާއި ހަ ރޯދަ ނިމި ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ކަަމަށް ވާއިރު، އެއީ އެންމެ ރަނގަޅު ތާރީހެއް ނޫން ކަމަށެވެ. އިންތިހާބު ބޭއްވުމަށް ރަނގަޅު ތާރީހެއް ކަމަށް އެ މަނިކުފާނު ގަބޫލުފުޅު ކުރައްވަނީ މީގެ 2-3 ހަފުތާ ފަހުން ކަމަށް ވެސް ވިދާޅުވި އެވެ.

މި އިންތިހާބުގެ ވޯޓުލުން ފެށީ ހެނދުނު 8:00 ގަ އެވެ. ވޯޓުލުން ހަވީރު 5:30 އާ ހަމައަށް ކުރިއަށް ގެންދާއިރު އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފައި ވަނީ ވޯޓު ލުމަށް އެންމެ މިނިޓެއް ވެސް ނުދެވޭނެ ކަމަށެވެ. މިއަދުގެ ހަވީރު ހަތަރެއް ޖެހުމާ ހަމައަށް ވޯޓުލާފައި ވަނީ 63.73 ޕަސެންޓު މީހުންނެވެ.