Roadha Mihaaru
"ވެކްސިނުން 154 މިލިއަން ފުރާނަ ސަލާމަތްވި"

ވެކްސިނުން ބައި ގަރުނު ތެރޭ 154 މިލިއަން ފުރާނަ ސަލާމަތްވި: ޑަބްލިޔުއެޗްއޯ

25 އެޕްރީލް 2024

މިދިޔަ 50 އަހަރު ތެރޭގައި ހިންގި ވެކްސިން ޕްރޮގްރާމްތަކުގެ ސަބަބުން، މަދުވެގެން 154 މިލިއަން މީހުންގެ ފުރާނަ ސަލާމަތްވެފައިވާ ކަމަށާއި އޭގެ ފައިދާ ލިބޭ އެންމެ ބޮޑަށް ކުރީ ތުއްތު ކުދިންނަށް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުދަ ދުވަހު ބުނެފި އެވެ.

މިދިޔަ 50 އަހަރު ތެރޭގައި ހިންގި ވެކްސިން ޕްރޮގްރާމްތަކުގެ ސަބަބުން، މަދުވެގެން 154 މިލިއަން މީހުންގެ ފުރާނަ ސަލާމަތްވެފައިވާ ކަމަށާއި އޭގެ ފައިދާ ލިބޭ އެންމެ ބޮޑަށް ކުރީ ތުއްތު ކުދިންނަށް ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ބުދަ ދުވަހު ބުނެފި އެވެ.

މިއީ ބައިގަރުނަށް ބަލާއިރު ކޮންމެ އަހަރެއްގެ ކޮންމެ މިނެޓަކުން ހަ މީހުންގެ ފުރާނަ ސަލާމަތް ކުރެވޭ މިންވަރާ އެއްވަރު އަދަދެއް ކަމަށް އދ.ގެ ސިއްހީ އިދާރާއިން ބުންޏެވެ.

ލަންސެޓްގައި ޝާއިއުކުރި ދިރާސާއެއްގައި ޑަބްލިއުއެޗްއޯ އިން ވަނީ އަންނަ މަހު 50 އަހަރު ފުރޭ އެކްސްޕެންޑެޑް ޕްރޮގްރާމް އޮން އިމިއުނައިޒޭޝަން (އީޕީއައި) ގެ ދަށުން ބޭނުންކުރާ 14 ވެކްސިންގެ ނަތީޖާއާ ގުޅޭ ފުރިހަމަ ދިރާސާއެއް ޝާއިއުކޮށްފަ އެވެ.

"ވެކްސިނަކީ ދުނިޔޭގެ ތާރީހުގައި ވެސް އެންމެ ވަރުގަދަ އީޖާދުތަކުގެ ތެރޭގައި ހިމެނޭ އެއްޗެއް. އެއް ޒަމާނެއްގައި ބިރުވެރި ކަމަކަށްވި ބައެއް ބަލިތަކުން ވަނީ ރައްކާތެރިކުރެވިފައި،" ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޯސް އަދަނޮމް ގެބްރެއިސަސް ނެރުއްވި ބަޔާނެއްގައި ވިދާޅުވި އެވެ.

"ވެކްސިންގެ ސަބަބުން ހިމަބިހި ނައްތާލެވިއްޖެ. ޕޯލިއޯ އޮތީ ނައްތާލުމުގެ މަގުމަތީގައި. އަދި ދާދި ފަހުން މެލޭރިއާ އާއި ސާވިކަލް ކެންސަރު ފަދަ ބަލިތަކާ ދެކޮޅަށް ވެކްސިން އުފެއްދުމާ އެކު އެ ބަލިތައް ވެސް ފަހަތަށް އެބަ ޖެއްސޭ،" އޭނާ ވިދާޅުވި އެވެ.

"ދިރާސާތައް ކުރިއަށް ގެންގޮސް، އިންވެސްޓްމަންޓުތައް އިތުރުކޮށް، ގުޅިގެން މަސައްކަތްކޮށްފި ނަމަ މިއަދާއި ކުރިއަށް އޮތް 50 އަހަރު ތެރޭގައި އިތުރު އެތައް މިލިއަން މީހުންގެ ފުރާނަ ސަލާމަތް ކުރެވޭނެ."

އެ ދިރާސާގައި ބުނެފައިވަނީ މިދިޔަ 50 އަހަރު ތެރޭގައި އިމިއުނައިޒޭޝަންގެ ތެރެއިން ސަލާމަތްވި މީހުންގެ ތެރެއިން 101 މިލިއަނަކީ ތުއްތު ކުދިން ކަމަށެވެ.

ބައި ގަރުނު ތެރޭގައި 14 ބައްޔަކަށް ވެކްސިން ދީފައިވެ އެވެ. އޭގެ ތެރޭގައި ޑިޕްތެރިއާ، ހީމޯފިލަސް އިންފްލުއެންޒާ ޓައިޕް ބީ، ހެޕަޓައިޓިސް ބީ، ޖަޕާނީސް އެންސެފަލައިޓިސް، މީސްލްސް، މެނިންޖައިޓިސް އޭ، ޕާޓަސިސް، އިންވޭސިވް ނިއުމޯކޮކަލް ޑިޒީޒް، ޕޯލިއޯ، ރޮޓާވައިރަސް، ރޫބެއްލާ، ޓެޓަނަސް، ޓިއުބާކިއުލޯސިސް، އަދި ޔެލޯ ފީވާ ހިމެނެ އެވެ. މި ވެކްސިންތަކުން ވަނީ ކުޑަކުދިން ޅަފަތުގައި މަރުވާ ނިސްބަތް 40 ޕަސެންޓް ދަށްކުރެވިފައި ކަމަށް ދިރާސާގައި ބުނެފައިވެ އެވެ.

އެފްރިކާ ސަރަހައްދަށް ވަކިން ބަލާއިރު މި ނިސްބަތް 50 ޕަސެންޓަށް އަރަ އެވެ. -- އޭއެފްޕީ