Roadha Mihaaru
ދެ ބްރޭންޑްގެ ދެ ޑޯޒް ޖެހުނީ އޮޅުމަކުން: އެޗްއީއޯސީ

ކޮވިޑް-19: ދެ ބްރޭންޑްގެ ވެކްސިންގެ ދެ ޑޯޒް ޖެހުނީ އޮޅުމަކުން: އެޗްއީއޯސީ

22 އެޕްރީލް 2021

ކޮވިޑުން ރައްކާތެރިވުމަށް ދޭ ކޮވިޑް ވެކްސިންގެ ދެ ބްރޭންޑެއްގެ ވެކްސިން ދިވެއްސެއްގެ ގަޔަށް ޖެހުނީ އޮޅުމަކުން ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކޮވިޑުން ރައްކާތެރިވުމަށް ދޭ ކޮވިޑް ވެކްސިންގެ ދެ ބްރޭންޑެއްގެ ވެކްސިން ދިވެއްސެއްގެ ގަޔަށް ޖެހުނީ އޮޅުމަކުން ކަމަށް ހެލްތު އިމަޖަންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން މިއަދު ބުނެފި އެވެ.

އެ ސެންޓަރުން މިހެން ބުނީ، ފުރަތަމަ ޑޯޒްގެ ގޮތުގައި ޗައިނާގެ ސިނަފޯމް ވެކްސިން ޖެހުމަށް ފަހު، އިންޑިއާގެ ކޮވިޝީލްޑް ވެކްސިން ދެވަނަ ޑޯޒްގެ ގޮތުގައި މީހެއްގެ ގަޔަށް ޖެހި މައްސަލައެއް ސޯޝަލް މީޑިއާގައި ފެންމަތިވުމުންނެވެ.

އަބްދުލްމަތީން މޫސާ ނަމަކަށް ކިޔާ އެ މީހާގެ ގަޔަށް ޖަހާފައި ވަނީ ދެ ބްރޭންޑެއްގެ ދެ ވެކްސިންކަން ސޯޝަލް މީޑީއާގައި އާންމު ކޮށްފައިވާ ވެކްސިން ކާޑުން ދައްކަ އެވެ. އޭނާ ވެކްސިން ޖެހީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގައި ގާއިމުކޮށްފައިވާ ވެކްސިން ސެންޓަރުންނެވެ.

މިއީ ފުރަތަމަ ޑޯޒްގެ ގޮތުގައި ޖެހި ބްރޭންޑް ނޫން އެހެން، ބްރޭންޑެއްގެ ވެކްސިންއެއް ރާއްޖޭގައި މީހެއްގެ ގަޔަށް ޖެހުނު ފުރަތަމަ ފަހަރެވެ.

އެޗްއީއޯސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގަައި، އެޗްޕީއޭގެ ޑިރެކްޓަަރު އަހުމަދު ނަސީރު ވިދާޅުވީ، އެއީ ހިނގާފައިވާ ކަމެއް ކަމަށާއި އެކަމަކު އެކަން ދިމާވީ އެރި އޮޅުމަކުން ކަމަށެވެ.

އޭނާ ވިދާޅުވީ ދެ ބްރޭންޑެއްގެ ވެކްސިން ދެވުމުން، އެކަން ޑަބްލިއުއެޗްއޯއާ ވެސް މަޝްވަރާކޮށްފައިވާ ކަމަށެވެ. ވެކްސިން ޖެހި މީހާގެ ހާލަތު މޮނިޓަރު ކުރަމުން އަންނަ ކަމަށް ނަސީރު ވިދާޅުވި އެވެ.

"އެކަން އެގޮތަށް ހިނގާފައިވާ ކަމަށާއި އަޅުގަނޑުމެން ދެން މަސައްކަތް ކުރާނީ އިތުރަށް އެފަދަ ކަމެއް މެދުވެރި ނުވާނެ ގޮތަށް މަސައްކަތްތައް ބައްޓަން ކޮށްގެން ވަރަށް ބޮޑަށް ސަމާލުކަންދީގެން،" ނަސީރު ވިދާޅުވި އެވެ.

މިހާތަނަށް ހަދާފައިވާ ދިރާސާތަކާ ހަވާލާދީ އޭނާ ވިދާޅުވިގޮތުގައި، ފުރަތަމަ ޑޯޒްގެ ގޮތުގައި ޖެހި ބްރޭންޑްގެ ވެކްސިން ނޫން އެހެން ބްރޭންޑެއްގެ ވެކްސިންއެއް ދެވަނަ ޑޯޒްގެ ގޮތުގައި ދީގެން ސީދާ ގެއްލުމެއް ލިބޭ ކަމަކަށް ނުދައްކަ އެވެ.

"މިހާތަނަށް ހެދިފައި ހުރި ދިރާސާތަކުން ދައްކާ ގޮތުން އެއީ ދެ ޑޯޒް ލިބުމުން ލިބޭ ފައިދާ، އެގޮތަށް ދެ ޑޯޒް ދެވުމުގެ ސަބަބުން ލިބިގެން ދާނެ ކަމަށް މިވަނީ އެނގިފައި. ކަނޑައެޅިފައިވާ އުސޫލާ ހިލާފަށް ދިޔަ ކަމެއް މިއީ،" ނަސީރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ، ކުރިއަށް އޮތް ތަނުގައި އެކަމަށް ވަރަށް ބޮޑަށް ސަމާލުވާނެ ކަމަށެވެ.

ޑޮކްޓަރުން މިހާތަނަށް ބުނަމުން އައީ ރާއްޖޭގައި ދެވަނަ ޑޯޒް ޖަހައި ދޭނީ، އެ މީހަކު ފުރަތަމަ ޑޯޒްގެ ގޮތުގައި ޖަހާ ބްރޭންޑްގެ ވެކްސިނުން ކަމަށެވެ. ވެކްސިން ދެމުން އައީ ވެސް އެގޮތަށެވެ.

ރާއްޖޭގައި މިހާތަނަށް 285،562 މީހަކަށް ކޮވިޑް ވެކްސިން ދީފައިވެ އެވެ. އޭގެ ތެރެއިން 56،817 މީހުންނަކީ ދެވަަނަ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހުންނެވެ.