Roadha Mihaaru
ކުދިން ރިހެބިލިޓޭޓްކުރުމަށް ފަހު ސަލާމަތީ ހިދުމަތަށް

ރިހެބިލިޓޭޓްކުރާ ކުދިންނަށް 18 ވުމުން ސިފައިންގެއަށް ނުވަތަ ޕޮލިހަށް

30 އެޕްރީލް 2024

ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން ރިހެބިލިޓޭޓް ކުރަން ދައުލަތުގެ ބެލުމުގެ ދަަށަށް ގެންދިއުމަށް ފަހު އެ ކުދިންނަށް 18 އަހަރު ފުރުމުން ފުލުހުން ނުވަތަ ސިފައިންގެ ހިދުމަތުގައި މަސައްކަތް ކުރަންޖެހޭ ގޮތް ހަދާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން ރިހެބިލިޓޭޓް ކުރަން ދައުލަތުގެ ބެލުމުގެ ދަަށަށް ގެންދިއުމަށް ފަހު އެ ކުދިންނަށް 18 އަހަރު ފުރުމުން ފުލުހުން ނުވަތަ ސިފައިންގެ ހިދުމަތުގައި މަސައްކަތް ކުރަންޖެހޭ ގޮތް ހަދާނެ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެހެން ވިދާޅުވީ، މިނިސްޓަރުންނާ ސުވާލުކުރުމަށް ފުރުސަތުދޭ "އަހާ" ފޯރަމްގައި، އުމުރުން 15 އަހަރުން ދަށުގެ، ކުށުގެ ރެކޯޑު އޮންނަ ކުދިންނާ މެދު އަވަސް ފިޔަވަޅު އެޅުމަށް އަމަލުކުރާ ގޮތަކީ ކޮބައިތޯ ސުވާލުކުރުމުންނެވެ.

ކުށްކުރުމުން އެ ކުށުގެ ޒިންމާ ނަގަންޖެހޭ އުމުރު 12 އަހަރަށް ދަށްކުރަން މި ސަރުކާރުން ނިންމީ އެ އުމުރުގެ ކުދިންގެ ފަރާތުން ވެސް ކުށް ކުރުވުމުގެ މައްސަލަތައް ފެންމަތިވާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ކުއްޖަކު ކުށުގެ މާހައުލަށް ހުށަހެޅުމުން ދައުލަތުގެ ބެލުމުގެ ދަަށަށް ގެންގޮސް އިސްލާހު ކުރުމަށް ހާއްސަ ފެސިލިޓީއެއް ހެދުމަކީ ގާނޫނުން ލާޒިމުކުރާ ކަމެވެ.

އިހުސާން ވިދާޅުވި ގޮތުގައި މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު އެއްވެސް ފެސިލިޓީއެއް ގާއިމްކޮށްފައެއް ނެތެވެ. އޭރު އޮތީ ފެސިލިޓީ ހަދަން ގާނޫނުގައި ބުނާ މުއްދަތު ވެސް ފަހަނަޅައި ގޮސްފައިކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ރޭ ބޭއްވި "އަހާ" ޕަބްލިކް ފޯރަމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަ ދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

ރޭ ބޭއްވި "އަހާ" ޕަބްލިކް ފޯރަމުގައި ހޯމް މިނިސްޓަރު އަލީ އިހުސާން ވާހަކަ ދައްކަވަނީ-- ފޮޓޯ: ފަޔާޒު މޫސާ/ މިހާރު

މި ސަރުކާރުން ނިންމާފައި ވަނީ ކުށްކުރާ ކުއްޖާ ކުށުގެ މާހައުލަށް ހުށަހެޅި ހައްޔަރުކުރާ ހިސާބުން ވަގުތުން އެ ކުއްޖަކަށް ޑިޕާޓްމެންޓް އޮފް ޖުވެނިއަލް ޖަސްޓިސް (ޑީޖޭޖޭ) އިން އެ ކުއްޖާއަށް ފަރުވާ ދޭން ފަށައި ޖުވެނައިލް ކޯޓުން ވަރަށް އަވަސް މުއްދަތެއްގައި ޝަރިއަތުގެ ކަންކަން ވެސް ނިންމުން ކަމަށް މިނިސްޓަރުގެ ވާހަކާގައި ފާހަގަކުރެއްވި އެވެ.

އެފަދަ ކުދިން ރިހެބިލިޓޭޓް ކުރުމަށް ލޯންގްޓާމް ކެއާ ފެސިލިޓީ ގާއިމް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އަދި އެ ހިދުމަތް ދިނުމަށް ވަކި ރަށެއް ކަނޑައަޅައި ކުދިން ގެންގޮސް ތަރުބިއްޔަތު ކުރާނެ ކަމަށް ވެސް ވިދާޅުވި އެވެ.

"އެ ރަށުގައި ކުދިން ތަރުބިއްޔަތުކޮށް، ކުދިންނަށް ދޭން ބޭނުންވާ ދީނީ ތައުލީމާއި އަސާސީ ތައުލީމާއި އުމުރާ ގުޅޭ ތައުލީމާއި ސްކިލް ޑިވެލޮޕްމަންޓާއި އަހުލާގީ ކަންކަމާއި ހަމަ އެއާ އެކު ކޮންޓެކްޓް ސްޕޯޓްސް ވެސް ތައާރަފްކޮށް 18 އަހަރުވަންދެން ވަކި ރަށެއްގައި އެ ކުދިން ގެންގުޅެން،" މިނިސްޓަރު ވިދާޅުވި އެވެ.

"އަށާރަ އަހަރު ވުމަށް ފަހު އެ ކުދިންނަކީ ސިފައިގެން ނުވަތަ ފުލުހުންގެ ހިދުމަތަށް ސީދާ ޖޮއިން ކުރާނެ ކުދިން ކަމުގައި ކަނޑައަޅަން. އެއަށްފަހުގައި ފަސް ވަރަކަށް އަހަރު ހިދުމަތުގައި ތިބެފައި ދެން އެ ކުދިން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ފުރުސަތު ދޭން."

މިނިސްޓަރު ވިދާޅުވީ ރައީސްގެ އެ ސިޔާސަތުގެ ދަށުން އެކަން މިގޮތަށް ކުރެވިއްޖެ ނަމަ، ގޭންގުތަކާ ގުޅޭ ކުޑަކުދިންނާއި މާރާމާރީގައި ބައިވެރިވާ ކުދިންނާއި މަގުމަތީގައި އަޅާނުލެވި ތިބޭ ކުދިންގެ މައްސަލަ އެއްކޮށް ހައްލުވާނެ ކަމަށް ވެސް ވިދާޅުވެފައި އެވެ.