Roadha Mihaaru
ކުށުގައި އުޅޭ ކުދިން އިސްލާހުކުރަން ހާއްސަ ރަށެއް

ކުށުގައި އުޅޭ ކުދިން އިސްލާހު ކުރަން ވަކި ރަށަކަށް ގެންދަނީ

12 މެއި 2024

ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން އިސްލާހު ކުރުމަށް ހާއްސަ ރަށަކަށް ގެންގޮސް ދިގު މުއްދަތަކަށް ރީހެބިލިޓޭޝަން ޕްރޮގްރާމްތަކެއް ހިންގަން ރާވަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ކުށުގެ ވެށީގައި އުޅޭ ކުޑަކުދިން އިސްލާހު ކުރުމަށް ހާއްސަ ރަށަކަށް ގެންގޮސް ދިގު މުއްދަތަކަށް ރީހެބިލިޓޭޝަން ޕްރޮގްރާމްތަކެއް ހިންގަން ރާވަމުން އަންނަ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެ އެވެ.

ހޯމް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިހުސާން ވިދާޅުވީ، ކުށުގެ ވެށީގައި އުޅޭ ކުދިން އިސްލާހު ކުރުމަށް ފަހު އަނބުރާ މުޖްތަމައަށް ގެނައުމަށްޓަކައި ވަކި ހާއްސަ ރަށެއް ކަނޑައަޅައި ސިފައިންނާއި ފުލުހުންނާއި ކަމާ ބެހޭ މިނިސްޓްރީތަކާ ގުޅިގެން އެ ރަށުގައި ކުދިންނަށް ޕްރޮގްރާމެއް ހިންގުމަށް ރާވާފައިވާ ކަމަށެވެ.

އެ ޕްރޮގްރާމްގެ ތެރެއިން ދީނީ ތައުލީމާއި ރަސްމީ ތައުލީމާއި ކުޅިވަރު އަދި ސައިކޯ ސޯޝަލް އިންޓަވެންޝަން ޕްރޮގްރާމްތައް ހިންގާނެ ކަމަށް އިހުސާން ވިދާޅުވި އެވެ.

"އޭގެ ނަތީޖާއަކީ ކުށުގެ މާހައުލުގައި މި ވަގުތު އުޅޭ ކުދިންނަށް ރަނގަޅު މާހައުލެއް ލިބި އެ ކުދިންގެ ހިޔާތަށް އާ އުންމީދެއް ލިބިދިނުން،" މިނިސްޓަރު ވިދާޅުވި އެވެ.

އިހުސާން ވިދާޅުވި ގޮތުގައި އެ ކުދިން ގެންދާ ރަށަށް ކިޔަން ނިންމާފައިވާ ނަމަކީ "ހޯޕް އައިލެންޑް" އެވެ.

އެ ރަށުގައި އެ ކުދިން އުމުރުން 18 އަހަރު ވަންދެން ގެންގުޅުމަށް ފަހު، ފުލުހުންނާއި ސިފައިންގެ ވަޒީފާ އަށް ރަސްމީކޮށް ނަގާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެ އަށް ފަހު، ވަކި މުއްދަތަކަށް އެ ހިދުމަތުގައި އުޅެ، އިވެލުއޭޝަނެއް ހަދައި އެ ކުދިން ދާން ބޭނުންވާ ދާއިރާއަކުން ކުރިޔަށް ދިއުމަށް ފުރުސަތު ދޭނެ ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

"އަށާރަ އަހަރު ވާއިރު އެ ކުދިންނަށް ތައުލީމާއި ތަރުބިއްޔަތާއި ހުނަރު ދަސްކޮށްދޭ ޕްރޮގްރާމްތައް ހިންގާނެ. ހިދުމަތުގައި އުޅެފައި ބޭނުމިއްޔާ ހުނަރަކާއިގެން އެ ކުއްޖަކު ބޭނުންވާ ރޮނގަކުން ކުރިޔަށް ދާން ވެސް ފުރުސަތު އޮންނާނެ،" އޭނާ ވިދާޅުވި އެވެ.

އިހުސާން ވިދާޅުވި ގޮތުގައި އެ ޕްރޮގްރާމްތައް ހިންގާނީ އެފަދަ ގާނޫނީ ބާރުވެރިކަން ލިބިގެންނެވެ.

ކުޑަކުދިންގެ އަދުލުގެ ނިޒާމް ފުރިހަމަ ކުރުމަށްޓަކައި ޖިނާއީ ކުށުގެ ޒިންމާ ނަގަން ޖެހޭ އުމުރު މިހާރު އޮތް 15 އަހަރުގައި އޮތް އޮތުން 12 އަހަރަށް ދަށްކުރުމަށް ނިންމާފައި ވަނީ އެފަދަ ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ގާނޫނީ ބާރުވެރިކަން ހޯދުމަށް ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.

"މީގެ ބޭނުމަކީ ތުއްތު ކުދިން ޖަލަށް ލައިގެން ގެންގުޅުމެއް ނޫން،" އޭނާ ވިދާޅުވި އެވެ.

"އެ އުމުރު ތިރި ކުރުމުގެ ސަބަބުން ގާނޫނީ ގޮތުން އެ ކުދިންނަށް ހިންގަން ޖެހޭ ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމުގެ ބާރު ލިބޭނެ."