Roadha Mihaaru
މަސައްކަތްތެރިންގެ ދުވަހު ރައީސް ދެއްވީ އުންމީދުތަކެއް

މަސައްކަތްތެރިންގެ ދުވަހު ރައީސް ދެއްވީ އުންމީދުތަކެއް

01 މެއި 2024

މަސައްކަތްތެރިންގެ ރެ އާއި ދުވާލުގެ ހިންމަތާ ނުލައި، ރާއްޖޭގެ ކުރިމަގަށްޓަކައި ކުރާ އެއްވެސް އުންމީދެއް ހަގީގަތަކަށް ނުވާނެ ކަމަށް ވިދާޅުވެ، މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އުންމީދުތަކެއް އާ ކޮށްދެއްވައިފި އެވެ.

މަސައްކަތްތެރިންގެ ރެ އާއި ދުވާލުގެ ހިންމަތާ ނުލައި، ރާއްޖޭގެ ކުރިމަގަށްޓަކައި ކުރާ އެއްވެސް އުންމީދެއް ހަގީގަތަކަށް ނުވާނެ ކަމަށް ވިދާޅުވެ، މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އުންމީދުތަކެއް އާ ކޮށްދެއްވައިފި އެވެ.

"ދިވެހިރާއްޖޭގެ ތަރައްގީއަށާއި އެކި ދާއިރާތަކުން ގައުމަށް ލިބެމުންދާ ކުރިއެރުމުގެ އެންމެ ބޮޑެތި ހިއްސާދާރުންނަކީ، އެއްވެސް ޝައްކެއް ނެތް ގޮތުގައި ހީވާގި މަސައްކަތްތެރީންނެވެ. މަސައްކަތްތެރީންގެ ރެޔާދުވާލުގެ ހިންމަތާ ނުލައި، މި ގައުމުގެ ކުރިމަގަށްޓަކައި ކުރާ އެއްވެސް އުންމީދެއް ހަގީގަތަކަށް ނުވާނެ އެވެ،" ދުވަހާ ގުޅިގެން ރައީސް ދެއްވި ހިތާބުގައި ވެ އެވެ.

އެ މަނިކުފާނުގެ ހިތާބުގައި މައިގަނޑު ގޮތެއްގައި ފާހަގަކުރެއްވީ އަމިއްލަ ކުންފުނިތަކާއި މަސްވެރިންނަށް ސަރުކާރުން ދޭންޖެހިފައިވާ ފައިސާ ނުދީ ލަސްވާ މައްސަލަ ހައްލު ކުރުމާއި ސިވިލް ސާވިސް އަދި ސިއްހީ ދާއިރާ ފަދަ މުހިންމު ދާއިރާތަކުގައި ކުރިން އުޅުމަށް ފަހު، މަސައްކަތާ ދުރަށް ޖެހިފައިވާ މީހުން އަލުން ސަރުކާރާ ގުޅުމުގެ ފުރުސަތު ދިނުމާއި ސަރުކާރުގައި މަސައްކަތްކުރާ މީހުންގެ މުސާރަ އާއި އިނާޔަތްތައް ބޮޑުކުރުން އަދި އެ މީހުންނަށް ތައުލީމާއި ތަޖުރިބާ އަދި ބޯހިޔާވަހިކަން ފަހިކޮށްދިނުމެވެ.

ދެން ފާހަގަކުރެއްވީ ދިވެހިންނަށް އަދާކުރެވޭ ވަޒީފާތައް ބިދޭސީންނަށް ދިނުން ހުއްޓުވުމާއި އިގުތިސާދީ އާ ދާއިރާތައް ތައާރަފު ކުރުމެވެ.

ރައީސްގެ ހިތާބުގެ މައިގަނޑު ޕޮއިންޓުތައް:

- ރައީސް ވިދާޅުވީ، ވެރިކަމާ ހަވާލުވެވަޑައިގެންނެވިއިރު، އޮތް އެންމެ ބޮޑު އެއް ނުތަނަވަސްކަމަކީ، އެތައް ކުންފުންޏަކަށާއި އަމިއްލަ މީސްމީހުންނަށް، ސަރުކާރުން ދޭން ޖެހޭ ފައިސާ ނުދީ އޮތުން ކަމަށް. ސަރުކާރުގެ ކުންފުނިތަކުން އަމިއްލަ ފަރާތްތަކަށް ދައްކަން ޖެހޭ 9،000 މިލިއަނަށް ވުރެ ގިނަ ބިލްތަކުގެ ދަރަންޏާއި އެކި މިނިސްޓްރީތަކާއި އޮފީސްތަކުން ދައްކަން ޖެހޭ ވެސް އެތައް ހާސް މިލިއަން ރުފިޔާއެއްގެ ދަރަނި ހުރި ކަމށް ވިދާޅުވި. އޭގެ ނަތީޖާއަކީ އެތައް ކުންފުންޏެއްގެ މުވައްޒަފުންނަށް މުސާރަ ނުދެވި، ހިންގުމުގެ ހަރަދުތައް ނުކުރެވި، ރާއްޖޭގެ އިގުތިސާދު ފުން އަނދަވަޅަކަށް ވެއްޓުން.

ރައީސް ވިދާޅުވި ގޮތުގައި، ސަރުކާރުން މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ، ދައުލަތަށް އާމްދަނީ ލިބެމުންދާ ވަރަކުން މަސައްކަތްތެރި އަމިއްލަ ކުންފުނިތަކަށާއި ފަރުދުންނަށް ދައްކަން ޖެހޭ ބޮޑު ދަރަނި އަދާކުރަމުން ދިއުމަށް. މަސްވެރިންނަށް ސަރުކާރުން ނުދީ ހުރި އެތައް މިލިއަން ރުފިޔާއެއް ދީ، އިގުތިސާދީ ލޭނާރު ހިމާޔަތް ކުރުމަށް ކަމަށް ވިދާޅުވި.

- އުމުރުން 65 އަހަރު ވުމުން ވަޒީފާ އިން މުސްކުޅިކޮށް، ގޭގައި ބަހައްޓާ އުސޫލަށް ބަދަލު ގެނެސް، އުމުރުން 75 އަހަރުވުމާ ހަމައަށް ސަރުކާރުގައި ހިދުމަތް ކުރެވޭނޭ ގޮތް ހަމަޖައްސައިދޭނެ. ސިވިލް ސާވިސްގައި ކުރިން އުޅެފައި މިހާރު ދުރުގައި ތިބި މީހުން އަލުން ސިވިލް ސާވިސް އަށް ނެރޭނެ. ނުކުޅެދުންތެރިކަން ހުންނަ މީހުން މުޖުތަމައުން ބޭރުވިޔަ ނުދީ، އެކަށޭނަ މަސައްކަތްތަކެއް ކުރުމާއި ރަނގަޅު އުޖޫރައެއް ލިބުމުގެ ފުރުސަތު އަންނަނީ ހޯދައި ދެމުން ކަމަށް ރައީސް ވިދާޅުވި.

- ޑޭކެއާ ސެންޓަރުތައް ފަދަ ހިދުމަތްތައް ގާއިމްކޮށް، އާއިލާތަކުގެ ފުދުންތެރިކަން އިތުރުކުރުން ފަސޭހަ ކޮށްދޭނެ.

- ރައީސް ފާހަގަކުރެއްވި ގޮތުގައި ސަރުކާރުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މުސާރަ ބޮޑުކޮށްދީ، އިނާޔަތްތައް އިތުރު ކޮށްދޭން ވަނީ ފަށާފައި. އެއާ އެކު، ތަމްރީނު ވެސް ދޭނެ.

- މަސައްކަތްތަކުގައި ކުރިއަށް ދާން ބޭނުންވާނެ ލުއި ލޯން ސްކީމްތަކާއި އާމްދަނީ ލިބޭނެ ބާޒާރުތައް ހޯދައިދިނުން ވެސް މުހިންމު ކަމަށް ރައީސް ވިދާޅުވި. އެ ކަންކަން ވެސް ސަރުކާރުން މިހާރު ވަނީ ފަށާފައި ކަމަށް އެ މަނިކުފާނު ވިދާޅުވި.

- ދިވެހިންނަށް ނޫނީ ވަޒީފާ އަދާނުކުރެވޭނެ 22 ދާއިރާއެއް ވަނީ ކަނޑައަޅާފައި. ރާއްޖޭގައި ގަވާއިދާ ހިލާފަށް ވަޒީފާ އަދާކޮށް، ވިޔަފާރި ކުރަމުންދާ ބޭރު މީހުންނަށް އެ މަގުތައް ބަންދުކޮށް، އެ މީހުން 48 ގަޑިއިރުގެ ތެރޭގައި ޑީޕޯޓްކުރަން މިހާރު ވަނީ ފަށާފައި ކަމަށް ރައީސް މުއިއްޒު ވިދާޅުވި. އެ މަނިކުފާނު ވިދާޅުވީ، އަޅާނުލައި، ހައްލެއް ނުހޯދައި އެތައް އަހަރެއް ވެފައިވާ މިފަދަ ކަންކަން މުޅިން ހައްލު ކުރެވޭނީ ގިނަ ދުވަހުން، ހުއްޓުމެއް ނެތި ބެލެހެއްޓުމާ އެކު، ގާނޫނު ތަންފީޒުކުރުން ދަމަހައްޓައިގެން ކަމަށް.

- އިގުތިސާދީ ދާއިރާ ފުޅާކޮށް، އާ ބާވަތްތަކުގެ މަސައްކަތްތައް ފަށައި، އާ އިންވެސްޓްމަންޓްތައް ކުރުމަށް ފަސް އަހަރުގެ މި ދައުރުގައި ބޮޑު އިސްކަމެއް ދެއްވާނެ ކަމަށް ވިދާޅުވި. އޭގެ ތެރޭގައި ޓޫރިޒަމް ފުޅާކޮށް، މަސްވެރިކަމާއި ދަނޑުވެރިކަން އިތުރުކޮށް، ޓްރާންޝިޕްމަންޓް ހިދުމަތް ފަދަ ކަންތައްތަކާއި ދަތުރުފަތުރުގެ ހިދުމަތް ހަރުދަނާ ކުރުން ފާހަގަކުރެއްވި. ރައީސް ވިދާޅުވީ، އެ އިން ކޮންމެ ކަމަކު އިތުރު ވަޒީފާތައް އުފެދި، ލިބޭ އާމްދަނީ މަތިވާނެ ކަމަށް.

"އަދި ބޮޑެތި ބޮޑެތި ގައުމުތަކުގެ މިނިވަން ވިޔަފާރީގެ އެއްބަސްވުންތައް ހެދި ތަންފީޒުވާން ފެށުމުންނާއި ސަރުކާރުގެ މިހާރުގެ ސިޔާސަތުތަކާ އެއްގޮތަށް އީ-ވޮލެޓާއި ބައިނަލްއަގުވާމީ މާލީ މުއާމަލާތްތައް ފަސޭހައިން ކުރެވޭނެ ޕޭމަންޓް ގޭޓްވޭގެ ހިދުމަތް ރާއްޖެ އަށް ތައާރަުފުކުރެވުމުން، ދިވެހި އުފެއްދުންތަކަށާއި ހުނަރުތަކަށް ބައިނަލްއަގުވާމީ މާރުކޭޓުތަކުން ފުރުސަތު ލިބި، ދިވެހި މަސައްކަތްތެރީންނަށާއި ހުނަރުވެރީންނަށް ގައުމުގައި ތިބެގެން ބޭރު ފައިސާ އިން ސީދާ އާމްދަނީ ހޯދޭނެ މަގު ފަހިވާނެ އެވެ،" ރައީސްގެ ހިތާބުގައި ވިދާޅުވި އެވެ.

"މިކަންކަން އަވަހަށް ކުރެވޭތޯ ސަރުކާރުން މިދަނީ ހުއްޓުމެއް ނެތި މަސައްކަތް ކުރަމުންނެވެ."

މަސައްކަތްތެރިންގެ ދުވަހުގެ ހިތާބު ރައީސް މުއިއްޒު ނިންމަވައިލެއްވީ އެ ކަންކަން މި ފަސް އަހަރުގެ ތެރޭގައި ކޮށްދެއްވާނެ ކަމުގެ އުންމީދު އާ ކުރައްވަމުންނެވެ. ވިދާޅުވީ، ސަރުކާރުގެ އެ އުންމީދީ މަސައްކަތްތަކާ އެކު، ދިވެހި މަސައްކަތްތެރިންނަށް އޮތީ އުޖާލާ ކުރިމަގެއް ކަމަށެވެ.

"ތިޔާގި ކަމުގެ އެތައް ފުރުސަތެކެވެ. އަޅުގަނޑުގެ އުންމީދަކީ އަދި އަޒުމަކީ މާތްﷲގެ ވާގިފުޅާއި މިންވަރުފުޅާ އެކު، ދިވެހި ކޮންމެ މަސައްކަތްތެރިއަކަށް ފުދުންތެރި، ތަނަވަސް އަދި ފާގަތި ދިރިއުޅުމެއް މި ފަސް އަހަރުގެ ތެރޭގައި ހޯދައިދިނުމެވެ،" ރައީސް ވިދާޅުވި އެވެ.