Roadha Mihaaru
ހުރިހާ ދާއިރާއެއްގެ މުސާރަ ބޮޑުކޮށްދިނުމަށް ގޮވާލައިފި

ސިވިލް ސާވިސްގެ ހުރިހާ ދާއިރާއެއްގެ މުސާރަ ވީހާ ވެސް އަވަހަކަށް ބޮޑުކޮށްދިނުމަށް ގޮވާލައްވައިފި

01 މެއި 2024

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގިނަ ދާއިރާ ތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެދެވޭ މުސާރަ ނުލިބޭތީ ވީހާވެސް އަވަހަކަށް ބޮޑުކޮށް ދިނުމަށް އެ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް މިއަދު ގޮވާލައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) ގިނަ ދާއިރާ ތަކުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އެދެވޭ މުސާރަ ނުލިބޭތީ ވީހާވެސް އަވަހަކަށް ބޮޑުކޮށް ދިނުމަށް އެ ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހް މިއަދު ގޮވާލައިފި އެވެ.

މިއަދު ފާހަގަކުރާ ބައިނަލްއަގްވާމީ މަސައްކަތްތެރިންގެ ދުވަހާއި ރާއްޖޭގެ ސިވިލް ސާވިސް ދުވަހުގެ މުނާސަބަތުގައި ދެއްވި މެސެޖެއްގައި އޭނާ ވިދާޅުވީ މަސައްކަތުގެ އުޖޫރަ މަތިކޮށް އަދި އެ އުޖޫރައިގެ ހަމަހަމަކަން ގާއިމް ކުރުމަށް ސަރުކާރުން ކުރާ މަސައްކަތުގެ ގޮތުން ތައުލީމީ އަދި ސިއްހީ ދާއިރާގެ ފަންނީ ބައެއް މުވައްޒަފުންނަށް މުސާރައިގެ ކުރިއެރުންތަކެއް ދީފައިވާ ކަމަށެވެ.

ނަމަވެސް ސީއެސްސީގެ ގިނަ ދާއިރާތަކުގެ މުވައްޒަފުންގެ މުސާރަ ބޮޑު ނުވާތީ ސީއެސްސީގެ ރައީސް ކަންބޮޑުވުން ފާޅުކުރެއްވި އެވެ.

"ސިވިލް ސާވިސް ގިނަ ދާއިރާތަކެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަދިވެސް އެންމެ އެދެވޭ ގޮތެއްގައި މި ކުރިއެރުން (މުސާރައިގެ ކުރިއެރުން) ލިބިފައި ނުވާކަން ފާހަގަކޮށްލަން ޖެހޭ،" އޭނާ ވިދާޅުވި އެވެ.

އުޖޫރައިގެ ހަމަހަމަކަން ގާއިމް ނުވެ، ހޭދަވާ ކޮންމެ ދުވަހަކީ ސީއެސްސީގެ ދާއިރާތަކަށް ގާބިލް މީހުން ލިބުމުގެ ދަތިކަން ތަހައްމަލް ކުރަންޖެހޭ އަދި ހިދުމަތުގައި މިހާރު ތިބި މުވައްޒަފުންނަށް ނުތަނަވަސްކަމާ ކުރިމަތިލާން ޖެހިފައިވާ ދުވަހެއް ކަމަށް ނާސިހް ވިދާޅުވި އެވެ.

"އެހެން ކަމުން ސިވިލް ސާވިސް ހުރިހާ ފަންތިތަކާއި ގިންތި ތަކެއްގައި ވެސް މަސައްކަތް ކުރައްވާ އެންމެހާ މުވައްޒަފުންނަށް އުޖޫރައިގެ ކުރިއެރުން ލިބިދިނުމާއި ހަމަހަމަކަން ގާއިމް ކުރުމުގެ މަސައްކަތް ވީހާ ވެސް އަވަހަކަށް ނިންމަވައި ދެއްވުމަށް މި ފުރުސަތުގައި ނުހަނު އިހުލާސްތެރިކަމާ އެކު ދަންނަވަން،" އޭނާގެ މެސެޖުގައި ވިދާޅުވި އެވެ.

ނާސިހް ވިދާޅުވިގޮތުގައި، ސިވިލް ސާވިސް މުވައްޒަފުންނަކީ ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމަށް ކުރަން ޖެހޭ ހުރިހާ މަސައްކަތެއް ކުރުމުގައި ހަވާލުވެ ތިބި ބަޔަކަށް ވުމުން، ރައްޔިތުންނަށް ދޭ ހިދުމަތްތަކުގައި ދެފުށް ފެންނަ ގޮތެއް ގެންގުޅެ، މައްސަލަ ހައްލު ކުރުމަށް އިސްކަން ދޭން ޖެހެ އެވެ.

ސަރުކާރުގެ ކޮންމެ އިދާރާއެއްގައި ކަނޑައަޅާފައިވާ ސާވިސް ޗާޓަރުގައި ބުނާ ފެންވަރަށް އަދި މުއްދަތަށް ހިދުމަތް ދިނުމަށް ހުރިހާ ސިވިލް ސާވިސް މުވައްޒަފުންނަށް އޭނާ އިލްތިމާސް ކުރެއްވި އެވެ.