Roadha Mihaaru
ފީފާއިން ކޮންގްރެސް ބަލައިނުގަންނާނެކަމުގެ އިޝާރާތް

އެފްއޭއެމްގެ ކޮންގްރެސް ފީފާއިން ބަލައިނުގަންނާނެކަމުގެ އިޝާރާތް، ވެލެންސިއާގެ ސަސްޕެންޝަން ވެސް ވާނީ ބާތިލް

09 މެއި 2024

ފެބްރުއަރީ މަހު އެފްއޭއެމުން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ފީފާއިން ބަލައި ނުގަންނާނެ ކަމުގެ އިޝާރާތްތަކެއް މިހާރު ވެސް އޮތީ ފެންމަތި ވެފަ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ފެބްރުއަރީ މަހު އެފްއޭއެމުން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ފީފާއިން ބަލައި ނުގަންނާނެ ކަމުގެ އިޝާރާތްތަކެއް މިހާރު ވެސް އޮތީ ފެންމަތި ވެފަ އެވެ.

ފީފާ އާއި އޭއެފްސީގެ މަންދޫބުން ހިމެނޭ ވަފުދެއް، މިދިޔަ މަހު ރާއްޖެ އަށް ޒިޔާރަތްކޮށް ފުޓްބޯޅައިގައި ޝާމިލުވާ އިދާރީ ހިއްސާދާރުންނާ ބައްދަލުކުރި އެވެ. އެއީ؛ އެފްއޭއެމް، ކްލަބްތައް، ސްޕޯޓްސް މިނިސްޓްރީގެ އޮފިޝަލުންނާއި ސްޕޯޓްސް ކޮމިޝަނަރު އަދި އޮލިމްޕިކް ކޮމިޓީ އެވެ.

ކްލަބްތައް ފިޔަވައި، އަނެއް ތިން އިދާރާއާ ފީފާގެ ވަފުދުން ބައްދަލު ކުރީ ވަކިވަކިންނެވެ. ކްލަބްތަކުގެ ބައްދަލުވުން ބޭއްވީ، ސުވާލު އުފެދިފައިވާ ކޮންގްރެސްގައި ބައިވެރި ނުކުރި ކްލަބްތައް އެކުގަ އެވެ.

ފިފާގެ އެ ވަފުދުގެ މައުލޫމާތު އެނގޭ އޮފިޝަލަކު ބުނީ ކޮންގްރެސްއާ ބެހޭގޮތުން ކްލަބްތައް ފާހަގަ ކުރި މައްސަލަތަކަށް ބަލާއިރު، ކޮންގްރެސްއާ މެދު ފީފާއިން އިއުތިރާޒު ކުރާނެކަމުގެ އިޝާރާތްތަކެއް ދީފައިވާ ކަމަށެވެ.

ފެބްރުއަރީ މަހު އެފްއޭއެމުން ބޭއްވި ކޮންގްރެސްގެ ތެރެއިން

ފެބްރުއަރީ މަހު އެފްއޭއެމުން ބޭއްވި ކޮންގްރެސްގެ ތެރެއިން

"ކޮންގްރެސްއާ ބެހޭގޮތުން (ކްލަބްތަކުން) ފާހަގަކޮށްފައި ހުރި ޕްރޮސީޖަރަލް މައްސަލަތަކަށް ކޮންސިޑާކޮށް މި ބޭފުޅުން [ފީފާގެ ވަފުދުން] ވެސް ގަބޫލު ކުރޭ، ކޮންގްރެސް ބާއްވާފައި ވަނީ ރަނގަޅަށް ނޫންކަން،" ފީފާގެ ވަފުދުގެ މައުލޫމާތު އެނގޭ އޮފިޝަލަކު ބުންޏެވެ.

ކޮންގްރެސްގެ ފަހުން ފީފާއިން ނަގާފައިވާ ފިޔަވަޅުތަކަށް ރިއާޔަތް ކުރުމަށް ފަހު ފުޓްބޯޅައިގެ ސީނިއާ އޮފިޝަލަކު ބުނީ ފީފާގެ ނިންމުންތަކުން ކޮންގްރެސް ބަލައިގަނެވެން ނެތްކަން ހާމަވާ ކަމަށެވެ.

"ކޮންގްރެސްއާ ބެހޭގޮތުން ފީފާއިން ދެކޭ ގޮތަކީ ކޮބައިކަމެއް ސާފުކޮށް ހާމައެއް ނުކުރޭ. އަދި އަޅުގަނޑަކަށް ހީއެއް ނުވޭ މި ކޮންގްރެސް ބަލައިނުގަންނާނަމޭ ނޫނީ ބަލައިގަންނަމޭ ވެސް ސީދާ އެހެން ފީފާއިން ބުނާނެހެނެއް،" އޭނާ ބުންޏެވެ.

"އެކަމަކު ކޮންގްރެސް އަލުން ބާއްވަން ފީފާއިން އަންގަފާނެ. އޭގެ އިޝާރާތްތަކެއް ވެސް އެބަ ހުރި މި ކޮންގްރެސްއިން ފާސްކޮށް އިލެކްޓޯރަލް ކޮމިޓީތައް އުފައްދައި އިއުލާން ކުރި އިންތިހާބު ހުއްޓާލަން އެންގާފަ އޮތީމަ. ކޮންގްރެސް ބަލައި ނުގަންނާނެ ނުނީ އަލުން ބާއްވަން އަންގަފާނެ ކަމުގެ އިޝާރާތަކަށް މިކަން ފުދޭ."

ފެބްރުއަރީ މަހު އެފްއޭއެމުން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން: އެ ކޮންގްރެސްގައި ބައިވެރި ނުކުރި ކްލަބްތަކާ އެކު ފީފާގެ ވަފުދުން ހާއްސަ މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ --- ފައިލް ފޮޓޯ: ފަޔާޒު މޫސާ

ފެބްރުއަރީ މަހު އެފްއޭއެމުން ބޭއްވި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްގެ ތެރެއިން: އެ ކޮންގްރެސްގައި ބައިވެރި ނުކުރި ކްލަބްތަކާ އެކު ފީފާގެ ވަފުދުން ހާއްސަ މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ --- ފައިލް ފޮޓޯ: ފަޔާޒު މޫސާ

ކޮންގްރެސް ބަލައި ނުގަންނަން، ފީފާއިން ނިންމައިފިނަމަ، ކޮންގްރެސްއިން ފާސްކޮށް އުފެއްދި އެއްވެސް ކޮމިޓީއެއް ވެސް ސައްހައެއް ނުވާނެ އެވެ. ކްލަބް ވެލެންސިއާގެ ލީޑާޝިޕް ބަދަލުކުރުމުގެ މައްސަލަ ނަގައި އެ ކްލަބް ސަސްޕެންޑް ކުރީ ކޮންގްރެސްއިން ފާސް ކުރި ޑިސިޕްލިނަރީ ކޮމިޓީންނެވެ.

"ކޮންގްރެސް އަލުން ބާއްވަން އަންގާ ހިސާބުން ނުނީ ކޮންގްރެސް އާ މެދު އެހެން ގޮތަކަށް ފީފާއިން ނިންމިއަސް އޮޓޮމެޓިކަލީ ވެލެންސިއާގެ ސަސްޕެންޝަން ބާތިލު ވާނެ. އެއީ ކޮންގްރެސްއިން ފާސް ކުރި ކޮމިޓީ ސައްހަ ނުވާނެތީ. ސައްހަ ނުވާ ކޮމިޓީއަކުން ނިންމި ނިންމުން ވެސް ސައްހަ ނުވާނެ،" ސީނިއާ އޮފިޝަލް ބުންޏެވެ.

ވެލެންސިއާއިން ވަނީ މައްސަލަ އިސްތިއުނާފް ވެސް ކޮށްފަ އެވެ. އެކަމަކު އެ ކޮމިޓީގެ މަސައްކަތެއް ނުހިނގަ އެވެ. އެ ކޮމިޓީއަކީ ވެސް، ސުވާލު އުފެދިފައިވާ ކޮންގްރެސްއިން ފާސްކޮށް އެކުލަވާލީ ކޮމިޓީ އެކެވެ.