Roadha Mihaaru
"ޑޫން"ގެ ޕްރީކުއެލް ސީރީޒެއްގެ ރޯލަކަށް ތާބޫ

"ޑޫން"ގެ ޕްރީކުއެލް ސީރީޒެއްގެ ރޯލަކަށް ތާބޫ ހަމަޖައްސައިފި

14 މެއި 2024

ހޮލީވުޑްގެ ސައިންސް ފިކްޝަން ފިލްމު "ޑޫން"ގެ ޕްރީކުއެލް ސީރީޒް "ޑޫން: ޕްރޮފެސީ"ގެ ރޯލަކަށް ބޮލީވުޑްގެ އެކްޓްރެސް ތާބޫ ހަމަޖައްސައިފި އެވެ.

ހޮލީވުޑްގެ ސައިންސް ފިކްޝަން ފިލްމު "ޑޫން"ގެ ޕްރީކުއެލް ސީރީޒް "ޑޫން: ޕްރޮފެސީ"ގެ ރޯލަކަށް ބޮލީވުޑްގެ އެކްޓްރެސް ތާބޫ ހަމަޖައްސައިފި އެވެ.

މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ ވެރައިޓީ ނޫހުން ވަނީ "ޑޫން: ޕްރޮފެސީ"ގެ ރޯލަކަށް ތާބޫ ހަމަޖެއްސިކަން ކަށަވަރުކޮށްދީފަ އެވެ. އެއީ މެކްސް އިން ގެނެސްދޭ ސީރީޒެކެވެ.

އެ ސީރީޒްގެ މަސައްކަތް ފެށީ 2019 ވަނަ އަހަރު އެވެ. އަދި އެންމެ ފުރަތަމަ ސީރީޒަށް ދިން ނަމަކީ "ޑޫން: ސިސްޓަހުޑް" އެވެ. އެ ސީރީޒް ބިނާކޮށްފައި ވަނީ ބްރަޔަން ހާބަޓް އާއި ކެވިން ޖޭ އެންޑަސަން ލިޔެފައިވާ ވާހަކަ "ސިސްޓަހުޑް އޮފް ޑޫން" އަށެވެ.

ވެރައިޓީން ރިޕޯޓްކުރި ގޮތުގައި، އެ ސީރީޒްގައި ދައްކާނީ "ޑޫން" ފިލްމް ސީރީޒްގައި ހިނގި ކަންތައްތަކުގެ 10،000 އަހަރު ކުރި އެވެ.

"ޑޫން: ޕްރޮފެސީ"ގައި ތާބޫ ކުޅޭނީ ސިސްޓަ ފްރާންސެސްކާ ކިޔާ ކެރެކްޓާއެއްގެ ރޯލެވެ. ތާބޫ އަކީ ބޮލީވުޑްގެ އެންމެ ހުނަރުވެރި އެކްޓަރުންގެ ތެރޭގައި ހިމެނޭ ތަރިއެކެވެ. އޭނާ އަށް ވަނީ އިންޑިއާގެ ގައުމީ ފިލްމު އެވޯޑު ދެ ފަހަރެއްގެ މަތިން ލިބިފަ އެވެ. އަދި ފިލްމުފެއާ އެވޯޑު ހަތް ފަހަރަކު ލިބިފައިވެ އެވެ.

ތާބޫގެ އެންމެފަހުން ނުކުތް ކާމިޔާބު މަސައްކަތްތަކުގެ ތެރޭގައި ފިލްމު "އަންދާދުން" އާއި ބީބީސީގެ މިނީސީރީޒް "އަ ސުއިޓެބަލް ބޯއީ" ހިމެނެ އެވެ. އޭނާގެ ފިލްމަކަށް އެންމެފަހުން ނުކުތީ މިދިޔަ މާޗު މަހު ސިނަމާތަކުގައި އެޅުވި "ކްރޫ" އެވެ. އެ ފިލްމަށް ވަނީ ބޮކްސް އޮފީހުގައި ވެސް ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ.

"ޑޫން: ޕްރޮފެސީ" ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާން ނުކުރެ އެވެ.