Roadha Mihaaru
ދީމާގެ ހިތްވަރާއި ކާމިޔާބަށް ރައީސްގެ ތައުރީފު

ދީމާގެ ހިތްވަރާއި ކާމިޔާބީއަކީ ރާއްޖެ އަށް ބޮޑު ފަހުރެއް: ރައީސް

15 މެއި 2024

ދުނިޔޭގެ އެންމެ ޝަރަފުވެރި ކުޅިވަރު މުބާރާތް، އޮލިމްޕިކްސް އަށް ކޮލިފައިވި ދިވެހި ފުރަތަމަ އެތުލީޓްގެ ޝަރަފު މިއަދު ހޯދި ފާތިމަތު ދީމާ އަލީގެ ހިތްވަރާއި ކާމިޔާބީއަކީ ރާއްޖެ އަށް ވަރަށް ބޮޑު ފަހުރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދުނިޔޭގެ އެންމެ ޝަރަފުވެރި ކުޅިވަރު މުބާރާތް، އޮލިމްޕިކްސް އަށް ކޮލިފައިވި ދިވެހި ފުރަތަމަ އެތުލީޓްގެ ޝަރަފު މިއަދު ހޯދި ފާތިމަތު ދީމާ އަލީގެ ހިތްވަރާއި ކާމިޔާބީއަކީ ރާއްޖެ އަށް ވަރަށް ބޮޑު ފަހުރެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދެކުނު އޭޝިއާގެ ޓޭބަލް ޓެނިސް ކޮލިފައިން ކާމިޔާބުކޮށް ދީމާ ވަނީ، މި އަހަރު ފްރާންސްގައި ބާއްވާ އޮލިމްޕިކްސް އިން ޖާގަ ހޯދައިފަ އެވެ.

ދީމާގެ ކާމިޔާބީ އަށް މަރުހަބާ ވިދާޅުވެ، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ މިއީ ދިވެހި ކުޅިވަރުގައި ވަރަށް ތާރީހީ ވަގުތެއް ކަމަށެވެ.

"ދިވެހި ކުޅިވަރަށް ތާރީހީ ދަނޑިވަޅެއް! އޮލިމްޕިކްސް އަށް ކޮލިފައިވި ދިވެހި ފުރަތަމަ އެތުލީޓްގެ ޝަރފް ހޯދި ފާތިމަތު ދީމާ އަލީ އަށް މަރުހަބާ ދަންނަވަން. ޓޭބަލް ޓެނިހުގައި ތިޔަ ދައްކަމުންދާ ހިތްވަރާއި ހޯދަމުންދާ ކާމިޔާބަށް އަޅުގަނޑުމެންގެ ގައުމު ފަހުރުވެރި ވެއްޖެ،" އެކްސް (ޓްވިޓާ) ގައި ކުރެއްވި ޕޯސްޓުގައި ރައީސް ވިދާޅުވި އެވެ.

ދީމާގެ ޝަރަފުވެރި ކާމިޔާބީ އަށް ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފު ވެސް މިއަދު މަރުހަބާ ދެންނެވި އެވެ.

‏"ގައުމަށް ލިބުނު މި ފަހުރުވެރި ކާމިޔާބީއަކީ ދީމާ އާއި އާއިލާގެ އަދި ޓޭބަލް ޓެނިސް އެސޯސިއޭޝަނާއި މޯލްޑިވްސް އޮލިމްޕިކް ކޮމިޓީން ކުރި މިންނެތް މަސައްކަތުގެ ފޮނި ނަތީޖާ،" ނައިބު ރައީސް އެކްސްގައި ވިދާޅުވި އެވެ.

ނޭޕާލްގެ ވެރިރަށް ކަތަމަންޑޫގައި ބޭއްވި ދެކުނު އޭޝިއާގެ ކޮލިފައިން މުބާރާތުގެ ޗެމްޕިއަންކަން ދީމާ ހޯދީ، ފައިނަލުގައި ސްރީ ލަންކާގެ އެއްވަނަ ކުޅުންތެރިޔާ ބިމަންދީ ބަންޑަރާގެ މައްޗަށް 4-1 ން ކުރި ހޯދައިގެންނެވެ.

އުމުރުން 16 އަހަރުގެ ދީމާ އަކީ އޮލިމްޕިކްސް ކޮލިފައިން މުބާރާތެއްގެ އެއްވަނަ ހޯދައިގެން އެ ގޭމްސް އިން ޖާގަ ހޯދި ރާއްޖޭގެ ފުރަތަމަ އެތުލީޓަށެވެ.