Roadha Mihaaru
ރާއްޖޭގެ ތިމާވެއްޓާ ގުޅޭ ގައުމީ ދިރާސާއެއް ބޭނުންވޭ!

ގެއްލުން ވަނީ ތިމާވެއްޓަށްތޯ ނޫނީ ރައްޔިތުންގެ ކުރިއެރުމަށްތޯ ކަނޑައެޅޭނީ ގައުމީ ދިރާސާތަކުން: ފަނޑިޔާރު

16 މެއި 2024

ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ލިބޭ ގެއްލުމާއި ތަރައްގީގެ މަޝްރޫއުއެއް ހުއްޓުވައިފި ނަމަ ރައްޔިތުންނަށް ލިބޭނެ ގެއްލުން ވަޒަން ކުރުމަކީ ކޯޓުތަކުން ކުރަން ޖެހޭ ކަމެއް ކަމަށާއި ނަމަވެސް އެކަން ކުރެވެން އޮތީ ގައުމީ ފެންވަރުގެ ދިރާސާތައް ދައުލަތުގެ ހުރިހާ ފަރާތެއް ޝާމިލު ވެގެން ކޮށްގެން ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް ލިބޭ ގެއްލުމާއި ތަރައްގީގެ މަޝްރޫއުއެއް ހުއްޓުވައިފި ނަމަ ރައްޔިތުންނަށް ލިބޭނެ ގެއްލުން ވަޒަން ކުރުމަކީ ކޯޓުތަކުން ކުރަން ޖެހޭ ކަމެއް ކަމަށާއި ނަމަވެސް އެކަން ކުރެވެން އޮތީ ގައުމީ ފެންވަރުގެ ދިރާސާތައް ދައުލަތުގެ ހުރިހާ ފަރާތެއް ޝާމިލު ވެގެން ކޮށްގެން ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އިއްޔެ ވިދާޅުވެއްޖެ އެވެ.

ފަނޑިޔާރު ސުއޫދު ވަނީ މުޅި ދައުލަތުގެ ހުރިހާ ފަރާތެއް ޝާމިލުވެގެން ގައުމީ ސްޓްރެޓެޖިކް އެންވަޔަރްމެންޓަލް އެސެސްމެންޓެއް ވީހާ އަވަހަށް އެކުވާލަން ޖެހޭ ކަމަށް ވިދާޅުވެފަ އެވެ.

ތިމާވެއްޓަށް ބޮޑެތި ގެއްލުންތައްވަމުންދާ ކަމަށް ބުނެ ކ. ގުޅިފަޅު ހިއްކުން ހުއްޓުވުމަށް ތިމާވެށީގެ އެކްޓިވިސްޓް ހުމައިދާ އަބްދުލް ޣަފޫރު ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގެ ތެރެއިން އެދުނު ވަގުތީ އަމުރު ހައި ކޯޓުން ނެރެދިނުމުން، އެ އަމުރު ބާތިލް ކުރަން ދައުލަތުން ސުޕްރީމް ކޯޓަށް ދިޔަ އެވެ. އިއްޔެ ސުޕްރީމް ކޯޓުން ހުކުމް ކުރީ ގުޅިފަޅު ހިއްކުން ހުއްޓުވަން ވަގުތީ އަމުރެއް ނެރޭނެ ތަނެއް ނެތް ކަމާއި ހައި ކޯޓުގެ އަމުރު ބާތިލް ކަމަށެވެ.

ސުޕްރީމް ކޯޓުން ހައި ކޯޓުގެ އަމުރު ބާތިލްކުރިއިރު، އެ ކޯޓުން މީގެ ކުރިން ވަނީ ހައި ކޯޓުގެ ހުކުމަށް އަމަލުނުކޮށް، ގުޅިފަޅު މަޝްރޫއު ކުރިއަށް ގެންދެވޭނެ ގޮތަށް ވަގުތީ އަމުރެއް ވެސް ނެރެދީފަ އެވެ. އެ އަމުރުގެ ދަށުން ގުޅިފަޅު ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ނިންމައިފަ އެވެ.

ސުޕްރީމް ކޯޓުގެ ހުކުމްގައި ފަނޑިޔާރު ސުއޫދުގެ ރައުޔުގައި ވިދާޅުވި ގޮތުގައި، ތިމާވެއްޓާއި ގައުމީ ތަރައްގީގެ ލަނޑުދަނޑިތަކަށް ވާސިލް ވުމަށް ކުރާ މަސައްކަތާ ގުޅޭ މިފަދަ ނާޒުކު ނިންމުމެއް ނިންމަން ކޯޓުތަކަށް ބޭނުންވާ ލަފާ ދެވޭނެ ސައިންސްވެރިންނާއި ދިރާސާތައް ރާއްޖެ އިން ލިބެން ހުރި ކަމާ މެދު ސުވާލު އުފެދެ އެވެ.

ރާއްޖޭގައި ބިން ހިއްކުމަށްޓަކައި މިހާތަނަށް ގިނަ މަޝްރޫއުތަކެއް ހިންގާފައި ވާއިރު، އެ މަޝްރޫއުތައް ނިމުމުން އެ މަޝްރޫއުތަކުގެ ސަބަބުން މުރަކަ އާއި އެހެނިހެން ދިރޭތަކެތި ހަލާކުވެފައިވާ ނޫނީ ނެތިގޮސްފައިވާ ވަރު ދަނެގަނެ އަދި ބިން ހިއްކުމުގެ މަޝްރޫއުތަކުގެ މަސައްކަތްތައް ނިންމުމަށް ފަހު ދިރުންތައް އަލުން އާލާވެ، އިޔާދަވޭތޯ އާއި ދިރުން އެނބުރި އަންނަ ނަމަ އެ މުއްދަތު ދިރާސާ ކޮށްފައިނުވާ ކަމަށް ފަނޑިޔާރު ވިދާޅުވި އެވެ.

"..ދިރުން ގެނައުން ހަލުވި ކުރުމަށް ކުރެވިދާނެ ކަންކަން ހުރިތޯ ބަލަން މިހާތަނަށް ދިރާސާއެއް ކޮށްފައި ނެތުމަކީ މިފަދަ ކޯޓު އަމުރެއް ކޯޓުން ނެރުމަށް ހުރަސް އެޅޭ އަނެއް ސަބަބެވެ،" ހުކުމްގައި ވެ އެވެ.

ފަނޑިޔާރު ހުސްނުއްސުއޫދު

ފަނޑިޔާރު ހުސްނުއްސުއޫދު

ފަނޑިޔާރު ސުއޫދު ވިދާޅުވީ ސައިންޓިފިކް ދިރާސާތަކުގެ ނަތީޖާ އާއި މުޅި ރައްޔިތަށް މިފަދަ މަޝްރޫއުތަކުން ލިބޭނެ އިގުތިސާދީ އަދި އިޖުތިމާއީ ފައިދާ އާއި އޭގެ ބޭނުންތެރިކަމާ ބެހޭ ދިރާސާތައް ކޯޓަށް ހުށަހެޅުމަކާ ނުލައި ހަގީގީ އަދި ދާއިމީ ގެއްލުމަކީ ކޮބައި ކަމާއި ބޮޑަށް ގެއްލުން ލިބޭނެ ފަރާތެއް ވަޒަން ކުރުމަކީ ކޯޓުން ކުރެވިދާނެ ކަމެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ.

ފަނޑިޔާރު ސުއޫދު ވިދާޅުވީ:

- މިފަދަ މައްސަލަތައް ކުރިއަށް އޮތް ތަނުގައި ތަކުރާރު ނުވާނެ ގޮތަކަށް ދައުލަތުގެ ސިޔާސަތު އެކަށައަޅައި އެ ސިޔާސަތުތައް ތަންފީޒު ކުރަންޖެހޭ.

- މުޅި ދައުލަތުގެ ހުރިހާ ފަރާތެއް ޝާމިލުވެގެން ގައުމީ ސްޓްރެޓެޖިކް އެންވަޔަރްމެންޓަލް އެސެސްމެމންޓެއް ވީހާ އަވަހަކަށް އެކުވައިލަންޖެހޭ

- މިފަދަ އެސެސްމެންޓެއްގެ ބޭނުމަކީ މުޅި ދައުލަތުގެ ސަރަހައްދުގައިވާ އެންމެހައި ބިންތަކާއި ފަޅުތަކާއި ދިރުންތައް ދިރާސާކޮށް، ކުރިމަގުގެ ޖީލުތަކަށް ދެމިއޮންނާނެ ގޮތަކަށް ހިޔާމަތް ކުރަންޖެހޭ ތަންތަން ފާހަގަކޮށް ކަނޑައެޅުން އަދި ގައުމުގެ ތަރައްގީއަށްޓަކައި ބިން ހިއްކާނެ ތަންތަނާއި ތިމާވެއްޓަށް އަސަރު ކުރާނެ ގޮތަށް ދައުލަތުން ހިންގާނެ މައި މަޝްރޫއުތައް ހިންގާނެ ތަންތަން ކަނޑައެެޅުން.

ފަނޑިޔާރު ސުއޫދު ވިދާޅުވިގޮތުގައި އެ ނޫން ގޮތަކަށް މައްސަލަ ހައްލު ކުރެވިދާނެ ކަމަށް ގަބޫލެއް ނުކުރެވެ އެވެ. އަދި މިފަދަ ގައުމީ އެސެސްމެންޓެއް ހަދައި ތަންފީޒު ކުރުމަކީ ގާނޫނުއަސާސީގެ 20 ވަނަ މާއްދާ އަށް ދިރުން ދިނުމަށްޓަކައި ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

ފަނޑިޔާރު ސުއޫދު ވިދާޅުވީ އެކަންކަން ކުރުމަށްޓަކައި އެންވަޔަރުމެންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) މާލީ ގޮތުންނާއި ވަސީލަތްތަކުގެ ގޮތުން ވާޖިބު އަދާކުރެވޭ ވަރަށް ފުދުންތެރިކުރުމަކީ އަދި އެތަނަށް ބޭނުންވާ ގާނޫނީ މިނިވަންކަމާއި ބާރު ދިނުމަކީ ދައުލަތުން ކުރަންޖެހޭ ކަމެއް ކަމަށެވެ. އެ ތަނަނަށް ބޭނުންވާ ގާނޫނީ މިނިވަންކަމާއި ބާރު ދިނުމަކީ ވެސް ކުރަން ޖެހޭ ކަމެއް ކަމަށް ވިދާޅުވި އެވެ.

"..މިގޮތުން، ދައުލަތުން ނަގާ ގްރީން ޓެކްސް މި އެޖެންސީ ރިސޯސްފުލް ކުރުމަށް ބޭނުން ކުރަން ޖެހޭ ކަމަށް ވެސް ދެކެމެވެ،" ހުކުމްގައި ވެ އެވެ.

ސުއޫދު ވިދާޅުވީ ބިން ހިއްކުން ފަދަ މަޝްރޫއުތަކުގެ އެއްބަސްވުންތައް ދައުލަތުން ހަދާއިރު މަޝްރޫއުގެ މަސައްކަތް ތަންފީޒު ކުރުމުގެ ތެރޭގައި ތިމާވެއްޓަށް ގެއްލުން ވަމުންދާކަން ކަމާބެހޭ ފަރާތަށް ފެނިގެން އެ ޕްރޮޖެކްޓް ހުއްޓުވައިފި ނަމަ އެފަދަ ހާލަތްތަކުގައި ކޮންޓްރެކްޓަށް ބަދަލު ދޭން ނުޖެހޭނެ ކަމަށް ހިމަނަން ޖެހޭނެ ކަމަށެވެ.

ތިމާވެއްޓަށް ގެއްލުން ލިބޭ ފަދަ ހާލަތްތަކުގައި މަސައްކަތް ހަވާލުކުރާ ފަރާތާއި ތިމާވެއްޓާ ބެހޭ އިދާރާތަކަށް އެއްބާރުލުން ދިނުން ކޮންޓްރެކްޓަރުގެ މައްޗަށް ލާޒިމް ކުރާ މާއްދާއެއް އެއްބަސްވުންތަކުގައި ހިމެނުން ދައުލަތަށް ލާޒިމްވާ ކަމަށް ވެސް ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ.