Roadha Mihaaru
ގުޅިފަޅު ހިއްކުން ހުއްޓުވަން ނެރުނު އަމުރު ބާތިލްކޮށްފި

ގުޅިފަޅު ހިއްކުން ހުއްޓުވަން ނެރުނު އަމުރު ސުޕްރީމް ކޯޓުން ބާތިލްކޮށްފި

15 މެއި 2024

ކ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް މަޑުޖައްސާލަން ހައި ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކ. ގުޅިފަޅު ހިއްކުމުގެ މަޝްރޫއުގެ މަސައްކަތްތައް މަޑުޖައްސާލަން ހައި ކޯޓުން ނެރުނު އަމުރު ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އަމިއްލަ ފަރާތަކުން ހުށަހެޅި މައްސަލާގައި ހައި ކޯޓުން ނިންމީ އެ މައްސަލާގައި ވަގުތީ އަމުރެއް ނުނެރެފި ނަމަ ތިމާވެށި ހަލާކުވުމުގެ ސަބަބުން މައްސަލަ ހުށަހެޅި ފަރާތާއި އާންމުންނާއި އަންނަން އޮތް ޖީލުތަކަށް އިއާދަ ނުކުރެވޭނެ ގެއްލުންތަކެއް ލިބިދާނެ ކަމަށެވެ.

އެ މަޝްރޫއު ހުއްޓާލުމުގެ ސަބަބުން ދައުލަތަށް ލިބޭނެ ކަމަށް ބެލެވޭ މާލީ ގެއްލުންތަކަށް ވުރެ މަޝްރޫއު ކުރިއަށް ގެންގޮސްފި ނަމަ ތިމާވެށްޓަށް ލިބިދާނެ ކަމަށް ބެލެވޭ ގެއްލުންތައް މާ ބޮޑު ކަމަށް ބުނެ ހައި ކޯޓުން އެކަން ހުއްޓުވި އެވެ. ނަމަވެސް، މަޝްރޫއު ހުއްޓާލުމުން ދައުލަތަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބެމުންދާ ކަމަށް ބުނެ ބަންޑާރަ ނައިބުގެ ފަރާތުން ސުޕްރީމް ކޯޓުގައި މައްސަލަ އިސްތިއުނާފުކުރި އެވެ.

އެ މައްސަލާގައި ސުޕްރީމް ކޯޓުން މިއަދު އިއްވި ހުކުމްގައި ބުނީ، ހައި ކޯޓުން ގުޅިފަޅު ހިއްކުން ހުއްޓުވަން ވަގުތީ އަމުރު ނެރެފައި އޮތީ އެފަދަ އަމުރުތައް ނެރުމަށް ސުޕްރީމް ކޯޓުން ކަނޑައަޅާފައިވާ އުސޫލާ ހިލާފަށް ކަމަށެވެ. އެހެންވެ، އެ އެ އަމުރު ބާތިލްކުރާ ކަމަށް ހުކުމްގައިވެ އެވެ.

ސުޕްރީމް ކޯޓުން ބުނީ މައްސަލަ ހުށަހެޅި ފަރާތް އެދޭ ގޮތަށް ގުޅިފަޅު ހިއްކުން ހުއްޓުވައިފި ނަމަ ދައުލަތަށް ބޮޑެތި މާލީ ގެއްލުންތަކެއް ލިބޭނެ ކަމަށެވެ. އެއީ އެ މަސައްކަތް ކުރާ ކުންފުންޏާ އެކު ދައުލަތުން ވެފައިވާ އެއްބަސްވެފައިވާ ގޮތުން މަޝްރޫއު ހުއްޓާލައިފި ނަމަ އައިޑަލް ޗާޖަސްގެ ގޮތުގައި ގަޑިއިރަކަށް 15،300 ޔޫރޯ ދައްކަން ޖެހޭތީ ކަމަށް ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ހުކުމުގައި ވެ އެވެ. އެހެންކަމުން ދައުލަތުން އެ ކުންފުންޏަށް ދޭން ޖެހޭ ފައިސާގެ އަދަދު ބޮޑުވެ، ދައުލަތަށް ފޫނުބެެއްދޭވަރުގެ ގެއްލުމެއް ލިބިދާނެ ކަމަށް ވެސް ސުޕްރީމް ކޯޓުން ބުންޏެވެވެ.

މި މަޝްރޫއާ ގުޅިގެން ތިމާވެއްޓަށް ލިބޭ ގެއްލުންތަކަކީ ދާއިމީ ގެއްލުންތަކެއް ކަން މައްސަލަ ހުށަހެޅި ތިމަވެށީގެ އެކްޓިވިސްޓް ހުމައިދާ އަބްދުލްގަފޫރުގެ ބަހުން ސާފު ނުވާ ކަމަށް ވެސް ހުކުމްގައިވެ އެވެ.

ސުޕްރީމް ކޯޓުން ހައި ކޯޓުގެ އަމުރު ބާތިލްކުރިއިރު، އެ ކޯޓުން މީގެ ކުރިން ވަނީ ހައި ކޯޓުގެ ހުކުމަށް އަމަލުނުކޮށް، ގުޅިފަޅު މަޝްރޫއު ކުރިއަށް ގެންދެވޭނެ ގޮތަށް ވަގުތީ އަމުރެއް ވެސް ނެރެދީފަ އެވެ. އެ އަމުރުގެ ދަށުން ގުޅިފަޅު ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ނިންމައިފަ އެވެ.

އެ މަސައްކަތް ނެދަލެންޑްސްގެ ބޮސްކާލިސް ކުންފުންޏާ ހަވާލުކުރީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އޮކްޓޯބަރު 17، 2019 ގަ އެވެ. އެއީ ދެ ބިލިއަން ރުފިޔާއަށް 65 ހެކްޓަރު ހިއްކާށެވެ. ނަމަވެސް، ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ގުޅިފަޅަށް އިތުރު 85 ހެކްޓަރު އިތުރުކޮށް، ދެ ވަނަ ފިޔަވަހިން 150 ހެކްޓަރު ހިއްކަން ނިންމަވައިފަ އެވެ. އެ ތަން ހިއްކުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ގެންދެ އެވެ.