Roadha Mihaaru
ބޮޑު ޗުއްޓީގެ ބޮޑު ބަދަލު ބެލެނިވެރިން ބޭނުންވި ގޮތަށް

ބޮޑު ޗުއްޓީގެ ބޮޑު ބަދަލު ބެލެނިވެރިން ބޭނުންވި ގޮތަށް!

19 މެއި 2024

ކުރީ ސަރުކާރުގައި ތިއްބެވި ތައުލީމީ ދާއިރާގެ ބޭފުޅުން އޭރު ވިދާޅުވަމުން ގެންދެވީ ކޮވިޑާއެކު ޗުއްޓީ ޖޫން/ޖުލައި އަށް ބަދަލުކުރަން ނިންމީ ދިރާސާގައި ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ. އަދި އެކަމަށް ހެދި ދިރާސާގައި ބައިވެރިވި ގިނަ ބެލެނިވެރިންގެ އިއްތިފާގުން ވެސް ކަމަށެވެ. އެކަމަކު، ސްކޫލްތަކުގެ ބޮޑު ޗުއްޓީ އަށް ކުރީ ސަރުކާރުން ގެނައި ބަދަލަށް އޭރު ވެސް އާންމުން ދިޔައީ ފާޑުކިޔަމުންނެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ކުރީ ސަރުކާރުގައި ތިއްބެވި ތައުލީމީ ދާއިރާގެ ބޭފުޅުން އޭރު ވިދާޅުވަމުން ގެންދެވީ ކޮވިޑާއެކު ޗުއްޓީ ޖޫން/ޖުލައި އަށް ބަދަލުކުރަން ނިންމީ ދިރާސާގައި ވަރަށް ގިނަ ބައެއްގެ އެދުމުގެ މަތިން ކަމަށެވެ. އަދި އެކަމަށް ހެދި ދިރާސާގައި ބައިވެރިވި ގިނަ ބެލެނިވެރިންގެ އިއްތިފާގުން ވެސް ކަމަށެވެ. އެކަމަކު، ސްކޫލްތަކުގެ ބޮޑު ޗުއްޓީ އަށް ކުރީ ސަރުކާރުން ގެނައި ބަދަލަށް އޭރު ވެސް އާންމުން ދިޔައީ ފާޑުކިޔަމުންނެވެ.

ބޮޑު ޗުއްޓީ އަހަރުގެ މެދަށް ބަދަލުކުރުމުން އެ ދުވަސްވަރު ދިމާވަނީ ހުޅަނގު މޫސުމުގެ ވިއްސާރަ ދުވަސްވަރާ ކަމަށާއި އޭގެ ސަބަބުން ދަތުރުފަތުރުކުރުމަށް ދަތިވެ، ބެލެނިވެރިންނާއި ދަރިވަރުންނަށް ޗުއްޓީ ރަނގަޅަށް ހޭދަކުރަން ދަތިވާ ކަމަށް އޭރު ގިނަ ބަޔަކު ދިޔައީ ބުނަމުންނެވެ.

މިދިޔަ ރިޔާސީ އިންތިހާބުގެ ކެމްޕޭނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ހުރިހާ ރަށަކަށް ކަހަލަ ގޮތަކަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން ވެސް، އެންމެ ގިނަ ބައެއްގެ ފަރާތުން އެދުނީ ދިރާސީ އާ އަހަރު ފަށާ ދުވަސްވަރު ކުރިން އޮތް ގޮތަށް ބަދަލުކޮށްދިނުމަށެވެ. އެހެންވެ ރައީސް، ތައުލީމީ ދާއިރާއަށްވެ ވަޑައިގަތް އެންމެ މުހިންމު އެއް ވައުދަކަށްވީ އެމަނިކުފާނުގެ ފުރަތަމަ 100 ދުވަސް ތެރޭ ބޮޑު ޗުއްޓީ އަލުން ޑިސެމްބަރު މަހު ލިބޭ ގޮތަށް ބަދަލުކުރެއްވުމެވެ.

ކެބިނެޓް ބައްދަލުވުމުގައި މިނިސްޓަރުން ބައިވެރިވަނީ.-- ފޮޓޯ: ރައީސް އޮފީސް

ކެބިނެޓް ބައްދަލުވުމުގައި މިނިސްޓަރުން ބައިވެރިވަނީ.-- ފޮޓޯ: ރައީސް އޮފީސް

މިދިޔަ އަހަރު ނޮވެމްބަރު 17ގައި ރައީސް ހުވާ ކުރައްވައި، މި ސަރުކާރު ވެރިކަމާ ހަވާލުވެ ތައުލީމީ ދާއިރާއަށްވީ ވައުދުތަކުގެ ތެރެއިން އެންމެ ފުރަތަމަ ފުއްދެވި ވައުދަކީ ވެސް ޗުއްޓީ ބަދަލު ކުރުމުގެ ވައުދެވެ. ދިރާސީ އާ އަހަރު ފެށުން ކުރިން އޮތް ގޮތަށް ޖެނުއަރީއަށް ބަދަލުކުރާނީ 2026 ވަނަ އަހަރު ކަމަށާއި އަންނަ އަހަރު ޑިސެމްބަރުގައި ކުރިއެކޭ އެއްގޮތަށް ޑިސެމްބަރު މަހު ޗުއްޓީ ލިބޭނެކަން މިދިޔަ ޖެނުއަރީ މަހު އިއުލާން ކުރި އެވެ.

އެ ނިންމުމާއެކު އޭރު އެކުލަވާލާފައި އޮތް އެކަޑަމިކް ކަލަންޑަރަށް ބަދަލު ގެންނަން ޖެހުނެވެ. އެއީ ކުއްލިއަކަށް އަހަރު ބަދަލުނުކޮށް، ތައުލީމީ އާ އަހަރު ފަށާ ދުވަސްވަރު ފަސް ސެމިސްޓާއަކަށް ބަހާލައިގެން ގެންނަ ކުދި ބަދަލުތަކުން ބަދަލު ކުރާ ގޮތަށް ހެދުމެވެ.

މިނިސްޓްރީން ފުރަތަމަ އާންމުކުރި ޑްރާފްޓް އެކަޑަމިކް ކަލަންޑަރުގައިވާ ގޮތުން، އާ ދިރާސީ އަހަރުގެ ކިޔެވުން ނިންމައި ޗުއްޓީ ލިބޭނީ އަންނަ އަހަރުގެ ފެބްރުއަރީ 23 އިން މާޗް 6 އަށެވެ. އަދި 2025 ވަނަ އަހަރުގެ ކިޔެވުން ފެށޭނެ ކަމަށް އޭރު ކަލަންޑަރުގައި ވަނީ މާޗް 9 އެވެ.

ނަމަވެސް ފަހުން މިނިސްޓްރީން ސްކޫލުތަކަށް ފޮނުވި "ފައިނަލް" ކަލަންޑަރުގައިވާ ގޮތުން މި މަހު 26ގައި ފަށާ ދިރާސީ އަހަރުގެ ފުރަތަމަ ޓާމް ނިމޭނީ ސެޕްޓެމްބަރު 26ގަ އެވެ. ފުރަތަމަ ޓާމް ޗުއްޓީ ލިބޭނެ ކަމަށް މިހާރު އޮތީ ސެޕްޓެމްބަރު 29 އިން އޮކްޓޫބަރު 3 އަށެވެ.

ކެބިނެޓް ބައްދަލުވުމެއްގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ބައިވެރިވަނީ.-- ފޮޓޯ: ރައީސް އޮފީސް

ކެބިނެޓް ބައްދަލުވުމެއްގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ބައިވެރިވަނީ.-- ފޮޓޯ: ރައީސް އޮފީސް

އެ ބަދަލު ގެނައި ސަބަބެއް ކަމަށް އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު ވިދާޅުވީ ޗުއްޓީގެ ތާރީހުތައް އެންމެ ފުރަތަމަ ކަނޑައެޅިއިރު، މެނިފެސްޓޯގައި އޮތް ނަމަވެސް ރޯދަމަހުގެ ފަހު ދިހައެއް ބަންދުކުރާ ގޮތަށް ރައީސް އޭރު ނުނިންމަވާތީ ކަމަށެވެ. ކޮންމެ އަހަރެއްގެ ފަހު 10 ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި ރައީސް މިހާރު ވަނީ ކަނޑައަޅުއްވައިފަ އެވެ.

އެއާއެކު އެކަޑަމިކް ކަލަންޑަރަށް ގެނައި ބަދަލަކީ ކިޔެވުން ފަށައި އެއް ހަފްތާއަށްފަހު، ފަހު ދިހައިގެ ޗުއްޓީއަށް ދިއުމަށް ވުރެ އެ ގޮތް ރަނގަޅު ކަމަށް ފެންނާތީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ދިރާސީ އަހަރު ކުރިން ބަދަލުކުރީ ގިނަ މީހުން ބޭނުންވި ގޮތާ ދެކޮޅަށް!

ދިރާސީ އަހަރު ފަށާ ދުވަސްވަރު ބަދަލުކުރަން ކުރީގެ ސަރުކާރުން ހެދި ދިރާސާގައި 30،000 މީހުން ބައިވެރިވި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ބުނެފަ އެވެ. އެކަމަކު ދިރާސީ އަހަރަށް ބަދަލު ގެނައީ އެ ދިރާސާގައި ބައިވެރިވި ގިނަ މީހުން ބޭނުންވި ގޮތާ ދެކޮޅަށް ކަމަށް މިނިސްޓަރު ވެސް ވަނީ ވިދާޅުވެފަ އެވެ.

އެ ބަދަލާ މެދު ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން، އޭރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެފައި ވަނީ ދިރާސީ އާ އަހަރު ބަދަލުކުރީ ވަރަށް ގިނަ ބައެއްގެ މަޝްވަރާއަށްފަހު ކަމަށާއި އެކަމަށް ގިނަ ބަޔަކު ތާއީދުކުރި ކަމަށެވެ. އެކަމަކު މިހާރުގެ މިނިސްޓަރު މިނިސްޓަރު ޑރ. އިސްމާއިލް މަގާމާ ހަވާލުވެވަޑައިގެން ވެސް ވިދާޅުވީ، ދިރާސީ އަހަރު ބަދަލުކުރީ އެކަށީގެންވާ ދިރާސާއެއް ނުކޮށް ކަމަށެވެ.

އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެކަމުގެ މައުލޫމާތު އެންމެ ރަނގަޅަަށް ލިބިވަޑައިގެންނެވި ނަމަ ދިރާސީ އަހަރަށް ބަދަލު ނުގެންނަވާނެ ކަމަށް ވެސް ޝަފީއު ވިދާޅުވި އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދެކަނބަލުންނާއި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު.-- ފޮޓޯ: ރައީސް އޮފީސް

"މި މައުލޫމާތެއް ނެތް ކެބިނެޓަށް ގޮސްފައެއް. މި މައުލޫމާތު ރައީސަށް ލިބިވަޑައިގެން ކަމަށްވާ ނަމަ، ރައީސް މި ބަދަލު ގެންނަވާނެ ކަމަކަށް އަޅުގަނޑަކަށެއް ގަބޫލެއް ނުކުރެވޭ. ރައްޔިތުންގެ މުޅި ވިންދާއި ރޫހު އޮތީ ހަމަ ކުރިން އޮތް ގޮތަށް ބާއްވަން. ޖެނުއަރީގައި ފައްޓާ ގޮތަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ދިރާސީ އަހަރު ބަދަލުކުރުމަށް ކުރިން ހެދި ދިރާސާގައި 30،091 މީހުން ބައިވެރިވި ކަމަށެވެ. އޭގެ ތެރެއިން 20،000 އަށްވުރެ މީހުން ތާއިދުކޮށްފައިވަނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ޖެނުއަރީގައި ދިރާސީ އަހަރު ފެށުމަށެވެ.

"މި ޑޭޓާތަކުގައި އެބަހުރި 10 ކެޓަގަރީއެއް. ހުރިހާ ކެޓަގަރީއެއް ގޮތަށް މި ހުރީ ޖެނުއަރީގައި ބޭއްވުމަށް [ދިރާސީ އަހަރު ފެށުމަށް]. 30،091 މީހުންގެ ރެސްޕޮންސް އެއަށް ދީފައި ވާއިރު 20،445 ރައްޔިތުން ވިދާޅުވެފައި ވަނީ ޖެނުއަރީގައި ބޭއްވުމަށް. ބެލެނިވެރިން، ދަރިވަރުން، ޓީޗަރުން ކެޓަގަރީގެ ހުރިހާ ކެޓަގަރީއެއްގައި ވެސް، ހުރިހާ ކެޓަގަރީއެއް އިނގޭތޯ، ބުނެފައި މި ވަނީ ޖެނުއަރީގައި ބެއްވުމަށޭ ބޭނުންވަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

"ދަރިވަރުންގެ ހުރިހާ ކަމެއް ބަލަހައްޓައި، ދަރިވަރުންގެ ބެލެނިވެރިކަމުގެ ޒިންމާ އެންމެ ބޮޑަށް ބަލަހައްޓަމުން ގެންދަނީ އަންހެން ބޭފުޅުން، އެ ބޭފުޅުންގެ އިހުސާސް ހުރީ ކިހިނަކުންތޯ ބަލާލާއިރު ސާވޭގައި ބައިވެރިވީ 21،786 އަންހެން ބޭފުޅުންގެ ތެރެއިން 15،820 އެއީ 71.24 ޕަސެންޓް އަންހެން ބޭފުޅުން ވެސް ބޭނުންވާ ކަމަށް ނިންމާފައި ވަނީ ބޭނުންވަނީ ޖެނުއަރީގައި ކަމަށް."

މިނިސްޓަރުގެ ވިސްނުމަކީ ދިރާސީ އަހަރު ގާނޫނުގައި ކަނޑައެޅުން

ވެރިކަމަށް އަންނަ ކޮންމެ ބަޔަކު ބޭނުންވާއިރަށް ދިރާސީ އަހަރަށް ބަދަލު ނުގެނެވޭ ގޮތަށް، ދިރާސީ އަހަރު ތައުލީމުގެ ގާނޫނުގައި ކަނޑައެޅުމުގެ ވިސްނުން ގެންގުޅުއްވާ ކަމަށް މިނިސްޓަރު ކުރިން "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވަނީ ވިދާޅުވެފަ އެވެ.

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަނީ.--

އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު "މިހާރު" އަށް ދެއްވި އިންޓަވިއުއެއްގައި ވާހަކަ ދައްކަވަނީ.--

ރާއްޖޭގައި ކުރިން ދިރާސީ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ޖެނުއަރީގައި ނަމަވެސް ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ސްކޫލަށް ކުދިން ގޮސްގެން ކިޔެވުން މެދުކެނޑި ކިޔެވުމަށް އައި ބަދަލުތަކާ ގުޅިގެން ކިޔެވުން ހަ މަސް ދުވަހަށް ދަންމާލައި ދިރާސީ އާ އަހަރު އޮގަސްޓުގައި ފަށާ ގޮތަށް 2021 ގައި ބަދަލުކުރީ އެވެ.

ދިރާސީ އާ އަހަރަށް ގެންނަ ބަދަލުތަކާ ގުޅޭގޮތުން، "މިހާރު" އަށް މީގެ ކުރިން ދެއްވި އިންޓަވިއުގައި، ދިރާސީ އަހަރު ސިޔާސީ ކަމަކަށް ހަދައި، ކޮންމެ ވެރިކަމެއްގައި ފަސޭހައިން ބަދަލު ނުކުރެވޭ ގޮތަށް ހެދުމުގެ ވިސްނުން މިނިސްޓްރީން ގެންގުޅޭތޯ ސުވާލު ކުރުމުން އެޑިޔުކޭޝަން މިނިސްޓަރު ވިދާޅުވީ މި ސަރުކާރުން ތައުލީމީ ގާނޫނަށް ބަދަލުތަކެއް ގެންނާނެ ކަމަށެވެ.

"ތައުލީމާ ބެހޭ ގާނޫނަށް ހުށަހަޅާ އިސްލާހުގެ ތެރޭގައި މިއީ [ދިރާސީ އަހަރު ބަދަލު ކުރުމަކީ] ކުޅެވޭ ކުޅިވަރެއްގެ ގޮތުގައި ނުބޭއްވުމަށްޓަކައި، ރާއްޖޭގެ އެކަޑަމިކް އިޔާ އަކީ އެއްގޮތަށް އޮންނަ ދުވަސްތަކެއްގެ ގޮތުގައި ތައުލީމީ ގާނޫނު އިރާދު ކުރެއްވިއްޔާ ލިޔާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

"އޭރުން އަޅުގަނޑަށް ގަބޫލު ކުރެވެނީ އެ ބަދަލުތައް ގެނައުމަށް އުނދަގޫ ވާނޭ، ބަދަލު ގެންނަން."

ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށަކަށް ކުރެއްވި ދަތުރުފުޅުގައި ކުޑަކުދިންތަކަކާ ސަލާމް ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

ރައީސް ޑރ. މުހައްމަދު މުއިއްޒު ރަށަކަށް ކުރެއްވި ދަތުރުފުޅުގައި ކުޑަކުދިންތަކަކާ ސަލާމް ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

މި ދުވަސްވަރަކީ އޮގަސްޓް 8، 2023ގައި ފެށި 2023-2024ގެ ދިރާސީ އާ އަހަރު ބޮޑު ޗުއްޓީ ދުވަސްވަރެވެ. މި މަހު 26ގައި ފަށާ ދިރާސީ އަހަރުގެ ކިޔެވުން ނިމޭނީ އަންނަ އަހަރު މާޗް 6ގަ އެވެ.