Roadha Mihaaru
ފަގީރުންގެ ދަފުތަރުގައި ރަޖިސްޓަރީވާން ހުޅުވާލަނީ

އާ އުސޫލުގެ ދަށުން ފަގީރުންގެ ދަފުތަރުގައި ރަޖިސްޓަރީވާން ހުޅުވާލަނީ

16 މެއި 2024

މޯލްޑިވްސް ޒަކާތު ހައުސް އިން އެކުލަވާލާފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުކުރުމުގެ އާ އުސޫލުގެ ދަށުން، އެ ދަފުތަރުގައި އަލަށް ރަޖިސްޓަރީކުރަން ބޭނުންވާ މީހުންނަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން ނިންމައިފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

މޯލްޑިވްސް ޒަކާތު ހައުސް އިން އެކުލަވާލާފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފުތަރުކުރުމުގެ އާ އުސޫލުގެ ދަށުން، އެ ދަފުތަރުގައި އަލަށް ރަޖިސްޓަރީކުރަން ބޭނުންވާ މީހުންނަށް ފޯމު ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަން ނިންމައިފި އެވެ.

ފަގީރުންނާއި މިސްކީނުންގެ ދަފުތަރުކުރުމުގެ އާ އުސޫލެއް އެކުލަވާލައި އާންމުކުރީ މި މަހު އަށެއްގަ އެވެ.

ޒަކާތު ހައުސް އިން ކުރި އިއުލާނެއްގައި ބުނީ މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ އިން ފަގީރުންގެ ދަފުތަރުގައި އަލަށް ރަޖިސްޓަރީކުރަން ބޭނުންވާ މީހުންނަށް އަންނަ އާދިއްތަ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން ކޮންމެ ދުވަހެއްގެ ހެނދުނު 9:00 އިން މެންދުރު 12:00 އާ ހަމައަށް ފުރުސަތު ހުޅުވާލާނެ ކަމަށެވެ.

މި އަހަރު ފިތުރު ޒަކާތުގެ ފައިސާ ލިބިފައިވާ މީހުންގެ ތެރެއިން، ހާލަތު ބަދަލުވުމުގެ ސަބަބުން ދަފުތަރުން އުނިވެފައިވާކަން އަންގާފައި ނުވާ މީހުންނަކީ މި ވަގުތު ފަގީރުންގެ ދަފުތަރުގައި ހިމެނޭ މީހުން ކަމަށް ވާތީ، އެ މީހުން ދަފުތަރުގައި އަލުން ރަޖިސްޓަރީވާން ފޯމު ހުށަހަޅަން ނުޖެހޭ ކަމަށް އެ އިއުލާނުގައި ބުންޏެވެ.

ފަގީރުންގެ ދަފުތަރުގައި ރަޖިސްޓަރީވުމަށް އެދޭ ފޯމު ޒަކާތު ހައުސްގެ ވެބްސައިޓް www.zakathouse.gov.mv އިން ޑައުންލޯޑް ކުރެވޭނެ އެވެ.

އެ ފޯމު ބަލައިގަންނާނީ ޒަކާތު ހައުސްގެ އޮފީސް ކައުންޓަރުން ކަމަށް އެ އިއުލާނުގައި ބުންޏެވެ.

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި މިހާރު 8،000 އެއްހާ މީހުން ތިބެ އެވެ.

ޒަކާތުގެ ކަންކަން ބެލެހެއްޓުމަށް މި ސަރުކާރުން އުފައްދާފައިވާ އާ އިދާރާ މޯލްޑިވްސް ޒަކާތު ހައުސް އިން މިދިޔަ ރޯދަމަހު ވަނީ ފިތުރު ޒަކާތުގެ ގޮތުގައި ލިބުނު ފައިސާ އިން ފަގީރުންގެ ދަފުތަރުގައި ހިމެނޭ މާލެ ސަރަހައްދުގައި ދިރިއުޅޭ ކޮންމެ މީހަކަށް 8،000ރ. ބަހައިފަ އެވެ.