Roadha Mihaaru
ރާފިއު ފާހަގަކުރެއްވީ ދީމާގެ މައިންބަފައިންގެ ގުރުބާނީ

ޝުކުރުވެރިކަމާ އެކު، ރާފިއު ފާހަގަކުރެއްވީ ދީމާގެ މައިންބަފައިންގެ ގުރުބާނީ

17 މެއި 2024

އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓްގެ ޝަރަފު ހޯދި ދީމާގެ ކާމިޔާބުގައި އޭނާގެ މައިންބަފައިން ވި ގުރުބާނީ ފާހަގަކުރައްވައި، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެ ދެމަފިރިންނަށް ތައުރީފު ކުރައްވައިފި އެވެ.

އޮލިމްޕިކްސް އަށް ކޮލިފައިވި ފުރަތަމަ ދިވެހި އެތުލީޓްގެ ޝަރަފު ހޯދި ދީމާގެ ކާމިޔާބުގައި އޭނާގެ މައިންބަފައިން ވި ގުރުބާނީ ފާހަގަކުރައްވައި، ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އެ ދެމަފިރިންނަށް ތައުރީފު ކުރައްވައިފި އެވެ.

މިދިޔަ ބުދަ ދުވަހު، ނޭޕާލްގައި ނިމިގެން ދިޔަ ދެކުނު އޭޝިއާގެ ޓޭބަލް ޓެނިސް އޮލިމްޕިކްސް ކޮލިފައިން މުބާރާތް ކާމިޔާބު ކުރުމާ އެކު ދީމާ އަކީ އޮލިމްޕިކްސް އަށް ކޮލިފައިވި ރާއްޖޭގެ ފުރަތަމަ އެތުލީޓެވެ.

ދީމާގެ އެ ކާމިޔާބު ފާހަގަ ކުރަން މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވި ހަފުލާގައި ރާފިއު ވިދާޅުވީ ދީމާގެ ކާމިޔާބުގައި އެންމެ މުހިންމު ހިއްސާދާރުންނަކީ ދީމާގެ މަންމަ، އާއިޝަތު ވަހީދާ އާއި ބައްޕަ އަބްދުސައްތާރު އަލީ ކަމަށެވެ.

ދީމާގެ ތަމްރީނުތަކާއި މުބާރާތްތަކަށް ގައުމުން ބޭރަށް ދަތުރުކުރުމުގައި އެ ދެމަފިރިން ވީ ގުރުބާނީ އަކީ ރާއްޖެ އަށް ފަހުރެއް ކަމަށް ރާފިއު ސިފަ ކުރެއްވި އެވެ.

މިއަދުގެ ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު ރާފިއު ވާހަކަ ދައްކަނީ: ދީމާގެ މައިންބަފައިންގެ މަސައްކަތް މިނިސްޓަރު ފާހަގަ ކުރެއްވި --- ފޮޓޯ: ނިޝާން އަލީ | މިހާރު

މިއަދުގެ ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު ރާފިއު ވާހަކަ ދައްކަނީ: ދީމާގެ މައިންބަފައިންގެ މަސައްކަތް މިނިސްޓަރު ފާހަގަ ކުރެއްވި --- ފޮޓޯ: ނިޝާން އަލީ | މިހާރު

ރާފިއު ވިދާޅުވީ، ދީމާގެ ކިޔެވުމާ ޓްރޭނިންތަކަށް ރާއްޖޭން ބޭރަށް ދިއުމާއި މުބާރާތްތަކަށް ދިއުމުގައި ކަންތައްތައް ހުރި ގޮތް، މީގެ ދެން އަހަރު ކުރިން ދީމާގެ ބެލެނިވެރިންގެ ކިބައިން އޭނާ ސާފު ކުރެއްވި ކަމަށެވެ.

"އަޅުގަނޑު އަހާލިން ކިޔެވުމުގެ ކަންތައްތައް ކިހިނެއްހޭ ކުރިއަށް ގެންދަނީ؟ ޕޭރެންޓުން ވިދާޅުވީ އޮންލައިން ކްލާހުންނޭ ކިޔަވާނީ،" ރާފިއު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ތަމްރީނުތަކަށް ރާއްޖޭން ބޭރަށް ދަތުރުކޮށް، ގާތްތިމާގެ މީހުންނާއި ކޮމިޔުނިޓީއާ ދުރުގައި ވަރަށް ގިނަ ދުވަސްތަކެއް ހޭދަވާކަން ދީމާގެ ބެލެނިވެރިން ކިޔައިދިން ކަމަށެވެ.

"މިހުރިހާ ކަންތައްތަކެއް ކުރުމުގައި މި ސެކްރިފައިޒް ވެގެންދަނީ (ދީމާގެ ބެލެނިވެރިންގެ) ވަރަށް ބައިވަރު ކަންތައްތަކެއް،" ރާފިއު ވިދާޅުވި އެވެ.

"މި ހުރިހާ ކަމެއް ތަހައްމަލުކޮށްގެން އަޅުގަނޑުމެންގެ ގައުމު ފަހުރުވެރިވާ ދަރަޖައަކަށް ގެނެސްދެއްވީތީ ދީމާގެ ޕޭރެންޓުންނަށް ވަރަށް ހާއްސަ ޝުކުރެއް އަޅުގަނޑު ރައްދުކުރަން."

ދިމާ އަށް މަރުހަބާ ކިޔުމަށް ބޭއްވި ހަފުލާގެ ތެރެއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު

ދިމާ އަށް މަރުހަބާ ކިޔުމަށް ބޭއްވި ހަފުލާގެ ތެރެއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ އެތުލީޓުންގެ ފަހަތުގައި ތިބެންޖެހޭ އެހެން ޓެކްނިކަލް މީހުންނާއި އަދި ސަޕޯޓް ދޭ ބޭސްގައި ތިބޭ އެކި ދާއިރާތަކުގެ މީހުން ތަމްރީނު ކުރުމަށް ސްކޮލާޝިޕްތައް ހަމަޖެހިގެންދާނެ ކަމަށެވެ.

ރާއްޖޭގެ ކުޅިވަރު އެހެން ހަރުފަތަކަށް ގެންދެވޭނީ އެތުލީޓުންގެ ފަހަތުގައި ތިބޭ ސަޕޯޓްބޭސްގައި ހިމެނޭ ބައިވަރު މީހުން ތަމްރީނުކޮށްގެން ކަމަށް، ކުރީގެ ސްޕޯޓްސް ފިޒީޝަން ވިދާޅުވި އެވެ.

"އެތުލީޓުންގެ ފަހަތުގައި ތިބޭ ޓީމު ބިލްޑްކުރުމުގެ މަސައްކަތް އަޅުގަނޑުމެން ކުރަމުން މިދަނީ. ބިހައިންޑް ދަ ޓީމު،" ރާފިއު ވިދާޅުވި އެވެ.

"ކޯޗުން ތަމްރީނުކުރުން ވިޔަސް ޓީމަށް ބޭނުންވާ ހުރިހާ އެހީތަކެއް ކަމުގައިވިޔަސް. މިއަށްވުރެ އާ އުސްމިނަކަށް އަޅުގަނޑުމެންނަށް (ކުޅިވަރު) ގެންދެވެން އޮތީ ވަރަށް ބައިވަރު މީހުން ތަމްރީނުކޮށްގެން."