Roadha Mihaaru
ދީމާއަށް ޓަކައި؛ ބަންޑުންކޮށްލީ ލޯތްބާއި އިހްތިރާމް

ދީމާ އަށް ޓަކައި؛ ބަންޑުންކޮށްލީ ލޯތްބާއި އިހްތިރާމާ ގަދަރު

17 މެއި 2024

އޮލިމްޕިކް ގޭމްސް އަށް ކޮލިފައިވި، ފުރަތަމަ ދިވެހި އެތުލިޓްގެ ޝަރަފު ހޯދި ފާތިމަތު ދީމާ އަލީ އަށް، ލޯތްބާއި އިހްތިރާމާ އެކު މަރުހަބާ ކިޔައިފި އެވެ.

އޮލިމްޕިކް ގޭމްސް އަށް ކޮލިފައިވި، ފުރަތަމަ ދިވެހި އެތުލިޓްގެ ޝަރަފު ހޯދި ފާތިމަތު ދީމާ އަލީ އަށް، ލޯތްބާއި އިހްތިރާމާ އެކު މަރުހަބާ ކިޔައިފި އެވެ.

ދީމާ އަށް މަރުހަބާ ކިޔަން ސޯޝަލް ސެންޓަރުގައި މިއަދު މެންދުރު ފަހު ބޭއްވި ހަފުލާގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު އާއި އޮލިމްޕިކް ކޮމިޓީގެ ޗެއާމަން މުހައްމަދު އަބްދުސައްތާރު ބައިވެރިވެ ވަޑައިގަތެވެ. އަދި ޓީޓީ އާއި އެހެން ކުޅިވަރުތަކުގެ އެތުލީޓުން ވެސް ހާޒިރުވެ ތިއްބެ އެވެ.

ސޯޝަލް ސެންޓަރުގެ ހޯލަށް ދީމާ ވަނީ، ރާއްޖޭގެ ސަގާފަތް ދައްކުވައިދޭ ޕެރޭޑެއް އޭނާގެ ފަހަތުގައި އޮވެގެން އޭނާ އަށް ހިޔާ އަޅައި ދެމުންނެވެ. އޭނާގެ ފަހަތުން ބޮޑުބެރު ޖަހަމުން ދިޔައިރު ދޫލައިގެ ދެ އަރިމަތިން ދިގު ދެ ސަފެއް ހަދައި އެތުލީޓުންނާއި ރާއްޖޭގެ ކުޅިވަރުގެ އެހެން އޮފިޝަލުން އޭނާ އޭނާ އަށް އިހްތިރާމް އަދާކުރަން އެ ސަފުގައި އެތުރިގެން ތިއްބެވެ.

މި މަންޒަރުތައް މީގެ ކުރިން އެންމެ އާންމުކޮށް ފެންނާނީ ބޭރު ގައުމުތަކުގެ އިއްޒަތްތެރިން ރާއްޖެ ވަޑައިގަންވާ އިރު، އެ ބޭބޭފުޅުނަށް މަރުހަބާ ކިޔަން ބާއްވާ ހަފުލާތަކުގަ އެވެ.

މި ރަސްމިއްޔާތުގައި ސްޕޯޓްސް މިނިސްޓަރު އަބްދުﷲ ރާފިއު ވިދާޅުވީ ދީމާގެ އެ ކާމިޔާބަކީ ބުރަ މަސައްކަތުގެ މިސާލެއް ކަމަށެވެ.

ދިމާ އަށް މަރުހަބާ ކިޔުމަށް ބޭއްވި ހަފުލާގެ ތެރެއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު

ދިމާ އަށް މަރުހަބާ ކިޔުމަށް ބޭއްވި ހަފުލާގެ ތެރެއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު

"ހާޑް ވޯކް. ޑެޑިކޭޝަން، ޑިޓާމިނޭޝަން. މިއީ އެތުލީޓެއް ހަނދާން ނައްތާލައިގެން ވާނެ ބަސްތަކެއް ނޫން،" ރާފިއު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، ދީމާގެ އެ ކާމިޔާބުގައި އެންމެ ބޮޑު ގުރުބާނީއެއް ވި ބަޔަކީ އޭނާގެ މައިންބަފައިން ކަމަށެވެ. އާއިލާ އާއި ގާތްތިމާގެ މީހުންނާ ދުރުގައި ރާއްޖޭން ބޭރުގައި ތަމްރީނު ހަދައި މުބާރާތްތަކަށް ދިއުމަކީ އޭނާގެ މައިންބަފައިން ރާއްޖެ އަށް ޓަކައި ވީ ވަރަށް ބޮޑު ގުރުބާނީއެއްގެ ގޮތުގައި މިނިސްޓަރު ސިފަ ކުރެއްވި އެވެ.

"މި ހުރިހާ ސެކްރިފައިޒެއްވެ، މި ހުރިހާ ކަމެއް ތަހައްމަލުކޮށްގެން އަޅުގަނޑުމެންގެ ގައުމު ފަހުރުވެރިވާ ދަރަޖައަކަށް ގެނެސްދެއްވީތީވެ ދީމާގެ ޕޭރެންޓުންނަށް ވަރަށް ހާއްސަ ޝުކުރެއް އަޅުގަނޑު ރައްދު ކުރަން،" ރާފިއު ވިދާޅުވި އެވެ.

ދީމާގެ ގައިގައި އެހެން އެތުލީޓަކު ބައްދާލަނީ: އޭނާ އަށް އޮތް އިހުތިރާމު ފެނިގެން ދިޔަ --- ފޮޓޯ: ނިޝާން އަލީ | މިހާރު

ދީމާގެ ގައިގައި އެހެން އެތުލީޓަކު ބައްދާލަނީ: އޭނާ އަށް އޮތް އިހުތިރާމު ފެނިގެން ދިޔަ --- ފޮޓޯ: ނިޝާން އަލީ | މިހާރު

އޮލިމްޕިކް ކޮމިޓީގެ ޗެއާމަން، އަބްދުސައްތާރު ވިދާޅުވީ ދީމާގެ ހިތްވަރުން އެހެން އެތުލީޓުން ވެސް މިސާލު ނަގައި އެހާހިސާބަށް ދާން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.

ސްވިމިން އެސޯސިއޭޝަންގެ ރައީސްކަން ވެސް ކުރައްވާ ސައްތާރު ވިދާޅުވީ ކޮލިފައިވެގެން އޮލިމްޕިކްސް އަށް ދެވޭނެ ކަމަކަށް މީގެ ކުރިން ދިވެހިން އުންމީދު ނުކުރާ ކަމަށެވެ. އެކަމަކު ދީމާގެ އެ ކާމިޔާބާ އެކު އެއީ ދިވެހިންނަށް ވެސް ކުރެވޭނެ ކަމެއް ކަމަށް މިއަދު ގަބޫލުކޮށްފި ކަމަށް ސައްތާރު ވިދާޅުވި އެވެ.

"އެއަށް ފޯކަސްކޮށްގެން ދީމާ އެ ކުރި މަސައްކަތުގެ ނަތީޖާ މިއަދު މި ފެނުނީ. އީދެއް. ޗުއްޓިއެއް އެހެން ދުވަސްވަރަކަށް ނުބަލާ މަސައްކަތް ކުރީމަ،" ސައްތާރު ވިދާޅުވި އެވެ.

"ދީމާ އެ ކުރި މަސައްކަތަކީ އަޅުގަނޑުމެންނަށް އެންވިޒިޖް [ތަސައްވަރު] ނުކުރެވޭހާ ބޮޑު މަސައްކަތްތަކެއް."

ދީމާގެ ކޯޗު ޒެވެނެމިރް، މިސްޓަރު ރާފިއު، ދީމާ އަބްދުއްސައްތާރު، އަލީ ރަޝިދު، މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވި ހަފުލާގެ ތެރެއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު

ދީމާގެ ކޯޗު ޒެވެނެމިރް، މިސްޓަރު ރާފިއު، ދީމާ އަބްދުއްސައްތާރު، އަލީ ރަޝިދު، މިއަދު ސޯޝަލް ސެންޓަރުގައި ބޭއްވި ހަފުލާގެ ތެރެއިން --- ފޮޓޯ: ނިޝާން އަލީ | މިހާރު

ޓީޓީއެސޯސިއޭޝަންގެ ރައީސް އަލީ ރަޝީދު ވަނީ ދީމާ އަށް ހާއްސަކޮށްގެން 10 އަހަރުވަންދެން ޓީޓީއޭއެމުން ކުރި މަސައްކަތް ފާހަގަކޮށްފަ އެވެ. ކްރޮއޭޝިއާ އާއި ޗައިނާގެ ޓްރޭނިން ކޭމްޕްގެ ފުރުސަތުތައް ދީމާގެ ކާމިޔާބުގައި ބޮޑު އެހީއެއް ކަމަށް އަލީ ވިދާޅުވި އެވެ.

އޮލިމްޕިކްސް އަށް ދީމާ ކޮލިފައިވީ، މިދިޔަ ބުދަ ދުވަހު ނޭޕާލްގައި ބޭއްވި ދެކުނު އޭޝިއާގެ ކޮލިފައިން މުބާރާތް ކާމިޔާބުކޮށްގެންނެވެ. ލަންކާގެ އެއްވަނަ ކުޅުންތެރިޔާ ބިމަންދީ ބަންޑަރާއާ ދެކޮޅަށް ފައިނަލުގައި ކުޅެ ދީމާ ކާމިޔާބު ކުރީ 4-1 ންނެވެ.