Roadha Mihaaru
ދައުލަތުގެ ޖުމްލަ ދަރަނި 126 ބިލިއަން ރުފިޔާއަށް

ދައުލަތުގެ ޖުމްލަ ދަރަނި 126 ބިލިއަން ރުފިޔާއަށް އަރައިފި

19 މެއި 2024

މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ދައުލަތުގެ ޖުމްލަ ދަރަނި 126 ބިލިއަން ރުފިޔާ އަށް އިތުރުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

މި އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުނުއިރު ދައުލަތުގެ ޖުމްލަ ދަރަނި 126 ބިލިއަން ރުފިޔާ އަށް އިތުރުވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީގެ "ކުއާޓާލީ ބުލެޓިން"ގައި އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން އެނގޭ ގޮތުގައި ފުރަތަމަ ތިން މަހު ދައުލަތުގެ ދަރަންޏަށް ވަނީ 1.4 ބިލިއަން ރުފިޔާ އިތުރުވެފަ އެވެ. މިދިޔަ އަހަރު ނިމުނު އިރު ދަރަނި ހުރީ 124.8 ބިލިއަން ރުފިޔާގަ އެވެ.

ދަރަނި އިތުރުވެފައި ވަނީ އެތެރޭގެ މާކެޓުން ނެގި ދަރަނި އިތުރުވުމުންނެވެ. ފުރަތަމަ ތިން މަހުގެ ތެރޭގައި އެތެރޭގެ ދަރަނި ވަނީ 74 ބިލިއަން ރުފިޔާ އަށް އަރައިފަ އެވެ. އެ އަދަދު މިދިޔަ ފެށުނު އިރު ހުރީ 72.8 ބިލިއަން ރުފިޔާގަ އެވެ.

އެތެރޭގެ ދަރަނި އިތުރުވި ނަމަވެސް، ބޭރުގެ ދަރަންޏަށް މާ ބޮޑު ބަދަލެއް ނާދެ އެވެ. ޖުމްލަ ބޭރުގެ ދަރަނި ހުރީ 38 ބިލިއަން ރުފިޔާގަ އެވެ.

ދަރަނީގެ ތެރެއިން ދައުލަތުން ސީދާ ނެގި ލޯނުގެ އަދަދު ހުރީ 112 ބިލިއަން ރުފިޔާގަ އެވެ. އަދި ދައުލަތުން ގެރެންޓީ ދިން ލޯނުގެ އަދަދު ހުރީ 14 ބިލިއަން ރުފިޔާގަ އެވެ. އެ މުއްދަތުގައި ދައުލަތުން ގެރެންޓީ ދިން އަދަދު ވަނީ ގާތްގަނޑަކަށް 170 މިލިއަން ރުފިޔާ ދަށްވެފަ އެވެ. އެހެން ނަމަވެސް ޑޮމެސްޓިކް މާކެޓުން ނެގި ލޯނުތަކުގެ ސަބަބުން ދައުލަތުން ސީދާ ނެގި ލޯނާއި ބޮންޑުގެ އަދަދު ވަނީ އިތުރުވެފަ އެވެ.

ދައުލަތުގެ ދަރަނި އިތުރުވި އިރު ޖީޑީޕީގެ ނިސްބަތުން ދަރަނި ހުރި މިންވަރު ވަނީ މި އަހަރު ފެށުނު އިރު ހުރި އަދަދަށް ވުރެ 6.4 ޕަސެންޓު ދަށްވެފަ އެވެ. ދައުލަތުގެ ދަރަނި މިވަގުތު ހުރީ 110 ޕަސެންޓުގަ އެވެ. މިދިޔަ އަހަރު ނިމުނު އިރު އެ އަދަދު ހުރީ 116 ޕަސެންޓުގަ އެވެ.

މިއަހަރު ނިމޭ އިރު ދައުލަތުގެ ޖުމްލަ ދަރަނި 131 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ބަޖެޓު ފޮތުގައި ލަފާކޮށްފައިވެ އެވެ. އެއީ ރާއްޖޭގެ އުފެއްދުންތެރިކަމުގެ ނިސްބަތުން 114 ޕަސެންޓެވެ.