Roadha Mihaaru
ކޭޕާކްގެ އެޕާޓްމެންޓާއި ގެއްލުމުގެ ބަދަލު ނަގައިދީފި

ކޭޕާކްގެ އެޕާޓްމެންޓެއް ހަވާލުކޮށް، ގެއްލުމުގެ ބަދަލު ދޭން ހުކުމްކޮށްފި

20 މެއި 2024

ކޭޕާކުން ވިއްކި އެޕާޓްމަންޓްތަކުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަނބަލުން ހާދިޖާ ސަނާ ގަތް އެޕާޓްމަންޓް ނުލިބިގެން ކޯޓަށް ހުށަހެޅި މައްސަލާގައި އެ އެޕާޓްމެންޓަކީ އޭނާގެ ތަނެއް ކަމާއި އެ ތަން ނުދިނުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭން ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ކޭޕާކުން ވިއްކި އެޕާޓްމަންޓްތަކުން، ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ދަރިކަނބަލުން ހާދިޖާ ސަނާ ގަތް އެޕާޓްމަންޓް ނުލިބިގެން ކޯޓަށް ހުށަހެޅި މައްސަލާގައި އެ އެޕާޓްމެންޓަކީ އޭނާގެ ތަނެއް ކަމާއި އެ ތަން ނުދިނުމުގެ ސަބަބުން ލިބުނު ގެއްލުމުގެ ބަދަލު ނަގައިދޭން ސިވިލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

ކޭޕާކްގެ ނަމުގައި ހުޅުމާލޭގައި އިމާރާތް ކުރަމުންދާ ލަގްޒަރީ އެޕާޓްމެންޓްތައް ވިއްކުމުގައި އެ ކުންފުނިން ވަނީ މަކަރާއި ހީލަތް ހަދައި، އެތައް ބަޔަކަށް އޮޅުވާލައިފަ އެވެ. ފްލެޓް ގަތް ގިނަ ބަޔަކު ވަނީ މި މައްސަލަ ކޯޓަށް ހުށަހަޅައިފަ އެވެ.

އެ ފްލެޓްތައް އިމާރާތްކުރަމުން އަންނަ ހަންބޯ ކުންފުނީގެ ދިވެހި ހިއްސާދާރު ހަސަން މަމްދޫހު (މަންޑޭ) ސޮއި ފޯޖްކޮށް، އެއް އެޕާޓްމެންޓެއް އެތައް ބަޔަކަށް ވިއްކައި، އެ އެޕާޓްމެންޓްތައް ވިއްކި ފައިސާ އަމިއްލަ ބޭނުންތަކަށް ބޭނުންކޮށް މައި ކުންފުނި، ހަންބޯއަށް އެއްވެސް ފައިސާއެއް ނުދީ، ސްކޭމް ކުރުމުގެ ތުހުމަތު ވަނީ ކޮށްފަ އެވެ. އަދި އެ މައްސަލާގައި މަންޑޭގެ މައްޗަށް ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ވަނީ ދައުވާ ވެސް އުފުލައިފަ އެވެ.

ކޭޕާކް ރެސިޓެންސް އިން އެތައް ބަޔަކު އެޕާޓްމެންޓް ގަނެފައިވާއިރު، އެ އެޕާޓްމެންޓްތައް ވިއްކި ފައިސާ ހަންބޯ ކުންފުންޏަށް ލިބިފައިނުވާތީ، އެޕާޓްމެންޓްތައް ހަވާލުކުރުމަށާއި އެއްބަސްވުންތަކަށް އަމަލު ކުރަން އެ ކުންފުނިން ދަނީ ދެކޮޅު ހަދަމުންނެވެ. އެހެންވެ، ހަދީޖާ ސަނާ ވަނީ އޭނާ ގަތް ކޭޕާކް އެޕާޓްމެންޓް ހޯދަން ސިވިލް ކޯޓަށް މައްސަލަ ހުށަހަޅައިފަ އެވެ.

އެ މައްސަލާގައި މިއަދު ސިވިލް ކޯޓުގެ ގާޒީ މުހައްމަދު އިސާފުޅު ނިންމެވި ނިންމުމުގައިވަނީ ސަނާ އެޕާޓްމެންޓް ގަތް އެއްބަސްވުމުގެ ސައްހަ އެއްބަސްވުމެއް ކަމަށް ކަނޑައަޅައިފަ އެވެ. އެގޮތަށް ކަނޑައެޅީ ހުކުމްގައިވާ ގޮތުން، ދައުވާގެ ހުރިހާ ލިޔުންތަކާ ދައުވާ ލިބޭ ކުންފުނިން ހަވާލުވެ އެ ދައުވާއަށް ރައްދު ދޭން އޮތް މުއްދަތުގައި އެކަން ނުކޮށްފައިނުވާތީ، އަދި އެހެން ގޮތަކަށް އެ އެއްބަސްވުމާ މެދު ސާބިތު ވެފައިނުވާތީ އެވެ.

އެ އެއްބަސްވުމާ އެއްގޮތަށް، އެޕާޓްމެންޓަކީ ސަނާއާ ހަވާލުކުރަން ޖެހޭ ތަނެއް ކަމަށް ހުކުމްގައި ފާހަގަކޮށްފައިވެ އެވެ. އެ އެއްބަސްވުމުގެ ދަށުން އެޕާޓްމެންޓް ހަވާލު ކުރުމުގެ މުއްދަތު މިހާރު ވަނީ ފަހަނައަޅައި ގޮސްފަ އެވެ. އެހެންވެ، ސަނާ ވަނީ އެޕާޓްމެންޓް މުއްދަތުގައި ހަވާލު ނުކުރުމުގެ ސަބަބުން އޭނާއަށް ލިބުނު ގެއްލުން ބަދަލުގެ ގޮތުގައި ނަގައިދޭން އެދިފަ އެވެ.

އެ ތަން ނުލިބިގެން އެހެން ތަނެއް ކުއްޔަށް ނެގުމުގެ ސަބަބުން ދައްކަން ޖެހޭ ކުލީގެ ގޮތުގައި 998،200 ރުފިޔާ އާއި 58،733 ޑޮލަރު ހަރަދުކޮށްފައިވާ ކަން ލިޔުންތަކުން އެނގޭ ކަމަށް ހުކުމްގައިވެ އެވެ. މި ބަދަލަކީ ހިސާބުކޮށް ދެނެގަނެވޭ ބާވަތުގެ ގެއްލުމެއް ކަމަށްވާތީ، އެ ފައިސާއަކީ ދައުވާ ކުރާ ފަރާތަށް ލިބެންޖެހޭ ފައިސާއެއް ކަމަށް ހުކުމްގައި ވަނީ ކަނޑައަޅައިފަ އެވެ.

މީގެއިތުރުން ޝަރީއަތުގެ ހަރަދުގެ ގޮތުގައި 12،000 ރުފިޔާ ދައުވާ ލިބޭ ހަންބޯ ކުންފުނިން ދައްކަން ޖެހޭނެ ކަމަށް ވެސް ހުކުމްގައިވެ އެވެ. މި ހުރިހާ ފައިސާއެއް 30 ދުވަހުގެ ތެރޭގައި އެ ކޯޓަށް ޖަމާކުރުމަށް ކުންފުނީގެ މައްޗަށް ގާޒީ ވަނީ އަމުރުކުރައްވައިފަ އެވެ.